ރައްޔިތުންނަށް އޮޅުވާލައި، އެހެން އިންތިޚާބެއްގެ
ފަހަތުގައި ފޮރުވައިގެން ގެންނަ ކަރުދާސްކޮޅަކީ ބަލައިގަނެވޭނެ އެއްޗެއް ނޫންކަމަށާއި،
އެކަމަށް ނޫނެކޭ ބުނަން ޖެހޭކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙު
ވިދާޅުވެއްޖެ އެވެ.
އައްޑޫސިޓީގެ ކެމްޕޭން ޖަލްސާގައި ވާހަކަ
ދައްކަވަމުން ރައީސް ސޯލިޙު ވިދާޅުވީ، ބައެއް ރަށްރަށުގައި ވޯޓު ލާން ރަޖިސްޓަރ
ވެފައިވާ މީހުންގެ އަދަދަށްވުރެ މާލޭގައި ތިބޭ އެރަށެއްގެ ވޯޓުލާ މީހުންގެ އަދަދު
ގިނަ ކަމަށާއި، މިއީ ވިސްނާލަން ޖެހޭ ކަމެއް ކަމަށެވެ. އެގޮތުން ބައެއް
ދާއިރާތަކުގައި މާލޭގެ ވޯޓު ފޮށިން އެކަނިވެސް މުޅި ވޯޓުގެ ނަތީޖާ އެބަ
ބަދަލުކޮށްލާކަމަށް ރައީސް ސޯލިޙު ވިދާޅުވި އެވެ.
ރައީސް ސޯލިޙު ވިދާޅުވީ، ޤާނޫނުއަސާސީއަށް ބަދަލު
ގެނައުމަށް ވިސްނަވާ ބޭފުޅުން އެހެން ހުންނަ ކަންކަމާމެދު ވިސްނާލުންވެސް މާ ރަނގަޅުވާނެ
ކަމަށެވެ.
މިއީ ކަމުދާ ގޮތެއްތޯ އަޅުގަނޑު ހިތުން ޤާނޫނަށް އިސްލާޙު ގެންނަން އުޅޭ ބަޔަކު ވިސްނަންޖެހޭ، އަޅުގަނޑު ދެކޭ ގޮތުގައި މިއަށް ގެންނަންވީ ބަދަލަކީ މިކަހަލަ އިންތިޚާބުތަކުގައި ވޯޓު ލެވެން ޖެހޭނީ އެ ދާއިރާގައި އުޅޭ މީހުންނަށް އެކަންޏޭ.ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙު
ރައީސް ސޯލިޙު އިތުރަށް ވިދާޅުވީ، ރެފަރެންޑަމް
ވޯޓު ނެގުމަށްޓަކައި މިއަދު ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާޙަކީ އެއްވެސް ހަމައެއް
އުސޫލެއް ނެތި ގެނެސްފައިވާ އިސްލާޙެއް ކަމަށާއި، އޭގެ ހަމައެކަނި ބޭނުމަކީ ރިޔާސީ
އިންތިޚާބުގެ ނަތީޖާއާ ކުޅުން ކަމަށެވެ. އެގޮތުން ހެޔޮ ނިޔަތުގައި
ޤާނޫނުއަސާސީއަށް އިސްލާޙު ގެނެސްގެން ކަމެއް ކޮށްދޭން ބޭނުންވާނަމަ ކުރެވިދާނެ ކިތަންމެ
ކަމެއް އެބަހުރިކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން، ރައްޔިތުންނަށް އޮޅުވާލައި، އެހެން އިންތިޚާބެއްގެ
ފަހަތުގައި ފޮރުވައިގެން ގެންނަ ކަރުދާސްކޮޅަކީ ބަލައިގަނެވޭނެ އެއްޗެއް ނޫންކަން
ފާހަގަ ކުރައްވައި ރައީސް ސޯލިޙު ވަނީ އެ ވޯޓުގައި ނޫނެކޭ ބުނުމަށް
އެދިވަޑައިގެންފައެވެ.
މިކަންކަމާ އަޅުގަނޑުމެން ފުންކޮށް ވިސްނަންޖެހޭ، އަދި އިންތިޚާބާއެކު މި އަންނަ ތިން ވަނަ ކަރުދާސްކޮޅުގައި އަޅުގަނޑުމެން ބުނަން ޖެހޭނީ ހަމަ ނޫނެކޭ. އެއީ އަޅުގަނޑުމެންގެ މުޅި ނިޒާމު ހަލާކުކޮށްލާނެ ވޯޓެއް. 5 އަހަރު ތެރޭގައި ރައްޔިތުންގެ ގާތަށް ސަރުކާރުން ދާން ޖެހޭނެ އެއްވެސް ސަބަބެއް އޭގެ ފަހަކުން ނޯންނާނެ.ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙު
ރައީސް ސޯލިޙު ވަނީ އޭޕްރީލް 4 ގައި އޮންނަ ރިފަރެންޑަމް ވޯޓުގައި ނޫނެކޭ ބުނެ ސަރުކާރަށް ޖަވާބެއް ދިނުމަށް އެދިވަޑައިގެންފަ އެވެ.