ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ގ. މާވަނި، ޙުސައިން ސަނީ ޢުމަރުގެ މައްޗަށް 5 ދައުވާއެއް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.

މި ދައުވާތައް ކޯޓަށް ހުށަހަޅާފައިވަނީ މި މަހުގެ 16 ވަނަ ދުވަހު އެވެ. ޙުސައިން ސަނީ ޢުމަރުގެ މައްޗަށް ކުރެވިފައިވާ ދައުވާތަކުގެ ތެރޭގައި 3 ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 3 ދައުވާއާއި، ޢަދުލު އިންސާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާއާއި، ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދިނުމުގެ ދައުވާ ހިމެނެ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ ދަށުން ކުރެވިފައިވާ ދައުވާތަކުގައި، ކުޑަކުދިންގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލާފައިވާކަމަށް ބުނެފައިވެ އެވެ. އެގޮތުން ފުރަތަމަ ދައުވާގައި، ކުޑަކުއްޖަކު ޢުމުރުން 7 އަހަރު ވުމުގެ ކުރިން ފެށިގެން 2025 އޮގަސްޓު މަހާ ހަމައަށް އެކި ދުވަސްމަތިން އެކި ތަންތަނުގައި އެ ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާކަމަށް ބުނެފައިވެ އެވެ.

ދެވަނަ ދައުވާގައި ޢުމުރުން 10 ނުވަތަ 11 އަހަރުގެ ކުޑަކުއްޖަކާއި، ތިންވަނަ ދައުވާގައި ޢުމުރުން 9 ނުވަތަ 10 އަހަރުގެ ކުޑަކުއްޖަކާ ގައިގާ ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލާފައިވާކަމަށް ދައުވާގައި ބުނެފައިވެ އެވެ. މި ތިން ދައުވާއަށް ވެސް ކަނޑައަޅާފައިވާ އަދަބަކީ 10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ޢަދުލު އިންސާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާގައި، ކްރިމިނަލް ކޯޓުން މީނާގެ ފޯނު ފުލުހުންނާ ހަވާލުކުރުމަށް އަމުރުކޮށްފައިވަނިކޮށް، އެ ފޯނު ގެއްލިފައިވާކަމަށް ބުނެ ފުލުހުންނާ ހަވާލުކޮށްފައި ނުވާކަމަށް ބުނެފައިވެ އެވެ. މި ދައުވާއަށް ކަނޑައަޅާފައިވާ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުމެވެ.

ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދިނުމުގެ ދައުވާގައި، ޙުސައިން ސަނީ ޢުމަރު ގެންގުޅުނުކަމަށް ބެލެވޭ ފޯނުގައި ބޭނުންކުރާ ސިމް ނަންބަރާއި ސިމްގެ ބާވަތާ ގުޅޭގޮތުން ފުލުހުންނަށް ދޮގު މަޢުލޫމާތު ދީފައިވާކަމަށް ބުނެފައިވެއެވެ. މި ދައުވާއަށް ކަނޑައަޅާފައިވާ އަސާސީ އަދަބަކީ 4 މަހާއި 24 ދުވަހަށް ޖަލަށްލުމެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައިވާގޮތުގައި، މި ދައުވާތައް ސާބިތުވާ ޙާލަތުގައި ޤާނޫނުގައި ކުށަށް ކަނޑައެޅިފައިވާ އެންމެ ބޮޑު އަދަބު ކަނޑައަޅުއްވައިދެއްވުމަށް އެ އޮފީހުން ކޯޓުގައި އެދޭނެ އެވެ. އެ ޙާލަތުގައި މީނާގެ މައްޗަށް މަދުވެގެން 44 އަހަރުގެ ޖަލު އަދަބެއް ކަނޑައެޅޭނެކަމަށް އެ އޮފީހުން ބުނެފައިވެ އެވެ.

މި މައްސަލައާ ގުޅިގެން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 30 ވަނަ މާއްދާއާއި، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ޙުސައިން ސަނީ ޢުމަރު 2 ޖަނަވަރީ 2026 އިން ފެށިގެން ހުރީ ޝަރީޢަތް ނިމެންދެން ބަންދުގަ އެވެ.