މާލޭގެ ގަލޮޅު މޯޗަރީ ކައިރިގައި ހުރި ގުދަނެއްގައި ރޯވި އަލިފާންގަނޑު ގާތްގަނޑަކަށް ގަޑިއިރެއް ހާ އިރުގެ ތެރޭގައި ކޮންޓްރޯލް ކޮށްފި އެވެ. 

ބުދަ ދުވަހު އެމްއެންޑީއެފުން ބުނީ، ހެނދުނު 10:45 ހާއިރު އަލިފާނުގެ ހާދިސާގެ ރިޕޯޓު ލިބިފައިވާ ކަމަށާއި، 11:50 ހާއިރު ކޮންޓްރޯލް ކުރެވި، ނިއްވާލެވިފައިވާ ކަމަށެވެ.

ހުވަފެނީގޯޅީގައި ހުންނަ ގެއެއްގައި ރޯވި އަލިފާންގަނޑު ނިއްވާލާފައިވަނީ، ފުލުހުންނާއި ފަޔަރ އެންޑް ރެސްކިއު ސަރވިސަސްއިން އަދި އާއްމު ރައްޔިތުން ގުޅިގެން ކުރި މަސައްކަތުންނެވެ.

މިހާދިސާގައި އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އެވަގުތު އެސަރަހައްދުގެ ގޭބިސީތަކުން މީހުން ހުސްކުރުމުގެ  މަސައްކަތް ކޮށްފައިވެ އެވެ. 

އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި އެއްވެސް އިދާރާއަކުން މިހާތަނަށް ހާމަކޮށްފައިނުވެ އެވެ. މި ހާދިސާގައި ދުމުގެ އަސަރު ކުރުމުގެ ސަބަބުން ހާލު ދެރަވެގެން އަންހެން ފުލުހަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ ފިލާ ބޭނުން ކޮށްގެން ތިން ފަންގިފިލާއަށް ހަދާފައިވާ ތަނެކެވެ. މިތަނުގައި އެއްވެސް މީހަކު ދިރިނޫޅޭއިރު، އެ އިމާރާތް ބޭނުން ކުރަމުންދިޔައީ ގުދަނެއްގެ ގޮތުގަ އެވެ. 

މި ފަހުން އަލިފާނުގެ ހާދިސާތައް ހިނގާ މިންވަރު ވަނީ އިތުރުވެފަ އެވެ.

މިމަހުގެ 17 ވީ އަންގާރަ ދުވަހުގެ ހަވީރު ހުޅުމާލޭގެ ގެއެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަވެ އެވެ. އަދި ޖެނުވަރީ މަހުގެ ތެރޭގައި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓުގެ 5 ވަނަ ޓަވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާއިރު، 31 ޖެނުއަރީ ވީ ހޮނިހިރު ދުވަހުގެ ރޭ މެންދަމު ފޭސް-1ގެ ޗަނބޭލީ5 ގޯޅީގެ ލޮޓް ނަންބަރ 11154 ގޭގެ ތިރީގައި ހުރި ގުދަނެއްގައި ރޯވެ 25 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރު ކޮށްދީފައިވެ އެވެ.

މީގެ އިތުރުން އދ. ދިގުރަށުގައި މިމަހުގެ 12 ވީ ބުރާސްފަތި ދުވަހުގެ ދަންވަރު ބިދޭސީން ދިރިއުޅޭ އެކޮމަޑޭޝަން ބްލޮކެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައި 5 މީހަކު ވަނީ ނިޔާވެފަ އެވެ. އަދި 2 މީހަކަށް ވެންޓިލޭޓަރުގައި ދަނީ ފަރުވާ ދެމުންނެވެ.