އަލިފާނުގެ ހާދިސާ އާއި ގުޅިގެން ފައިނަލް ރަޖިސްޓްރީގައި ސޮއިކުރުމުގެ މަސައްކަތް ސޯޝަލް ސެންޓަރަށް ބަދަލުކޮށް ސޮއިކުރަން ފަށައިފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ އިންތިހާބާ ބެހޭ މަރުކަޒާ އިންވެގެން އިން ޕްރައިމް ފަރޓިލައިޒާގެ ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިޚާބީ މަސައްކަތްތައް މެދުކަނޑާނުލައި ތާވަލާ އެއްގޮތަށް ކުރިއަށްދާނެ ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ މި ހާދިސާއާ ގުޅިގެން މަސައްކަތްތަކަށް ބުރޫއެރިޔަނުދިނުމަށްޓަކައި، ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ސިޔާސީ ޕާޓީތަކުންނާއި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުމުގެ މަސައްކަތް މިހާރު ސޯޝަލް ސެންޓަރުގައި ފަށައިގެން ކުރިއަށްދާ ކަމަށެވެ.
2026 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި ބޭނުންކުރާ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުން ސޮއިކުރުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ 2026 މާރިޗު 17 ވާ އަންގާރަ ދުވަހުން ފެށިގެން އެ މަހުގެ 19 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 03:00 އަށް އަދި ރޭގަނޑު 09:30 އިން 12:00 އަށް ސޮއިކުރުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސާފަ އެވެ.
މި މަސައްކަތް ކުރިއަށްދާނީ އިލެކްޝަންސް ކޮމިޝަނުގެ އިންތިޚާބާބެހޭ މަރުކަޒުގައި ކަމަށްވީ ނަމަވެސް، އަލިފާނުގެ ހާދިސާއާ ގުޅިގެން ވަގުތީ ގޮތުން މިހާރު މި މަސައްކަތް ކުރިއަށްދަނީ ސޯޝަލް ސެންޓަރުގަ އެވެ. ކެންޑިޑޭޓުގެ ބަދަލުގައި އެހެން ފަރާތަކުން ސޮއިކުރަން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ކެންޑިޑޭޓު ސޮއިކޮށްފައިވާ ސިޓީއެއް ހުށަހަޅަންޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތުދެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި، ބަދަލުގައި ވަޑައިގަންނަވާ ފަރާތުން ހުށަހަޅާ ސިޓީގައި އެ ފަރާތުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ހިމަނަންޖެހޭނެ އެވެ. މީގެ އިތުރުން، ކެންޑިޑޭޓުގެ އައިޑީކާޑު ކޮޕީއަކާއި، ސޮއިކުރަން ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑުގެ އަސްލު ގެންނަންވާނެ ކަމަށްވެސް އެ ކޮމިޝަނުން ބުނެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ހުރިހާ ކެންޑިޑޭޓުންވެސް ރަޖިސްޓަރީގައި ސޮއިކުރުމުގެ ކަންކަން ފުރިހަމަކުރުމަށް އިލްތިމާސްކޮށްފަ އެވެ.