6
އެޕްރީލް 2023 ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ނ. މަނަދޫ، އަންނާރުމާގޭ ނަޢީމާ
މޫސާ މަރާލި މައްސަލާގައި، ނ. މަނަދޫ، ވިނަރެސް، ޙަސަން ފަވާޛު ބަންދުކޮށްފައި
ހުރިނަމަވެސް، އޭނާ ގެ ބަލި ޙާލަތަށް ރިއާޔަތްކޮށް ބަންދަށް ލުއި ދީފިއެވެ.

މި
މައްސަލައިގައި އޭނާ ގެ މައްޗަށް އުފުލީ ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި
މީހަކު މެރުމުގެ ކުށުގެ ދަޢުވާ އާއި، ޢަދުލުއިންސާފު ޤާއިމުކުރުމަށް
ހުރަސްއެޅުމުގެ ކުށުގެ ދަޢުވާ އަދި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ
ކުށުގެ ދަޢުވާއެވެ. އެ ދައުވާތައް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ 30
ނޮވެންބަރު 2023 ގައެވެ.

ހަސަން
ފަވާޒަކީ ލޭ އަޅާ ކުއްޖެކެވެ. އަދި އޭނާއަށް އެކަށީގެންވާ ބޭސްފަރުވާ ނުލިބޭކަމުގެ
ކަންބޮޑުވުން މީގެ ކުރިން ދިފާއުން ޝަރީއަތާ ވެސް ހިއްސާކޮށްފައިވެއެވެ.

މި
މައްސަލައިގެ ތަޙުޤީޤުގެ މަރުޙަލާއިން ފެށިގެން ފަވާޛު ހުރީ މޯލްޑިވްސް ކަރެކްޝަނަލް
ސަރވިސްގެ ބެލުމުގެ ދަށުގައި ޖަލު ބަންދުގައެވެ.  

އެހެންނަމަވެސް
އޭނާ ގެ ޞިއްޙީ ޙާލަތާ ގުޅިގެން  ޖަލު ބަންދުގައި
ބަހައްޓައިގެން އެކަށީގެންވާ ގޮތެއްގައި ފަރުވާ ދިނުމަށް ހުރަސްއެޅެމުން ދާކަމަށް
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން 9 މާރިޗު 2026 ދުވަހު ޕީޖީ އޮފީހުގެ
ސަމާލުކަމަށް ގެންނަވާފައިވެއެވެ.

ޙަސަން
ފަވާޒުގެ ބަލި ޙާލަތާ ގުޅިގެން ޑޮކްޓަރުން ދެއްވާފައިވާ ލަފަޔާއި، ބަލީގެ
ޙައްސާސްކަމަށް ރިޢާޔަތްކޮށް، އޭނާއަށް ޤާނޫނުއަސާސީގެ 21 ވަނަ މާއްދާއިން
ލިބިދީފައިވާ ދިރިހުރުމުގެ ޙައްޤު ރައްކާތެރިކުރުމަށް އަޅާ ޚާއްޞަ ފިޔަވަޅެއްގެ
ގޮތުން، ޝަރުޠުތަކާއެކު އޭނާ ބަންދަށް ލުއިދިނުމަށް ޕީޖީ އޮފީހުން ކްރިމިނަލް
ކޯޓުގައި އެދިފައިވެއެވެ.

އެ
ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ބަންދުން ދޫކޮށްލާފައި ހުންނައިރު ޤާނޫނާ ޚިލާފު
އެއްވެސް ޢަމަލެއް ނުކުރުން އަދި އިތުރު ކުށެއް ނުކުރުމާއި، ކޯޓަށް ހާޒިރުވާންޖެހޭ
ގަޑިއަށް ހާޒިރުވުމާއި،  ބޭސްފަރުވާ ހޯދުމަށް
ފިޔަވައި ދުވާލު 18:00 އިން ހެނދުނު 8:00 އާ ދެމެދު ގެއިން ބޭރަށް ނުނިކުތުމާއި، ބޭސްފަރުވާ
ހޯދުމަށް އެހެން ތަނަކަށް ހާޒިރުވާންޖެހޭ ޙާލަތެއް ފިޔަވައި އެނޫން ހުރިހާ
ޙާލަތެއްގައި، ކޮންމެ ދުވަހަކު ހެނދުނު 8:00 އާ 12:00 އާ ދެމެދުގެ ވަގުތެއްގައި
އެންމެ ކައިރގައި ހުންނަ ޕޮލިސް ސްޓޭޝަނަކަށް ހާޒިރުވެ ސޮއިކުރުމެވެ.

މީގެ އިތުރުން، މާލެއިން ބޭރަށް
ނުދިއުމާއި، މައްސަލާގައި ހެކިބަސްދޭނެކަމަށް ޤަބޫލުކުރެވޭ އެއްވެސް މީހަކާ
މުޢާމަލާތު ނުކުރުމާއި، ބައްދަލު ނުކުރުމާއި، ހެކިންނަށް ނުފޫޒު ނުފޯރުވުމުގެ
އިތުރުން،  ފަރުވާ ހޯދަމުންދާކަމުގެ
ލިޔެކިއުންތައް ކޮންމެ 15 ދުވަހަކުން އެއް ފަހަރު ޕީޖީ އޮފީހަށާއި، ކްރިމިނަލް
ކޯޓާއި ޙިއްޞާކުރަމުން ދިއުމަށް ވެސް އަންގާފައިވެއެވެ.

އެ
ޝަރުޠުތަކަށް ޙަސަން ފަވާޛު އެއްބަސްވެފައިވާތީ 17 މާރިޗު 2026 ދުވަހު ކްރިމިނަލް
ކޯޓުގައި ބޭއްވި އަޑުއެހުމުގައި އޭނާ ބަންދުން ދޫކޮށްލުމަށް ވަނީ ނިންމާފައެވެ.

ޙަސަން
ފަވާޛްގެ މައްޗަށް ކޯޓުން ކޮށްފައިވާ ޝަރުޠުތަކާ އެއްގޮތަށް ޢަމަލުކުރަމުންދާކަން
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އާއި ދިވެހި ފުލުހުންގެ ޚިދުމަތުން
ކަށަވަރުކުރަމުން ގެންދާނެއެވެ. އަދި ޙަސަން ފަވާޛްގެ މައްޗަށް ކޮށްފައިވާ
ޝަރުޠަކާ ޚިލާފުވެއްޖެނަމަ، އަލުން ޖަލު ބަންދަށް ބަދަލުކުރުމަށް ޕީޖީ އޮފީހުން
ކޯޓުގައި އެދޭނެއެވެ.