"ޕްރައިމް ގޯޑައުން" ގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް އެއްވެސް ބުރުލެއް ނާރާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފި އެވެ.

އަލިފާން ރޯވި ގުދަން އެއްކޮށް އަނދާފައިވާއިރު، އީސީގެ އިންތިޚާބީ މަރުކަޒު ހުރީ ރޯވި ގުދަނާ ޖެހިގެންނެވެ.

އެސަރަހައްދުގައި ހުންނަވައި، ބުދަ ދުވަހުގެ ރޭ އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ، އަލިފާނުގެ ހާދިސާއާ ގުޅިގެން މަސައްކަތް މެދުކަނޑާލި ނަމަވެސް އިންތިޒާމްތައް ހަމަޖެހިފައިވާ ކަމަށެވެ.

އިންތިޚާބަށް ބޭނުންވާ ލިޔެކިޔުންތައް ރައްކާތެރިކަމާއެކު އިމާރާތުން ނެރިފައިވާކަން ފާހަގަކުރައްވައި ޒާހިދު ވިދާޅުވީ، އެއްވެސް ލިޔެކިއުމަކަށް ގެއްލުން ނުލިބޭ ކަމަށާއި، އިންތިޚާބުތަކުގެ ހުރިހާ ކަމެއް އެއްވެސް ބުރުލެއް އެރުމެއް ނެތި ކުރިއަށްދާނެ ކަމަށެވެ. 

މީގެ އިތުރުން ޒާހިދު ވިދާޅުވީ، އިންތިޚާބީ މަރުކަޒަށް ވަނުމުގެ ހުއްދަ އެމްއެންޑީއެފްގެ ފަރާތުން ލިބެންދެން މަސައްކަތް ކުރިއަށް ގެންދާނީ ސޯޝަލް ސެންޓަރުގައި ކަމަށެވެ.

ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބާއްވަން ނިންމާފައިވަނީ 4 އޭޕްރީލް 2026 ގަ އެވެ. އަދި އެ ދުވަހު، މަޖިލިސް އިންތިޚާބާއި، ރިޔާސީ އިންތިޚާބު އެއްކޮލުމާއި ގުޅޭގޮތުން ނަގާ ރެފަރެންޑަމްގެ ވޯޓު ވެސް ނަގާނެ އެވެ.