ރާއްޖޭގެ ކޮމާޝަލް ބަނދަރުތައް ބަލަހައްޓާ ކުންފުނި, މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް އިބްރާހިމް ޒިޔަތު މިއަދު އައްޔަނުކޮށްފި އެވެ.

އޭނާ  އެ މަޤާމަށް އައްޔަން ކުރުމުގެ އިތުރުން ކުންފުނީގެ ބޯޑަށް ވެސް އައްޔަންކޮށްފައި ވާއިރު މިއީ އެ ކުންފުނީގެ ތިން ވަނަ ޑެޕިއުޓީ ސީއީއޯ އެވެ.

މިއީ ހައިރާކީގެ ގޮތުން ބަލާ ނަމަ އެމްޕީއެލް ހިންގުމުގައި ދެވަނައަށް އެންމެ މަތީ މަގާމެވެ. މިހާރު ވެސް   އެ މަގާމުގައި އިތުރު ދެ މީހަކު އެބަ ތިއްބެވެ. 

ޒިޔަތު އަކީ ޕީޕީއެމްގެ ވެރިކަމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯގެ މަޤާމު ވެސް އަދާކުރެއްވުމުގެ އިތުރުން އެސްޓީއޯގެ ބޯޑު މެމްބަރުކަން އަދާކުރައްވާފައިވާ ބޭފުޅެކެވެ.

އޭނާ އަކީ އެމްޓީސީސީގައި މަސައްކަތް ކުރެއްވި ދުވަސް ވަރު ސައިޓްތަކުގައި މަސައްކަތް ކުރުމަށް ބިދޭސީން ރެކްރޫޓް ކުރުުމުގައި އުސޫލާ ހިލާފަށް އަމަލުކުރުމުގެ މައްސަލަ އެއް ފެންމަތިވެފައިވާ ބޭފުޅެކެވެ.  އޭނާގެ މައްޗަށް ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާކަމުގެ ކުށުގެ ދައުވާ ކޮށްދިނުމަށް އޭސީސީ އިން ޕީޖީގައި 2021 ވަނަ އަހަރު އެދުނު ނަމަވެސް މި އަދާއި ހަމައަށް ވެސް އެ މައްސަލަ އަށް ވީގޮތެއް ސާފެއް ނޫނެވެ.