އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓް ކެނޑިއްޖެ އެވެ.

ރާއްޖެ އެމްވީ އަށް މައުލޫމާތު ދެމުން އައްޑޫގެ މޭޔަރ އަލީ ނިޒާރު ވިދާޅުވީ ކަނރަންޓް ކެނޑުނީ 10:40 ހާއިރު ކަމަށެވެ. ނަމަވެސް ކަރަންޓު ކެނޑެން މެދުވެރިވި ސަބަބު ރަސްމީކޮށް އެނގިފައި ނުވާކަން ނިޒާރު ވަނީ ފާހަގަކުރައްވާފަ އެވެ. 

އައްޑޫ އިން މި ނޫހާއި ވާހަކަދެއްކި ބައެއް އާއްމުން ބުނީ އައްޑޫގެ ބޮޑު ބައި އޮތީ ކަނު އަނދިރީގައި ކަމަށާއި މިއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

"އަޑު އެބަ އިވޭ އިންޖީނެއް ފެއިލްވީ އޭ. މި ނޫން ވަރެއް ނުވޭ. އަބަދުވެސް ކަރަންޓު ދޭތެރެއަކުން ކެނޑި ކެނޑި މި އޮންނަނީ. ހައްލެއް ނުލިބޭ." މި ނޫހާއި ވާހަކަދެއްކި އާއްމު މީހަކު ވަނީ ބުނެފަ އެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކަށް އެކަށީގެންވާ ގޮތެއްގައި ކަރަންޓު ނުލިބި ކަރަންޓު ކެނޑުމުގެ މައްސަލަ ދަނީ ދޭތެރެ ދޭތެރެއިން ދިމާވަމުންނެވެ. އެކި ތާރީހުތައް ދީގެން ވެސް މި ސަރުކާރަށް ވެސް އެ މައްސަލަ ހައްލުކޮށްދެވިފަ އެއް ނުވެ އެވެ.

އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ހުއްޓާނުލައި މަސައްކަތް ކުރަމުންދާ ކަމަށް އެ ސިޓީގައި ކަރަންޓުގެ ޚިދުމަތް ދޭ ފެނަކައިން ބުނި ނަމަވެސް އެ ސިޓީގައި އާއްމުންނަށް ބަރޯސާ ވެވޭ ފަދަ ޚިދުމަތެއް ދިނުމަށް ފެނަކަ ވަނީ ނުކުޅެދިފަ އެވެ.