ގިނިކާ މާ ދޫންޏެއްގެ ބަނޑުދަށުގައި ތިބި ދޫނިތަކަށް ވޯޓު ދީގެން ރައްޔިތުންނަށް ވާނެ ފައިދާއެއް ނެތް ކަމަށާއި، ލޯކަލް ކައުންސިލް އިންތިޚާބުގައި ހުރިހާ ދޫނިތަކަށް ބޮޑުތަނުން ނޫނެކޭ ބުނަން ޖެހޭ ކަމަށް އެމްޑީޕީ ގައުމީ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ ރައީސް ޝާތިރު އަބްދުއްރަހްމާން ވިދާޅުވެއްޖެ އެވެ.

އާދިއްތަ ދުވަހުގެ ހަވީރު އެމްޑީޕީން ކުރިއަށް ގެންދިޔަ ޕިކަޕް ޖަލްސާގައި ޝާތިރު ވިދާޅުވީ، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ނަގާ ރެފަރެންޑަމްއަކީ ބޮޑު އޮޅުވާލުމެއް ކަމަށާއި، އެއަށް ހުރިހާ ރައްޔިތުން ނޫނެކޭ ބުނަން ޖެހޭ ކަމަށެވެ. އެއީ ރައީސް މުއިއްޒުގެ ރިޔާސީ ދައުރު ދިގުދަންމާލަން ރޭވިގެން ހިންގާ ޖަރީމާއެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

ޕީއެންސީގެ ދޫނިތަކަށް އިޝާރާތް ކުރައްވައި ޝާތިރު ވިދާޅުވީ 2024 ވަނަ އަހަރު ރައްޔިތުން ނުކުމެ 87 ދޫންޏަށް ވޯޓު ދިން ކަމަށާއި، ރައްޔިތުންގެ މަޖިލީހުގައި އެ ދޫނިތައް ތިބި ހާލަތު ރައްޔިތުންނަށް ފެނިފައިވާ ކަަމަށެވެ. އެއްވެސް ދޫންޏަކަށް ފިޔަ އުފުލާ ނުލެވޭ ކަމަށާއި، މަޖިލީހުގައި ތިބީ  ފިޔަ، ތުން އަދި ފައި ބަނދެފައި ތިބި ދޫނިތަކެއް ކަމަށެވެ. 

އެހެންކަމުން އަނެއްކާ ވެސް ކައުންސިލްތަކަށް މިފަދަ ދޫނިތަކެއް އިންތިޚާބު ކޮށްފިނަމަ ވާނެ ގޮތަކާއި މެދު ރައްޔިތުން ވިސްނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ، ގިނިކާމާ ދޫންޏެއްގެ ބަނޑުދަށުގައި ތިބި ދޫނިތަކަކަށް ވޯޓު ދީގެން ރާއްޖޭގެ ރައްޔިތުންނަށް ވާނެ ފައިދާއެއް ނެތް ކަމަށެވެ. 

އަނގައިން ބުނެވޭ ދޫންޏެއް ނޫން. އުދުހިގަނެވޭ ދޫންޏެއް ނޫން. ބޭނުން ދިމާލަކަށް އުދުއްސައިލެވޭ ދޫންޏެއް ނޫން. ހަމައެކަނި ރިޔާސީ ގަނޑުވަރު ތެރެއިން އެ ވިދާޅުވާ އެއްޗެއް ވިދާޅުވީމަ ވިދާޅުވާ ގޮތަކަށް ވިދާޅުވާން ކެރޭ ދޫނިތަކެއް މި ތިބީ. އެކަހަލަ ދޫނިތަކެއް ނޫން ރައްޔިތުން ހޮވަން ބޭނުންވަނީ. ކާން ވެސް ދެނީ، ކޮންމެވެސް މުއްދަތެއް ހަމަކޮށްފައި، ރިޔާސީ ކޮއްޓަށް ވައްދާފައި، ކާންދޭ އެއްޗެއް ކާންދީފައި، ދެން ތިބޭ ގޮތަށް ތިބެނީ. އެކަން ތިބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން ފެންނާނެ މިހާރު. ކޮބައިތޯ އެ ވިދާޅުވާ ދޫނިތައް ރައްޔިތުންގެ މަޖިލީހުގެ ކިޔާ ލަވައަކީ. އުދުހިގަނޭތޯ؟ ފިޔަ ހަލުވާލާތޯ؟ ނޫން ބަލަން ތިބީ. ބަދެފައި ތިބީ. މި ހުރިހާ ދޫނިތައް ކޮންޓްރޯލް ކުރަން ހުރީ ގިނިކާމާ ދޫންޏެއް. އެގިނިކާމާދޫނީގެ އަވާގައި އަނެއްކާވެސް ބަޔަކު ޖައްސަންވެގެން ނުކުމެ މި ކިޔަނީ ދޫންޏަށް ވޯޓުދޭށޭ. ނޫން، ދޫންޏަށް ވޯޓުދީގެންނުވާނެ. ދޫނިތައް ތިބީ ގިނިކާ މާ ދޫންޏެއްގެ ދަށުވެފައި. ގިނިކާ މާދޫނީގެ ދަށުވެފައި ތިބި ދޫނިތަކަކަށް ވޯޓު ތިބީމާ ވާނެ ގޮތް ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ.
އެމްޑީޕީ ގައުމީ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ ރައީސް ޝާތިރު އަބްދުއްރަހްމާން 

މީގެ އިތުރުން ޝާތިރު ވިދާޅުވީ މިސަރުކާރުން އިންތިޚާބުތަކާ ގުޅިގެން ވޯޓު ގަތުމުގެ ސަގާފަތް ގެނެސްފައިވާ ކަމަށާއި، މިއީ ދައުލަތުގެ ބަޖެޓުން ވޯޓު ގަންނަން ޚަރަދުކުރަމުންދާތާ ތިން ވަނަ އަހަރު ކަމަށެވެ. ރައްޔިތުންގެ ޓެކްސް ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށް އިންތިޚާބުތަކާ ދިމާކޮށް އެ ފައިސާ ބަހާބެހުން ހުއްޓުވާނީ ރައްޔިތުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ރައްޔިތުން ފައިސާގެ އަޅުންނަށް ވާން ނުޖެހޭ ކަމަށެވެ.