މި ސަރުކާރުން އޮތީ އައްޑޫސިޓީ ވީރާނާވާން ދޫކޮށްލާފައިކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އައްޑޫސިޓީގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަ
ދައްކަވަމުން ޝާހިދު ވިދާޅުވީ، އައްޑޫސިޓީއަކީ މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި
ތަރައްޤީގެ އެއްވެސް މަޝްރޫއެއް ހިންގާފައިވާ ސިޓީއެއް ނޫން ކަމަށާއި، އައްޑޫސިޓީ
އޮތީ ވީރާނާވާން ދޫކޮށްލާފައި ކަމަށެވެ. އަދި ވިދާޅުވީ، އައްޑޫސިޓީއަށް ދިރުމެއް
ގެނައުމަށް މަސައްކަތްކުރާ ހަމައެކަނި ބަޔަކީ ކައުންސިލުގައި ތިބި އެމްޑީޕީގެ
މެމްބަރުން ކަމަށެވެ.

ވީރާނާވާން ދޫކޮށްލާފައިވާ ތަނެއް އައްޑޫސިޓީއަކީ، ރޫހެއް ނެތި ގެއްލެމުންދާ ތަނެއް، ހަމައެކަނި އައްޑޫސިޓީއަށް ދިރުމެއް ގެނެސްދިނުމަށް މަސައްކަތް ކުރާ ބަޔަކީ އައްޑޫސިޓީ މޭޔަރާ އެމްޑީޕީގެ ކައުންސިލަރުން، އެއީ މިއަދު އައްޑޫސިޓީގައި އޮތް ދިރުމަކީ.
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

ޝާހިދު އިތުރަށް ވިދާޅުވީ، ކައުންސިލް އިންތިޚާބުގެ
ކެމްޕޭނުގައި ރައީސް މުޅިންވެސް އުޅުއްވަނީ މާލެ ސަރަޙައްދުގެ ޑޯޓުޑޯ ޙަރަކާތްތަކުގައި
ކަމަށާއި، އެކަމުން ލިބިދޭ މެސެޖު ވަރަށް ސާފު ކަމަށެވެ. އެގޮތުން އެކަމުން ހާމަވެގެން
ދަނީ ރަށްރަށުގެ ތަރައްޤީ ރައީސް އަދި މި ސަރުކާރަށް މުހިއްމު ނޫން މިންވަރުކަމަށްވެސް
ޝާހިދު ވިދާޅުވި އެވެ.

ރާއްޖޭގެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން ތިމަންމަނިކުފާނަށް މުހިއްމެއް ނޫނޭ، ވަޑައެއް ނުގަންނަވާނަމޭ ވޯޓެއް ހޯއްދަވާކަށް، އެއީ ސާފު މެސެޖަކީ. އައްޑޫސިޓީގެ ރައްޔިތުންވެސް ކަނުލާ އަޑުއައްސަވާ.
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

ހަމައެއާއެކު، މި ސަރުކާރު އައިފަހުން ބިންގާގެ މާނަވެސް ބަދަލުވެފައިވާކަން
ފާހަގަ ކުރައްވައި ޝާހިދު ވިދާޅުވީ، ބިންގާއަކީ އޭގެ ޒާތުގައި އޭގެ މައްޗަށް ތަނެއް
ބިނާވެގެން އަންނަ އެއްޗެއް ކަމަށާއި، ނަމަވެސް މި ސަރުކާރުގައި ބިންގާތައް ހުރީ
ހުރި ގޮތަށް ކަމަށެވެ.

އައްޑޫސިޓީއަށް އެކަނި ބަލާލިނަމަވެސް އެފަދަ
އެތައް ތަނެއް ހުރިކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި ވިދާޅުވީ، ރައީސް ރަށްރަށަށް
ވަޑައިނުގަންނަވަނީ އެތަންތަނުގެ ކުރިމައްޗަށް އަރަން ކެރިވަޑައިނުގަންނަވާތީ
ކަމަށެވެ.

ޝާހިދު ވަނީ އެމްޑީޕީން ވައުދު ފުއްދާނެ ކަމުގެ
ޔަޤީންކަން ދެއްވާފަ އެވެ. އަދި އެމްޑީޕީން އަބަދުވެސް އައްޑޫސިޓީގެ ތަރައްޤީއަށް
ވަކާލާތު ކޮށްދޭނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.