ހުޅުމާލޭގެ ގެއެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ އާއިލާއަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި އެވެ.

މި ހާދިސާ ހިނގިކަމުގެ ރިޕޯޓު ލިބުނީ އަންގާރަ ދުވަހުގެ ހަވީރު 6:00 ހާއިރު އެވެ.

އެންޑީއެމްއޭ އިން ބުނީ، އަންގާރަ ދުވަހު ހުޅުމާލެ Lot-11395 ހިނގި އަލިފާނުގެ ހާދިސާގައި އެގޭގެ ކޮޓަރިއަކަށް ވަރަށް ބޮޑަށް ގެއްލުން ވެފައިވާ ކަމަށެވެ. އަދި ގޭގެ ދެން ހުރިކޮޓަރި އާއި ސިޓިން ރޫމްއަށް ވެސް ކަޅުދުމާއި އަލިފާނުގެ އަސަރު ކޮންމެވެސް ވަރަކަށް ކޮށްފައިވާ ކަމަށް އެއޮތޯރިޓީން ބުނެ އެވެ.

އެންޑީއެމްއޭއިން ބުނީ، އެ އޮތޯރިޓީގެ ފަރާތުން އެ ގޭގައި ދިރިއުޅެމުން ދިޔަ 7 މީހަކަށް 5 ދުވަހަގެ ވަގުތީ ބޯހިޔާވަހިކަމާއި، ކެއިން ބުއިމާ އަދި އަންނައުނު ހަމަޖައްސާދީފައިވާ ކަމަށެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި އެޕާޓްމަންޓްގެ ކޮޓަރި ވަނީ ބޭނުން ނުކުރެވޭ ވަރަށް މުދާތަކާއެކު، އަނދާފަ އެވެ. 

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެ އެވެ. 

މިފަހުން ހުޅުމާލޭގައި ހިނގާ އަލިފާނުގެ ހާދިސާތައް ވަނީ އިތުރުވެފަ އެވެ.

ޖެނުވަރީ މަހުގެ ތެރޭގައި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓުގެ 5 ވަނަ ޓަވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާއިރު، 31 ޖެނުއަރީ ވީ ހޮނިހިރު ދުވަހުގެ ރޭ މެންދަމު ފޭސް-1ގެ ޗަނބޭލީ5 ގޯޅީގެ ލޮޓް ނަންބަރ 11154 ގޭގެ ތިރީގައި ހުރި ގުދަނެއްގައި ރޯވެ 25 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރު ކޮށްދީފައިވެ އެވެ.