ރެފަރެންޑަމް ވޯޓުގެ ފަހަތުގައި ސަރުކާރުގެ
މަކަރުވެރި ރޭވުންތަކެއް ފޮރުވިފައިވާކަން ފާޅުކޮށް ފެންނަމުންދާ ކަމަށާއި، ދެ އިންތިޚާބު
އެއްކޮށްލުމުން ޚަރަދު ކުޑަވަނީ ހަގީގަތުގައި ރައީސް ޑރ މުޙައްމަދު މުއިއްޒަށް
ކަމަށް ޤާނޫނީ ވަކީލު އައިކް އަހުމަދު އީސާ ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ ރާއްޖެޓީވީގެ ނޫނެކޭ ކެމްޕޭނު
ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

އައިކް ވިދާޅުވީ، މިއަދު މި ފެންނަމުންދަނީ ޤާނޫނުއަސާސީއަށް
8 ވަނަ އިސްލާޙު ގެނައުމުގެ ނަމުގައި ރައްޔިތުންނަށް ވާނުވާވެސް ސާފުނުވާގޮތަށް
ބޮޑެތި ނިޒާމީ ބަދަލުތަކެއް ގެންނަ މަންޒަރު ކަމަށާއި، މާދަމާ މިއަށްވުރެ ބޮޑެތި
ބަދަލުތައްވެސް މި ސަރުކާރުން ގެންނާނެ ކަމަށެވެ.

 އައިކް ވިދާޅުވި
ގޮތުގައި އެ ހުރިހާ ބަދަލެއް ގެނައުމަށްޓަކައި ސަރުކާރުން ދައްކަމުންގެންދާ
ހުއްޖަތަކީ ޚަރަދު ކުޑަކުރެވޭނެ ކަމާއި، ސިޔާސީ ހަމަނުޖެހުން ޤާއިމުވާނެ ކަމެވެ.

އެހެންނަމަވެސް، ދެ އިންތިޚާބު އެއްކޮށްލުމުން
ހަމައެކަނި ޚަރަދު ކުޑަވަނީ ރައީސް މުއިއްޒަށްކަން ފާހަގަ ކުރައްވައި އައިކް ވިދާޅުވީ،
އޭރުން އެއް ނޫޓު ބޮނޑިން ދެ ވޯޓު ގަނެވޭނެކަމަށެވެ.

އައިކް އިތުރަށް ވިދާޅުވީ، އެކަންކަމާ އަޅާނުލައި
ތިބެވެން ނެތް ކަމަށާއި، ކޯޓަށް މައްސަލަ ހުށަހަޅަން ޖެހުނީވެސް އެ ސަބަބާހުރެ
ކަމަށެވެ.

އިހުލާސްތެރިކަމެއް ނެތްކަން، ސަރުކާރުގެ މަކަރުވެރި ރޭވުންތަކެއް ފޮރުވިފައި ހުރިކަންވެސް މިކަމުން ހާމަވެގެން އެބަދޭ.
ޤާނޫނީ ވަކީލު އައިކް އަހުމަދު އީސާ

ރިފަރެންޑަމް ވޯޓާ ގުޅޭގޮތުން ދެ މައްސަލައެއް
ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން އެއް މައްސަލައަކީ ވަކީލު
އައިކް ހުށަހެޅުއްވި މައްސަލައެކެވެ. އެގޮތުން އެ މައްސަލައަކީ ރިފަރެންޑަމްގެ
ސުވާލާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލައެކެވެ.

އައިކް ވިދާޅުވީ، ސުވާލުގެ އިބާރާތް އޮތީ
ޤާނޫނުއަސާސީއަށް ގެނައި 8 ވަނަ އިސްލާޙު ތަސްދީޤު ކުރަން ފެނޭތޯ ނުވަތަ ނޫންތޯ
ކަމަށާއި، އެ އިސްލާޙުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނަގަން ޖެހޭ
ކަންކަމާ ނުގުޅޭ ގިނަ ތަފްސީލުތަކެއްވެސް ހިމެނޭކަމަށެވެ. އަދި ވިދާޅުވީ،
ހަގީގަތުގައި ސުވާލު ކުރަންޖެހޭނީ މަޖިލީހުގެ ދައުރު ކުރުކުރަން ރައްޔިތުން
އެއްބަސްވޭތޯ ނުވަތަ ނޫންތޯ ކަމަށެވެ.

އައިކް އިތުރަށް ވިދާޅުވީ، މިއަދު މަޖިލީހުގައިވެސް
އޮތީ ޕީއެންސީގެ ސުޕަމެޖޯރިޓީ ކަމަށާއި، ސުޕަރ މެޖޯރިޓީ ބޭނުންކޮށްގެން މުޅި
ދައުލަތުގެ ހުރިހާ ބާރެއް އެއްކުރަމުންދާ ކަމަށެވެ. މިސާލަކަށް ދައުލަތުގެ ބަޖެޓު
ފާސްކުރިގޮތަށް އަލިއަޅުވާލައްވައި އައިކް ވަނީ އެކަމަށް ފާޑުވިދާޅުވެފަ އެވެ.

އައިކް ވިދާޅުވި ގޮތުގައި ދެ އިންތިޚާބު އެއް
ދުވަހެއްގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާ ސަބަބަކީވެސް އެކަންކަން އެގޮތުގައި
ދެމި އޮންނާނެ މަގެއް ފަހި ކުރުމެވެ.