ޑިމޮކްރަސީގެ އެންމެ އަސާސީ އެއް ސިފައަކީ ރައްޔިތުންގެ ގާތަށް ދިޔުން ކަމަށާއި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މަސައްކަތް ކުރަނީ މިސިފަ ނައްތާލުމަށް ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު މުހައްމަދު އިހުސާން ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހުގެ ހަވީރު އެމްޑީޕީން ކުރިއަށް ގެންދިޔަ ޕިކަލް ޖަލްސާގައި އިހުސާން ވިދާޅުވީ، ދިވެހިރާއްޖޭގައި ތައާރަފް ކުރި ޑިމޮކްރަސީގެ އެންމެ އަސާސީ އެއް ސިފައަކީ ރައްޔިތުންގެ ގާތަށް ދިޔުން ކަމަށާއި، ރައްޔިތުންނަށް ދަތިވާ ކަންތައްތައް އޮޅުންފިލުވުން ކަމަށެވެ. އަދި އެ ކަންތައްތަކުގެ މައުލޫމާތު ކަރުދާހަށް ތިރިކޮށް، އެ ކަރުދާސްތަކުގެ އަލީގައި މެނިފެސްޓޯ އެކުލަވައިލުން ކަމަށް އޭނާ ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ، އެ މެނިފެސްޓޯއާ އެކީގައި ވެރިކަމަށް އައިސް، ވެރިކަމުގެ ސިޔާސަތުތައް އެކުލަވާލައި އެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރުމަކީ ވެރިކަމުގެ އަސާސީ ސިފަ ކަމަށެވެ. އަދި އެމްޑީޕީން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އެ އުސޫލުން ކަމަށް އިހުސާން ވިދާޅުވި އެވެ. 

ނަމަވެސް ރައީސް މުއިއްޒުގެ މިސަރުކާރުން މަސައްކަތް ކުރަނީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ނަގާ ރެފަރެންޑަމް ވޯޓާއެކު، މި އަސާސީ ހުރިހާ ސިފަތަކެއް ނައްތާލުމަށް ކަމަށް އިހުސާން ވިދާޅުވި އެވެ. 

އެއީ ވެރިކަމުގެ އަސާސީ ސިފައެކޭ. އެހެންނަމަވެސް، މި ސިފަ ނައްތާލުމަށްޓަކައި، މި އަސާސީ ސިފަ ނައްތާލުމަށްޓަކައި މިއަދުގެ ސަރުކާރުން ކުރާ މަސައްކަތް ތާ ދެކޮޅަށް އަޅުގަނޑުމެން ދިވެހި ހުރިހާ ރައްޔިތުން ނުކުންނަން އެބަޖެހޭ. އަޅުގަނޑުމެންނަށް އެބައިނގޭ ވެރިކަމަށް އަންނަން މަސައްކަތްކުރާ ކޮންމެ ފަހަރަކު، ރައްޔިތުންގެ މަޖިލީހުން ގޮނޑި ކާމިޔާބުކުރަން މަސައްކަތްކުރާ ހަމަ ކޮންމެ ފަހަރަކު ރައްޔިތުންގެ ގާތަށް އެބަދޭ. ރައްޔިތުން ކުރަން އެބަ އަހާ ކޮންކަމެއްތޯ ދަތީ، ކޮންކަމެއްތޯ ދަތިވެގެން ތި އުޅެނީ، ކޮންކަމެއްތޯ ހާސިލުކުރަން އުނދަގޫވެގެން ތި އުޅެނީ، ކޮބައިތޯ ދިމާވެގެން އުޅޭ މައްސަލަތަކެކޭ. މި ހުރިހާ މަޢުލޫމާތަކާ އެކީގައި މެނިފެސްޓޯ އެކުލަވައިލައިގެން ވެރިކަމަށް ވެސް މި އަންނަނީ ރައްޔިތުންގެ މަޖިލިސް ވެސް މި ކާމިޔާބުކުރަނީ. އެއާއެކީގައި ގާނޫނުތަކުގެ ތެރެއިން އަދި ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން މި ދެންނެވި މައްސަލަތަކަށް ހައްލު ހޯދައިދިނުމުގެ މަސައްކަތްތައް މި ކުރަނީ. އެހެންވީމާ، މި ޕްރޮސެސް ހަނިކޮށް، އެ ވެރިކަމުގައި ހުންނަ މީހާ ބޭނުންވާ ގޮތަކަށް ހިނގާ ކަމަކަށް ހަދައިފި ކަމުގައި ވާނަމަ، ރައްޔިތުންގެ މައްސަލަތަކުގައި ދެން ދުވަހަކުވެސް މި ރާއްޖެއަކު ހައްލެއް ނުލިބޭނެ
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު މުހައްމަދު އިހުސާން

ރައްޔިތުންގެ މަޖިލީހަށް އިޝާރާތް ކުރައްވައި އިހުސާން ވިދާޅުވީ، އެތަނަކީ ރައްޔިތުންގެ ދަތިތަކާއި ކަންބޮޑުވުންތަކުގެ ވާހަކަ ދައްކަން ޖެހޭ މަޖިލިސް ނަމަވެސް މިއަދު އެފުރުސަތު ގެއްލިފައިވާ ކަމަށެވެ. މަޖިލީހުން ފެންނަ މަންޒަރުތަކުން ވެސް މިއީ ރައްޔިތުންގެ އަޑު އަހާނެ ސަރުކާރެއް ނޫންކަން ހާމަވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

އެހެންކަމުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ އިތުރުން ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ނަގާ ރެފަރެންޑަމް ވޯޓަށް ބޮޑުތަނުން ރައްޔިތުން ނޫނެކޭ ބުނަން ޖެހޭ ކަމަށާއި، ރައްޔިތުން ތިބީ ސަރުކާރާ މެދު ވަރަށް ހިތްހަމަ ނުޖެހިކަން ވޯޓުގެ ނަތީޖާއިން ދައްކަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މި އިންތިޚާބު ސަރުކާރަށް ކާމިޔާބު ވެއްޖެނަމަ ރައްޔިތުންގެ މައްސަލަތަކަށް ދެން ދުވަހަކުވެސް ހައްލު ނުލިބޭނެ ކަމަށެވެ.