ދައުލަތުގެ ޕޭ ފްރޭމްވޯކަށް ގެނައި ބަދަލާއެކު އެކި
އިދާރާތަކުގެ މުސާރަ ބޮޑުކޮށްފައިވާއިރު، އެ ބަދަލާއެކު ޖަމާއަތްތެރިންގެ މުސާރަ އެތައް
ގުނައެއް ކުޑަވެފައިވާތީ  އިހުތިޖާޖުކޮށްފިއެވެ.

މި އިހުތިޖާޖު ކުރިއަށް ގެންގޮސްފައިވަނީ ބުދަ ދުވަހު
މައްޗަންގޯޅީ އާސަހަރާ ކުރިމަތީގައެވެ. އެގޮތުން އިހުތިޖާޖުގެ ބައިވެރިން ވަނީ
ތަފާތު އެކި ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން އިހުތިޖާޖުކޮށްފައެވެ.

ރާއްޖެއެމްވީއާ ވާހަކަ ދައްކަމުން އިޖުތިޖާޖުގެ
ބައިވެރިން ކިޔައިދިން ގޮތުގައި ޕޭ ފްރޭމްވޯކަށް ގެނައި ބަދަލާއެކު އަސާސީ މުސާރަ
ބޮޑުކުރިނަމަވެސް މީގެ ކުރިން ލިބެމުން އައި އެލަވަންސްތައް ވަނީ ކަނޑާލާފައެވެ.
އެގޮތުން އިތުރު ގަޑީގެ އެލަވަންސް، ދީނީ އެލަވަންސް، ރިސްކް އެލަވަންސް ހިމެނޭގޮތަށް
ގާތްގަނޑަކަށް ކުރިން ލިބެމުން އައި 10 ވަރަކަށް އެލަވަންސް ވަނީ ކަނޑާލާފައެވެ.

މީގެ އިތުރުން، ބަންދު ދުވަސްތަކުގައި ވެސް
މަސައްކަތަށް ނުކުންނަން ޖެހޭ އިރު، އެ ދުވަސްތަކަށް ވެސް އެއްވެސް އިތުރު ފައިސާއެއް
ނުލިބޭކަން އެ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.

ޖަމާއަތްތެރިން ކިޔާދިން ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އާ ވެސް
އެ ކަންބޮޑުވުންތައް ހިއްސާކޮށްފައިވެއެވެ. އަދި ރައީސް އޮފީހާއި، ޕޭކޮމިޝަނުގެ
އިތުރުން، ފަސްޓްލޭޑީ ސާޖިދާ މުޙައްމަދާ ވެސް އެ ކަންބޮޑުވުން ހިއްސާ ކޮށްފައިވާނެކަމަށް
ކިޔާދިނެވެ.

އެހެންނަމަވެސް މިއަދާ ހަމައަށްވެސް އެކަންކަމަށް
ޙައްލު ނުލިބޭތީ އެކަމުގެ ކަންބޮޑުވުން މި އިހުތިޖާޖުގައި ފާޅުކޮށްފައިވެއެވެ.