ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ
މައްސަލަތަކުގައި އެ ކުދިން ތަހުގީގަށް ދީފައި ހުންނަ ވީޑިއޯ އިންޓަވިޔުތައް
ދިފާއަށް ކޯޓުން ބޭރުގައި ބެލޭގޮތަށް ނެރެފައިވާ ހެކި ރައްކާތެރި ކުރުމުގެ އަމުރު
ބާތިލު ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.

މި މައްސަލައަކީ ކްރިމިނަލް ކޯޓުން ހެކި
ރައްކާތެރި ކުރުމުގެ އަމުރު ނެރެފައިވާ ގޮތާއި ގުޅޭގޮތުން ދައުލަތުން އިސްތިއުނާފު
ކުރި މައްސަލައެކެވެ. އެގޮތުން މި މައްސަލައިގައި އުފުލާފައިވާ ދައުވާއަކީ ކުޑަކުއްޖަކު
އިތުބާރު ކުރަންޖެހޭ މަޤާމެއްގައި ހުރި މީހަކު އެ ކުއްޖާއާމެދު ޖިންސީ އަމަލެއް
ހިންގުމުގެ ކުށުގެ ދައުވާ އެވެ.

އެ ދައުވާގެ ހެކި ރައްކާތެރި ކުރުމަށްޓަކައި
ދައުލަތުން ހުށަހެޅިއިރު، ޝަރީއަތުގެ މަރުޙަލާގައި ކޯޓުން ކަނޑައަޅާ ވަކި އުސޫލުތަކެއްގެ
ތެރެއިން ހެކިތައް ދިފާއަށް ދިރާސާ ކުރެވޭގޮތަށް އަމުރު ނެރުމަށް ދައުލަތުން އެދުނެވެ.
ނަމަވެސް އަމުރު ނެރުނުއިރު އެ އަމުރު އޮތީ ދިފާއުން ކޯޓުން ބޭރުގައިވެސް އެ ހެކިތަކަށް އެކްސެސް ވެވޭ
ގޮތަށެވެ. އެގޮތުން އަނިޔާލިބުނު ކުއްޖާގެ ބަޔާނާއި އިންޓަވިއު ވީޑިއޯ ރެކޯޑިންގ އަދި
ހެކިބަސްދޭ އެހެން ކުއްޖެއްގެ ތަހުގީގު ބަޔާނާއި ވީޑއޯ ރެކޯޑިންގ ހިމެނެ އެވެ.

އެހެންވެ ދައުލަތުން އެ ނިންމުން ހައިކޯޓުގައި
އިސްތިއުނާފު ކުރުމުން ހައިކޯޓުންވެސް ނިންމީ ދަށު ކޯޓުގެ ނިންމުމާ އެއްގޮތަށެވެ.

އަނެއްކާވެސް އެ ނިންމުން ދައުލަތުން ސުޕްރީމް
ކޯޓުގައި އިސްތިއުނާފު ކުރުމުން ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި
ފަނޑިޔާރުންގެ އިއްތިފާޤުން ވަނީ ކުޑަކުދިން ތަހުގީގަށް ދީފައި ހުންނަ އިންޓަވިއުތަކަށް
ކޯޓުން ބޭރުގައި އެކްސެސްވެވިގެން ނުވާނެކަމަށް ކަނޑައަޅުއްވާފަ އެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވީ ފަނޑިޔާރު
ޑރ މުޙައްމަދު އިބްރާހިމް، ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު ޑރ
އަބްދުﷲ ހަމީދު އެވެ.