ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ކެމްޕޭނަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ހަމަހަމަ ފުރުސަތުތަކެއް ފަހިކޮށް ދިނުމުގެ ބަދަލުގައި ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓުންނަށް އެކަނި ފުރުސަތު ފަހިކޮށް ދެމުންގެންދާތީ އާ އެޗްޑީސީގެ މުވައްޒަފުން ބޭނުންކޮށްގެން އެމްޑީޕީ ކެންޑިޑޭޓުންގެ ކެމްޕޭން ބައެއް ޕޯސްޓަރުތަކާއި ބެނާތަކަށް ގެއްލުންދީފައިވާ ތީ އެ ޕާޓީ އިން އެކަން ކުށްވެރި ކޮށްފި އެވެ. 

މިކަމާ ގުޅިގެން އެ ޕާޓީ އިން ނެރުނު ބަޔާނެއްގައި ބުނީ ހުޅުމާލޭގައި އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެމްޕޭނަށް ބޭނުންވާ ތަކެތި ދެމުމަށާއި ހަރުކުރުމަށް ތަކުރާރުކޮށް އެޗްޑީސީގައި އެދުމުން ވެސް މިއަދާ ހަމައަށް އައި އިރު ވެސް އެ ފުރުސަތު ފަހިކޮށްދީފައި ނުވާ ކަމަށެވެ. އަދި އެކަމަށް އެދި އެމްޑީޕީ ކެންޑިޑޭޓުންގެ ފަރާތުން ފޮނުވާފައިވާ ސިޓީތަކަށް ޖަވާބެއް ވެސް ދީފައި ވެސް ނުވާ ކަމަށެވެ. 

ހުޅުމާލޭގައި ޕޯސްޓަރު ހަރު ކުރުމަށާއި ބެނާ ދެމުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނަށް ހުއްދީފައި ނުވާ އިރު، ޕީއެންސީގެ ކެންޑިޑޭޓުންގެ ޕޯސްޓަރުތަކާއި ބެނާތައް ސަރުކާރު ކުންފުނިތަކުގެ ވަސީލަތްތަކާއި މުވައްޒަފުން ބޭނުންކޮށްގެން ހުޅުމާލޭގެ ފޭސް އެކެއް އަދި ފޭސް ދޭއްގައި ވެސް ބަހައްޓާފައިވާ ކަމަށް އެ ބަޔާނުގައި ވެ އެވެ. 

އެމްޑީޕީ އިން ބުނީ ކެމްޕޭން ޕޯސްޓަރު ހަރު ކުރުމަށާއި ބެނާ ދެމުމަށް އެޗްޑީސީއިން ހުއްދަ ދީފައި ނުވާތީ އަދި އެކަމަށް ތަކުރާރުކޮށް އެދިގެން ވެސް އެއްވެސް ޖަވާބެއް އެޗްޑީސީގެ ފަރާތުން ދީފައި ނުވާތީ އެހެން އިންތިހާބުތަކުގައި ވެސް ކެންޑިޑޭޓުންގެ ކެމްޕޭން ޕޯސްޓަރުތަކާއި ބެނާ ހަރުކުރާ އުސޫލުން އެމްޑީޕީގެ ކެންޑިޑޭޓުންގެ ބެނާއާއި ޕޯސްޓަރުތައް ހުޅުމާލޭގައި ބަހައްޓާފައިވާ ކަމަށެވެ. ނަމަވެސް އެޗްޑީސީއިން ވަނީ އެޗްޑީސީގެ މުވައްޒަފުން ބޭނުންކޮށްގެން އެމްޑީޕީ ކެންޑިޑޭޓުންގެ ކެމްޕޭން ބައެއް ޕޯސްޓަރުތަކާއި ބެނާތަކަށް ގެއްލުންދީ އެތަކެތި ނަގާފައި ކަމަށް ބަޔާނުގައި ވެ އެވެ. 

އެ ޕާޓީ އިން ބުނީ އެޗްޑީސީގެ މި އަމަލުތަކަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ހުރަސް އެޅުމަށާއި އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެމްޕޭނަށް ހުރަސް އެޅުމަށް ސަރުކާރު އަޑީގައި އޮވެ ރާވައިގެން ހިންގާ އަމަލުތަކެއް ކަމަށް އެމްޑީޕީއިން ގަބޫލު ކުރާ ކަމަށެވެ. އަދި އެއްވެސް މީހަކު ތަފާތު ނުކުރުމަށާއި ހަމަހަމަކޮށް ހުރިހާ އެންމެނާ މެދު ވެސް އަމަލު ކުރުމަށް ގާނޫނު އަސާސީއާއި އިންތިހާބުތަކާ ބެހޭ ގާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައަޅާފައިވާ މަފުހޫމުތަކާއި ސީދާ ދެކޮޅަށް ސަރުކާރު އަޑީގައި އޮވެ ހިންގަމުންދާ މި ފަދަ ނާތަހުޒީބު އަމަލުތައް ވަގުތުން ހުއްޓާލުމަށް އެމްޑީޕީއިން ގޮވާލާ ކަމަށެވެ. 

ހުޅުމާލޭގެ މަގުތަކުގައި ހަރުކޮށްފައިހުރި އެމްޑީޕީގެ ކެންޑިޑޭޓުންގެ ޕޯސްޓަރުތައް އެޗްޑީސީން ނަގާ ވީޑީއޯތަކެއް އާއްމު ވެފައިވާއިރު އެޗްޑީސީގައި މަސައްކަތް ކުރާ ބަޔަކު މި ޕޯސްޓަރުތައް ނެގުމުގެ މަސައްކަތް ކޮށްފައިވަނީ ހޯމަ ދުވަހުގެ ފަތިހުގެ ވަގުތުގަ އެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި ދެމީހަކު ޕޯސްޓަރުތައް ނައްޓާލައި، ފަހަތުގައި އޮންނަ ޕިކަޕުގެ ތެރެއަށް ޕޯސްޓަރުތައް ލަ އެވެ. އޭގެފަހުން އެ ދެމީހުން ސައިކަލަށް އަރައިގެން ނައްޓާލާއިރު، އެޗްޑީސީގެ ޓީޝާޓުލައިގެން އަންނަ ފިރިހެނަކު ފެނެ އެވެ. އަދި އޭނައާ ސުވާލު ކުރުމުން މި ޕޯސްޓަރުތައް ނަގަމުން ދަނީ ހުއްދަ ނުނަގާ ހަރުކޮށްފައިވާ އެއްޗެހި ކަމަށްވާތީ ކަމަށް ބުނެފައިވެ އެވެ.