ރިޔާސީ
އިންތިޚާބާއި މަޖިލިސް އިންތިޚާބަކީ ވެރިކަމުގެ އަންނަން އޮތް ދައުރަކާ ގުޅުންހުރި
ކަންކަން ކަމަށާއި، އެކަންކަމަށް ވިސްނެވުމުގެ ކުރިން އެންމެ ފުރަތަމަ ރައީސް ޑރ
މުޙައްމަދު މުއިއްޒުގެ މި ހިނގަމުންދާ ވެރިކަމުގެ ޚަރަދު ކުޑަކުރުން މާ ބުއްދިވެރިކަމަށް
ޤާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީން
ގެނެސްދޭ ނޫނެކޭ ކެމްޕޭން ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަލީ ހުސައިން
ވިދާޅުވީ، ރެފަރެންޑަމް ވޯޓެއް ނެގުމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު މަސައްކަތް
ކުރައްވަނީ ރައީސްކަމުގެ އިތުރު ދައުރެއް ލިބިވަޑައިގަންނަވަން އޮތް ހަމައެކަނި
މަގަކީ އެއީކަމަށް ވާތީ ކަމަށެވެ.

ދެ އިންތިޚާބު އެއްކޮށްލައިގެން މިހާރު ތިބި ހުރިހާ މަޖިލިސް މެމްބަރުންނަކީ ރަނިންގ މޭޓުންކަމުގައި ހަދައިގެން އެންމެން އެކުގައި ގޮސްގެން މަސައްކަތް ކޮށްގެން މެނުވީ ރައީސުލްޖުމްހޫރިއްޔާއަށް އެކަން ކާމިޔާބުވާނެކަމަށް ނުފެންނާތީ ހަގީގަތުގައި އެކަން ކުރަން އެ އުޅެނީ، އިތުރު އެއްވެސް ސަބަބެއް އޮތްކަމަކަށް އަޅުގަނޑުމެންނަކަށް ނުފެނޭ
 ޤާނޫނީ ވަކީލު އަލީ ހުސައިން 

އަލީ
ހުސައިން ވިދާޅުވީ، ރެފަރެންޑަމްއަކީ ރައްޔިތުންގެ މެދުގައި ހަމަޖެހުން ޤާއިމު
ކުރުމަށް ނަގާ އެއްޗެއް ކަމަށާއި، ޚަރަދު ކުޑަ ކުރުމަށް ނަގާ އެއްޗެއްކަމަށް
ބުނިނަމަވެސް، އެއީ ހަގީގަތެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ، މިހާރު ހިނގަމުންދާ ވެރިކަމުގެ
ދައުރުގެ ޚަރަދު ކުޑަނުކޮށް އަންނަން އޮތް ދައުރެއްގެ ތެރެއަށް އަންނަ
އިންތިޚާބެއްގެ ޚަރަދު ކުޑަކުރައްވަން ރައީސް މުއިއްޒު ވިސްނަވަންޖެހޭ ސަބަބެއް
ނެތް ކަމަށެވެ.

މަޖިލިސް އިންތިޚާބު އޮންނަނީ 17 ނޮވެމްބަރު 2028 ގެ ފަހުން، އެހެންވީމާ ކީއްވެގެންތޯ ރައީސް އެކަމާއިގެން މި އުޅުއްވަނީ، އެއީ ރައީސް ހޮވިފައި ހުރި ދައުރުގެ ފަހުން އަންނަ މެންޑޭޓުން ބޭރުގައި އޮތް ކަމެއް ނޫންތޯ. އެ އިރު އޮންނަ އިންތިޚާބެއްގެ ޚަރަދު ކުޑަކުރުމާއި ނުކުރުމަކީ އެއީ މި ރައީސުލްޖުމްހޫރިއްޔާއާ ހަވާލުކޮށްފައި އޮތް މެންޑޭޓެއް ނޫނޭ.
 ޤާނޫނީ ވަކީލު އަލީ ހުސައިން 

މީގެ
އިތުރުން، ހަގީގީ ނިޔަތުގައި ޚަރަދު ކުޑަކުރަން މި ސަރުކާރުން ބޭނުންވާނަމަ
ކުރެވިދާނެ އިތުރު އެތައް ކަންތައްތަކެއް އެބަހުރިކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި
ވިދާޅުވީ، މިއީ އިންތިހާއަށް ޚަރަދުބޮޑު، އިސްރާފު ބޮޑު ސަރުކާރެއް ކަމަށެވެ.

އަލީ
ހުސައިން އިތުރަށް ވިދާޅުވީ، މި ރިފަރެންޑަމްއަކީ ރައީސް ވެރިކަމުގައި ގިނަ ދުވަހު
ހުންނެވުމަށް ބޭނުންވާ ގިނަ ބަދަލުތަކެއް ގެނައުމުގެ ބޭނުމުގައި ކުރަން އުޅޭ
ކަމެއްކަމަށެވެ.