ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް، ''ދައުވާ އެންޑް ގައިޑެންސް''އިން އިސްލާމިކް މިނިސްޓްރީއަށް ހަދިޔާކުރި 15 ޓަނުގެ ކަދުރު އާއްމު ރައްޔިތުންނަށް ނުދީ މުއައްސަސާތަކަށް ބަހާލައިފި އެވެ. 

އިސްލާމިކް މިނިސްޓްރީއަށް 15 ޓަނުގެ ކަދުރު ހަދިޔާ ކޮށްފައިވަނީ 23 ފެބްރުއަރީ 2026 ގައި މިނިސްޓްރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ. ކަދުރު މިނިސްޓްރީއާ ހަވާލުކޮށްދެއްވީ ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ ހަސަން އަލް ގަހްތާނީ އެވެ. މިނިސްޓްރީގެ ފަރާތުން މި ތަކެއްޗާ ހަވާލުވެލެއްވީ، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

އޭގެފަހުން 15 މާޗް 2026 ގައި ސައުދީން ހަދިޔާކުރި ކަދުރު އެކި މުއައްސަސާތަކަށް ބެހިކަން މިނިސްޓްރީން އިއުލާން ކުރި އެވެ. 

އިސްލާމިކް މިނިސްޓްރީން ބުނީ، ސައުދީން ހަދިޔާކުރި ކަދުރު، އެކި މުއައްސަސާތަކަށާއި، ކޮލެޖުތަކަށާއި ދީނީ ދާއިރާގެ އެކި ތަންތަނަށް ބަހާފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ހާމަކޮށްފައިނުވެ އެވެ. އެހެންކަމުން ކަދުރު ދީފައިވަނީ ކޮން ތަންތަނަކަށް ކަމެއް ނޭނގެ އެވެ.

ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ ކުރިން ސައުދީ ސަރުކާރުން ދޭ ކަދުރު ރާއްޖެ އަށް ލިބޭއިރު، ކަދުރު ނުލިބޭ މައްސަލައާ ގުޅިގެން ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގެ ތެރެއިން 19 ފެބުރުއަރީ 2026 ގައި މިނިސްޓްރީއަށް ގުޅުމުން އެ މިނިސްޓްރީގެ މުވައްޒަފެއް ބުނީ ސައުދީ ސަރުކާރުން ކޮންމެ އަހަރަކު ރަމަޟާން މަހާ ދިމާކޮށް ހަދިޔާ ކުރާ ކަދުރު މިއަހަރު ނުލިބޭ ކަމަށާއި، އެ ކަދުރު ލިބުމާއެކު އުސޫލުގެ ތެރެއިން ބަހާނެ ކަމަށެވެ. އަދި ކަދުރު ލިބޭނީ މިމަހުގެ ފަހު ކޮޅު ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އެމުވައްޒަފު ބުންޏެވެ.

އޭގެ 3 ދުވަސް ފަހުން މިނިސްޓްރީއަށް 15 ޓަނުގެ ކަދުރު ހަދިޔާކުރިއިރު، އެކަން މިނިސްޓްރީގެ މީޑިއާ ގުރޫޕްގައި ވެސް ހާމަ ކޮށްފައިނުވެ އެވެ. ނަމަވެސް އިސްލާމިކް މިނިސްޓްރީން މީޑިއާތަކަށް ޚާއްސަކޮށްފައިވާ ވަޓްސްއަޕް ގުރޫޕްގައި، މިނިސްޓްރީން ހާމަކުރަން ބޭނުންވާ ހުރިހާ މައުލޫމާތެއް އަބަދުވެސް ހާމަކުރަމުންދާކަން ފާހަގަކުރެވެ އެވެ.

މި މައުލޫމާތުތައް ހާމަނުކުރި ސަބަބު އިސްލާމިކް މިނިސްޓްރީން ހަމަ ނުކުރި ނަމަވެސް، މިނިސްޓްރީން ބުނީ 15 ޓަނުގެ ކަދުރު މުއައްސަސާތަކަށް ދިން ނަމަވެސް އިތުރު 50 ޓަނުގެ ކަދުރު ރާއްޖެއަށް ލިބޭނެ ކަމަށާއި، އެ ކަދުރު އާއްމު ރައްޔިތުންނަށް ހަދިޔާ ކުރާނެ ކަމަށެވެ. މިޝިޕްމެންޓް ލިބުމާއެކު، މާލެސިޓީގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކަށް ވެސް ކަދުރު ދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ. 

މިއަހަރު ކަދުރު ނުލިބޭތީ ގިނަ ރައްޔިތުން ދަނީ އެކަމާމެދު ސުވާލު އުފައްދަމުންނެވެ.

މިދިޔަ އަހަރުގެ ރަމަޟާން މަހު ވެސް ސައުދީ ސަރުކާރުން ވަނީ ރާއްޖެއަށް 50 ޓަނުގެ ކަދުރު އަދި ސައުދީގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ދައުވާ އެންޑް ގައިޑެންސްއިން ރާއްޖެއަށް 10 ޓަނުގެ ކަދުރު ހަދިޔާކޮށްފަ އެވެ. އަދި ރަމަޟާން މަސް އައުމުގެ ކުރިން ކަދުރު ގޭބިސީތަކަށް ދޫކޮށްފައިވެ އެވެ.