ފެންނަ ނުފެންނަ ވޯޓާ ގުޅިގެން ދައުލަތުގެ މީޑިއާ މެދުވެރިކޮށް
ދޮގު މައުލޫމާތު ފަތުރަމުންދާކަމަށާއި، އެކަމުގެ ހަގީގަތް ހާމަ ކުރުމަށް އިދިކޮޅު
ޕާޓީއަށް ފުރުސަތެއްވެސް ނުލިބޭކަމަށް ހުޅުމާލޭ ދާއިރާގެ ކުރީގެ މެމްބަރު އަލީ
ނިޔާޒު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއިން ހަމަހަމަ ފުރުސަތު
ނުލިބޭކަމަށް ވިދާޅުވެ ހޯމަ ދުވަހު އެމްޑީޕީން ވަނީ އެތަނަށްގޮސް އިހުތިޖާޖުކޮށްފައެވެ.
އެގޮތުން އެމްޑީޕީން އިހުތިޖާޖުކުރީ ތަކުރާރުކޮށް އެދިގެންވެސް އެކަމާ ގުޅިގެން
ބައްދަލުކުރާނެ މީހަކު ނުވުމުންނެވެ.
ނިޔާޒު ވިދާޅުވީ، ދައުލަތުގެ މީޑިއާއަކީ 24
ގަޑިއިރު ހިންގާ ސްޓޭޝަނެއް ކަމަށާއި، އެތަނަށް ދިއުމުން ބައްދަލު ކުރާނެ މީހަކު
ހުންނަންވާނެ ކަމަށެވެ.
ނިޔާޒު ވިދާޅުވީ، ރެފަރެންޑަމަށް އަހުލުވެރި
ކުރުވުމަށް ކަމަށް ބުނެ ޕީއެސްއެމްއިން ހިންގަމުންދާ ޕްރޮގްރާމުގައި ގެނެސްދެމުންދަނީ
ހަމައެކަނި ރެފަރެންޑަމަށް ތާއީދުކޮށް ކެމްޕޭން ކުރާ ފަރާތްތައް ކަމަށާއި، އެކަމުގެ
ދެކޮޅު ގެނެސްދެމުން ނުދާ ކަމަށެވެ. އަދި ވިދާޅުވީ، ދައުލަތުގެ މީޑިއާއިން ހުރިހާ
ފަރާތްތަކަށް ވެސް ހަމަހަމަ ފުރުސަތު އޮންނަން ޖެހޭނެ ކަމަށާއި، އެ ކަންބޮޑުވުން
އެމްޑީޕީން އިލެކްޝަންސް ކޮމިޝަނާ ވެސް މީގެ ކުރިން ހިއްސާކޮށްފައިވާނެ ކަމަށެވެ.
ނިޔާޒު ވިދާޅުވީ، މިއަދު ފެންނަމުންދަނީ ފެންނަ ނުފެންނަ
ވޯޓަށް ހަމައެކަނި ސަރުކާރުގެ ސްޓޭންޑް ޕްރޮމޯޓު ކުރުމަށް ދައުލަތުގެ މީޑިއާއިން މަސައްކަތް
ކުރާތަން ކަމަށެވެ. މިއީ ރައީސް އޮފީހުން ހިންގާ ޕްރޮގްރާމެއްތޯވެސް ނިޔާޒު ވަނީ
ސުވާލު ކުރައްވާފައެވެ.
ކުރީގައިވެސް ރާއްޖޭގައި އެބަހުރި ރެފަރެންޑަމް ވޯޓު ނަގާފައި އިނގޭތޯ، އޭރު ދައުލަތުގެ މީޑިއާއަށް ޚާއްސަކޮށް ރައްޔިތުން ހޭލުންތެރި ކުރުވުމަށް ދެފަރާތުގެ ބަސް ގެނައުން އޮވޭ، ނަމަވެސް ހަމައެކަނި މިހާތަނަށް މިބޭފުޅުން ހޭލުންތެރި ކުރުވުމުގެ ނަމުގައި ހިންގި ޕްރޮގްރާމްގައި މި ފެނުނީ އެއްކޮޅު، ހަމައެކަނި ފެންނަ ނުފެންނަ ވޯޓަށް ސަރުކާރުގެ ސްޓޭންޑް ޕްރޮމޯޓު ކުރުމަށް މަސައްކަތް ކުރާތަން،ހުޅުމާލޭ ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޔާޒު
ނިޔާޒް ވަނީ ފެންނަ ނުފެންނަ ވޯޓާ ގުޅިގެން
ދައުލަތުގެ މީޑިއާ މެދުވެރިކޮށް ދޮގު މައުލޫމާތު ފަތުރަމުން ދާ ކަމަށް ވެސް ވިދާޅުވެފައެވެ.
މީގެ އިތުރުން، ސަރުކާރުގެ ސުޕަރ މެޖޯރިޓީ
ބޭނުންކޮށްގެން މިއަދު މިނިވަން މުއައްސަސާތަކަށް ބިރު ދައްކަމުންދާކަމަށް ވެސް
ނިޔާޒު ވިދާޅުވިއެވެ. އަދި ވިދާޅުވީ، މި ވޯޓަކީ ވެސް ގަދަބާރުން އިލެކްޝަންސް
ކޮމިޝަން މެދުވެރިކޮށް ނަގާ ވޯޓެއް ކަމަށެވެ.
ނިޔާޒު އިތުރަށް ވިދާޅުވީ، ދައުލަތުގެ މީޑިއާއަކީ
ރައްޔިތުންގެ ޓެކްސް ފައިސާއިން ހިންގާ ތަނެއް ކަމަށާއި، އެތަން ހިންގަން ޖެހެނީ
ކަނޑައެޅިފައިވާ ވަކި ޤާނޫނެއްގެ ދަށުން ކަމަށެވެ. ވީއިރު، ހަމަހަމަ ފުރުސަތު ހުރިހާ
ފަރާތްތަކަށް ވެސް ލިބެންވާނެކަން އޭނާ ފާހަގަ ކުރެއްވިއެވެ.