އެކި ބާވަތްތަކުގެ ގަސްކާނާ އާއި ކެމިކަލް ހުރި ގުދަނުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގެ ޚާއްޞަ ތަހުގީގެއް ފުލުހުން ފަށައިފި އެވެ. 

ބުރާސްފަތި ދުވަހު ފުލުހުން ބުނީ، މާލޭގެ މާފަންނު، އިއްޒުއްދީނު މަގާއި ފުލޫނިޔާމަގު ގުޅުނު ކަންމަތީގައި ހުންނަ "ޕްރައިމް ފާޓިލައިޒާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" ގެ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު 18 މާރިޗު 2026 ވަނަ ދުވަހުގެ ރޭ 21:57 އެހައިކަންހާއިރު ލިބިފައިވާ ކަމަށެވެ. 

މި ހާދިސާގެ ރިޕޯޓް ލިބުމާއެކު، ފުލުހުންނާއި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ޓީމުތަކުން އެ ސަރަހައްދަށް ގޮސް، އަލިފާން ނިއްވުމުގެ މަސައްކަތް ކޮށް، އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވަނީ 22:49 ހާއިރު އެވެ. އަދި އެއްކޮށް އަލިފާން ނިއްވާލެވުނީ ބުދަ ދުވަހުގެ ރޭ ފަތިހު 04:58 ހާއިރު އެވެ. 

އަލިފާން ރޯވި ގުދަނަކީ އެކި ބާވަތްތަކުގެ ގަސްކާނާއާއި، ޕެސްޓިސައިޑްސްއާއި، ދަނޑުވެރިކަމަށް ބޭނުންކުރާ ސާމާނުގެ އިތުރުން ޖަނަރޭޓަރެއްވެސް ހުރި ތަނެއް ކަމަށް ފުލުހުން ބުނެ އެވެ. 

މީގެ އިތުރުން ފުލުހުން ބުނީ، މި އަލިފާނުގެ ހާދިސާގައި، އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި އެމްއެންޑީއެފްގެ ސިފައިންގެ މީހަކަށް އަނިޔާވެގެން، ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވާ ކަމަށެވެ. މި ހާދިސާގެ ސަބަބުން ގުދަނަށާއި އެތަނުގައި ހުރި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އެ ސަރަހައްދުގައި ހުރި 13 ސައިކަލަކަށާއި، ޕިކަޕަކަށާއި، ކުންފުނީގެ ވޭނަކަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. 

ފުލުހުން ބުނީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނާއި، ގުދަނުގައި ހުރި ކެމިކަލްތަކުގެ ސަބަބުން އުފެދުނު ދުމުގެ އަސަރު ކޮށްފާނެތީ، އެ ސަރަހައްދުގައި ދިރިއުޅޭ 77 މީހަކަށް، ކަމާބެހޭ އިދާރާތަކުގެ އެހީތެރިކަމާއެކު ވަގުތީ ބޯހިޔާވަކިން ވެސް ފޯރުކޮށްދީފައިވާ ކަމަށެވެ. 

ފުލުހުން މިހާރު ގެންދަނީ ސީން ޕްރޮސެސް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ޚާއްސަ ތަހުގީގެއް ފަށާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.