މާލޭގެ އިއްޒުއްދީން މަގާއި ފުލޫނިޔާ މަގު ގުޅުނު ކަންމަތީގައި ހުރި ގަސްކާނާ އާއި ކެމިކަލް ހުރި ގުދަނެއްގައި ބުދަ ދުވަހުގެރޭ ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި، އެ ސަރަހައްދުގެ ގެތަކުން 32 މީހަކު ވަގުތީ ގޮތުން ސޯޝަލް ސެންޓަރަށް ބަދަލުކޮށްފި އެވެ.
އިންތިޚާބާބެހޭ މަރުކަޒާ ޖެހިގެން ހުރި މި ގުދަނުގައި ރޯވި އަލިފާންގަނޑު މިހާރު ވަނީ އެއްކޮށް ނިއްވާލާފަ އެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ، އަލިފާން ރޯވި ސަރަހައްދުގެ ހަތަރު ގެޔަކުން މީހުން ހުސްކޮށްފައިވާ ކަމަށެވެ. އަދި މި ހާދިސާގެ އަސަރުކުރި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ސޯޝަލް ސެންޓަރުގައި އިވެކިއުއޭޝަން ސެންޓަރެއް ގާއިމުކޮށް، ޚާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމަށް އެ އިދާރާއިން މައުލޫމާތުދެ އެވެ. އެންޑީއެމްއޭގެ އޮފިޝަލަކު ދައުލަތުގެ މީޑިއާ އަށް ދިން އިންޓަވިއު އެއްގައި ބުނީ ، ހާދިސާގެ ސަބަބުން ގެއްލުންވި މީހުން ދެނެގަތުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
މި ހާދިސާގައި އަލިފާން ރޯވެފައިވަނީ "ޕްރައިމް ފާޓިލައިޒާ" ގެ "ޕްރައިމް ގޯޑައުން" ކިޔާ ގުދަނެއްގަ އެވެ. އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި މ. ކައިރުގޭގައި ހުންނަ މި ގުދަނަކީ ގިނަ އަދަދަކަށް ގަސްކާނާއާއި ކެމިކަލް ރައްކާކޮށްފައި ހުރި ތަނެކެވެ.
އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭނުންކުރާ ފޯމް ޖަހާ ފަޔާ ލޮރީ ވެސް އެ ސަރަހައްދަށް ގެނެސްފައިވެ އެވެ. އަލިފާންގަނޑު ނިއްވާލެވުނު ނަމަވެސް، ގުދަނުގައި ހުރި ކެމިކަލްތަކުގެ ސަބަބުން އެ ސަރަހައްދުގައި ވަރަށް ބޮޑަށް ދުން ބޯވެފަ އެވެ.
މި ހާދިސާއާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ މަސައްކަތްތަކަށް ވެސް ވަނީ ބުރޫއަރާ ފައެވެ. އަލިފާން ރޯވި ގުދަނަކީ ޠައިބާ މިސްކިތް ކައިރީގައި ހުންނަ އިންތިޚާބާ ބެހޭ މަރުކަޒާ އިންވެގެން ހުރި ތަނަކަށް ވުމުން، ކުރިއަށް އޮތް އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފަ އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ. ނަމަވެސް ގުދަނަށާއި އެ ސަރަހައްދުގެ ބައެއް އިމާރާތްތަކަށް އެކި ވަރުގެ ގެއްލުންތައް ވަނީ ލިބިފަ އެވެ. ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ މި ހާދިސާ ތަހުގީގު ކުރަމުންނެވެ.