ވޯޓު ގަތުމަށްޓަކައި ވަޒީފާ ބަހަމުންގޮސް މިއަދު
ސަރުކާރުގެ ޔުޓިލިޓީ ކުންފުނިތަކުގައި 15،000ށް ވުރެ ގިނަ މުވައްޒަފުން އެބަތިބިކަމަށް
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙު ވިދާޅުވެއްޖެ އެވެ.
އައްޑޫސިޓީގެ ކެމްޕޭން ޖަލްސާގައި ވާހަކަ
ދައްކަވަމުން ރައީސް ސޯލިޙު ވިދާޅުވީ، މި ސަރުކާރުން ވޯޓު ހޯދުމަށްޓަކައި
ހަމައެކަނި ކުރަމުންދާ ކަމަކީ ސަރުކާރުގެ ކުންފުނިތަކުން ވަޒީފާތައް ދިނުން ކަމަށާއި،
ވަޒީފާތައް ދެމުންގޮސް ސަރުކާރުގެ ޔުޓިލިޓީ ކުންފުނިތަކުގައި މިއަދު 15،000ށް ވުރެ
ގިނަ މުވައްޒަފުން އެބަތިބި ކަމަށެވެ.
އެބަތިބި 15،000ށް ވުރެ ގިނަ މުވައްޒަފުން ސަރުކާރުގެ ޔުޓިލިޓީ ކުންފުނިތަކުގައި، ކޮން ބައެއްގެ ފައިސާއަކުންތޯ އެއީ؟ ހަމަ ވޯޓު ގަތުމަށްޓަކައި ދައުލަތުގެ ފައިސާ ރިޝްވަތުގެ ގޮތުގައި އެ ދެމުންދަނީ.ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙު
ރައީސް ސޯލިޙު ވިދާޅުވި ގޮތުގައި އެ ސިޔާސަތުތަކަށް
ނޫނެކޭ ބުނުމުގެ ގޮތުންވެސް ފެންނަ ނުފެންނަ ވޯޓުގައި ނޫނެކޭ ބުނަން ޖެހެ އެވެ.
މީގެ އިތުރުން، ރާއްޖެ ތަރައްޤީ ކުރެވޭނީ
ލާމަރުކަޒީ ނިޒާމުންކަން ފާހަގަ ކުރައްވައި ރައީސް ސޯލިޙު ވިދާޅުވީ، ރާއްޖެ ހިންގޭނީވެސް
ލާމަރުކަޒީ ނިޒާމުން ކަމަށެވެ. އަދި ސަރަޙައްދީ ތަރައްޤީގެ ވަކި ޕްލޭންތަކެއް
އޮންނަން ޖެހޭނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ސޯލިޙު ވިދާޅުވީ، ތަރައްޤީ ގެނައުމަށްޓަކައި
މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި، އެ މަސައްކަތްތައް މިހާރު ހުރީ
ހުއްޓިފައި ކަމަށެވެ. އެގޮތުން މި ވޭތުވެދިޔަ ދެއަހަރު ދުވަހުގެ ތެރޭގައި ތަރައްޤީގެ
އެއްވެސް މަސައްކަތެއް ކުރިއަށް ގޮސްފައިނުވާކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.