ހުޅުމާލޭގެ މަގުތަކުގައި ހަރުކޮށްފައިހުރި އެމްޑީޕީގެ ކެންޑިޑޭޓުންގެ ޕޯސްޓަރުތައް އެޗްޑީސީން ނަގާ ވީޑީއޯ އެއް އާއްމުވެ، ގިނަ ބައެއް ފާޑުކިޔުން އަމާޒުވެއްޖެ އެވެ. 

މި ވީޑިއޯ އާއްމުވީ ހޯމަ ދުވަހު އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެޗްޑީސީގައި މަސައްކަތް ކުރާ ބަޔަކު މި ޕޯސްޓަރުތައް ނެގުމުގެ މަސައްކަތް ކޮށްފައިވަނީ ހޯމަ ދުވަހުގެ ފަތިހުގެ ވަގުތުގަ އެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި ދެމީހަކު ޕޯސްޓަރުތައް ނައްޓާލައި، ފަހަތުގައި އޮންނަ ޕިކަޕުގެ ތެރެއަށް ޕޯސްޓަރުތައް ލަ އެވެ. އޭގެފަހުން އެ ދެމީހުން ސައިކަލަށް އަރައިގެން ނައްޓާލާއިރު، އެޗްޑީސީގެ ޓީޝާޓުލައިގެން އަންނަ ފިރިހެނަކު ފެނެ އެވެ. އަދި އޭނައާ ސުވާލު ކުރުމުން މި ޕޯސްޓަރުތައް ނަގަމުން ދަނީ ހުއްދަ ނުނަގާ ހަރުކޮށްފައިވާ އެއްޗެހި ކަމަށްވާތީ ކަމަށް ބުނެފައިވެ އެވެ. 

މީގެ އިތުރުން ޕޯސްޓަރުތައް ހަރުކުރެވޭނެ ތަންތަނާއި، ހަރުނުކުރެވޭނެ ތަންތަން ގެޒެޓް ކޮށްފައިވާ ކަމަށް އެ މުވައްޒަފު ބުނެ އެވެ. އަދި އެ މަގުގައި ޕޯސްޓަރު ހަރުނުކުރެވޭނެތޯ ތަކުރާރުކޮށް ސުވާލު ކުރުމުން ބުނީ އެކަން ކުރެވޭނީ ވަކި ހުއްދަތަކެއް ނަގައިގެން ކަމަށެވެ. 

މި މައްސަލައާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އެޗްޑީސީއަށް ވަނީ އަމާޒުވެފަ އެވެ. އެޗްޑީސީގެ މުވައްޒަފުން ފަތިހުގެ ވަގުތު ޕޯސްޓަރުތައް ނެގުމުގެ މަސައްކަތް ކުރަނީ އެކަން ރައްޔިތުންނަށް ސިއްރުން ކުރުމުގެ މަގުސަދުގައި ކަމަށް ގިނަ ބަޔަކު ބުނެފައިވެ އެވެ.

އެމްޑީޕީގެ ކެންޑިޑޭޓުން ޕޯސްޓަރުތައް އެޗްޑީސީން ނަގާއިރު، ހުޅުމާލެ ފޭސް- 1 އަދި 2 ގައި ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ކެންޑިޑޭޓުންގެ ޕޯސްޓަރުތަކާއި ބިލްބޯޑުތައް ވަރަށް ގިނައިން ހަރުކޮށްފައިވެ އެވެ. އަދި ޕޯސްޓަރާއި، ބިލްބޯޑުތައް ހަރުކުރުމުގެ މަސައްކަތުގައި އެޗްޑީސީގެ މުވައްޒަފުން ބައިވެރިވެފައިވެ އެވެ.