އީރާނުގެ ހަނގުރާމަ އާއި ގުޅިގެން ކުރިމަތިވެދާނެ ގެއްލުންތައް ކުޑަކުރުމަށްޓަކައި ސިޓީ ފެންވަރުގައި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ކުޅުދުއްފުށި ސިޓީ ކައުންސިލުން މުހިންމު ނިންމުންތަކެއް ނިންމައިފި އެވެ.

މި ނިންމުންތައް ނިންމާފައިވަނީ ކުޅުދުއްފުށި ސިޓީ ކައުންސިލުގެ ހަތަރުވަނަ ދައުރުގެ 6 ވަނަ ކުއްލި ބައްދަލުވުމުގަ އެވެ. މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 5 ކައުންސިލަރުންގެ އިއްތިފާޤުން ވަނީ ސިޓީގެ ރައްޔިތުންގެ ރައްކާތެރިކަމާއި އަސާސީ ބޭނުންތައް ކަށަވަރުކުރުމަށްޓަކައި 7 ހުށަހެޅުމެއް ފާސްކޮށްފަ އެވެ.

ކައުންސިލުން ނިންމި އެންމެ މުހިންމު އެއް ކަމަކީ، ރަށުގެ ކާބޯތަކެއްޗާއި ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ތެޔޮ، ގޭސް، ފެން، އަދި ކާޑުގެ ބާވަތްތަކުގެ ސްޓޮކް ކޮންމެ ހަފްތާއަކު އެއްފަހަރު މޮނީޓަރ ކުރަމުން ގެންދިއުމެވެ.

މިގޮތުން ހަނގުރާމައިގެ ހާލަތާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަރަންޓުގެ ޚަރަދު ކުޑަކުރުމަށްޓަކައި، ރަށުގެ ޕާކުތަކާއި މައިޒާންތަކުގެ ބައްތިތައް ރޭގަނޑު 12 ގެ ފަހުން ނިއްވާލުމަށްވެސް ވަނީ ނިންމާފަ އެވެ.

މީގެ އިތުރުން އިޤްތިޞާދީ ގޮތުން ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ކައުންސިލުން ވަނީ މުހިންމު ތިން ފިޔަވަޅެއް އެޅުމަށް ނިންމާފަ އެވެ. އޭގެ ތެރޭގައި ޚަރަދު ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތަކުގެ މަޢުލޫމާތު ދިނުމަށް ސޯޝަލް މީޑިއާ ކެންޕެއިން އެއް ހިންގުމަށާއި, ރަށަށް ކަނޑައަޅާފައިވާ ސޯލަރ ކޯޓާގެ ޕަސެންޓޭޖް ބޮޑުކޮށްދިނުމަށް އެދި ކަމާބެހޭ މިނިސްޓްރީއަށް ސިޓީ ފޮނުވައި, ބައެއް ފަރާތްތަކަށް ދޫކުރުމަށް ނިންމާފައިވާ ދަނޑު ބިންތަކުގައި މަސައްކަތް ކުރުމުގެ ހުއްދަ ދޫކުރަން ހުޅުވާލުން ހިމެނެ އެވެ.

މިކަންކަމުގެ އިތުރުން ރަށުގައި ފަޤީރު ހާލަތުގައި ދިރިއުޅޭ އާއިލާތަކުގެ ހާލަތު ބަލައި، ކާބޯތަކެތީގެ ދަތިކަމެއް ހުރިނަމަ އެކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރުމަށްވެސް ކައުންސިލުން ވަނީ އިޤްރާރުވެފަ އެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުގެ މި ބައްދަލުވުން ނިންމާލާފައިވަނީ ވަރަށް މުހިންމު ޤަރާރެއް ނެރުމަށް ނިންމަމުންނެވެ. އެ ޤަރާރުގައި ތެލާއި ގޭހުގެ ވިޔަފާރިއަށާއި ދަނޑުވެރިކަމަށް ބިން ދޫކުރުމުގެ ހުއްދަ އަވަސްކުރުމަށާއި، ހަނގުރާމައިގެ ސަބަބުން އަސާސީ ޚިދުމަތްތަކާއި މުދަލުގެ އަގަށް އަންނަ ބަދަލުތަކުގެ ސާފު މަޢުލޫމާތު ރައްޔިތުންނާ ހިއްސާކުރުމަށް ސަރުކާރަށް ގޮވާލުމަށް ވަނީ ހިމަނާފަ އެވެ.

މި ފިޔަވަޅުތަކަކީ ބައިނަލްއަޤްވާމީ މަސްރަޙަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުޅުދުއްފުށި ސިޓީގެ އިޤްތިޞާދަށް ކުރާނެ ނޭދެވޭ އަސަރުތަކުން ރައްޔިތުން ސަލާމަތްކުރުމަށް އެޅުނު ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ކަމަށް ފާހަގަކޮށްްލެވެ އެވެ.