މަގުމަތީގައި އުޅޭ ބުޅާތަކަށް އަނިޔާ ކުރާނަމަ ނުވަތަ މަރާނަމަ ޖަލަށްލައި، ބައި ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމުގެ އިންޒާރު މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އިން ދީފި އެވެ. 

ހޯމަ ދުވަހު އެނިމަލް މިނިސްޓްރީން ބުނީ، މިހާރަކަށް އައިސް ރާއްޖޭގައި ބައެއް މީހުން ޖަނަވާރުތަކަށް އިހާނެތިކޮށް ހިތާއި، ހާނިއްކަކުރުމާއި މަރާލުމުގެ އިތުރުން، އެތަކެއްޗަށް އަޅާނުލައި ދޫކޮށްލާކަމުގެ ޝަކުވާތައް ވަރަށް ގިނައިން ލިބެމުންދާ ކަމަށާއި، މިކަންކަމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށެވެ. 

ޖަނަވާރުތަކަކީ ވޭނާއި، ބިރާއި، ތުރާ އިހުސާސްކުރެވޭ ފުރާނަ ހުރި މަޚްލޫގުންނަށްވީއިރު، އެ ތަކައެޗަށް އޯގާތެރިކޮށް ހިތުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަކީ އިންސާނިއްޔަތުކަމުގެ ގޮތުންނާއި ދީނީ ގޮތުންނާއި ގާނޫނީ ގޮތުންވެސް ކޮންމެ މީހެއްގެ މައްޗަށް އޮތް ވާޖިބު ކަމެއްކަން ފާހަގަކޮށް މިނިސްޓްރީން ބުނީ، ޖަނަވާރު ގެންގުޅުމާއި ޖަނަވާރުތްކުގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން، ޖަނަވާރުތަކަށް ލިބިދޭންޖެހޭ އަސާސީ ހައްގުތައް ގާނޫނީ ގޮތުން ކަށަވަރު ކޮށްދީފައިވާ ކަަމަށެވެ. 

އެހެންކަމުން، ޖަނަވާރުންނަށް އިހާނެތިކޮށް ހިތާ، އަނިޔާކޮށް މަރާ ނުވަތަ ނުބަލައި ދޫކޮށްލާ ފަރާތްތަކާމެދު، މި ގާނޫނުގެ ދަށުން ޖޫރިމަނާކުރުމާއި ޖަލަށްލުން ފަދަ ހަރުކަށި ގާނޫނީ ފިޔަވަޅުތައް އެޅޭނެ ކަމަށް އެނިމަލް މިނިސްޓްރީން ބުނެ އެވެ. އަދި ގާނޫނުގެ 80 ވަނަ މާއްދާ ކަމުގައިވާ "ޖަނަވާރުންނަށް އިހާނެތިކޮށް ހިތުމާއި އާންމު ތަންތަނަށް ޖަނަވާރު ދޫކޮށްލުން" މި މާއްދާގެ ދަށުން ޚާއްސަ އުސޫލުތަކެއް ތަރުތީބު ކުރެވިފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ. 

އެގޮތުން ޖަނަވާރުތަކަށް އިންސާނިއްޔަތުކަމެއް ނެތް އެއްވެސް ބާވަތެއްގެ އިހާނެތި އަމަލެއް ހިންގުމަކީ ނުވަތަ އެފަދަ އެއްޗަކަށް ގޯސްކޮށް ހިތުމަކީ މަނާ ކަމެއް ކަމަށްވާއިރު، ގޭގޭގައި ގެންގުޅޭ ޖަނަވާރުތައް، އެއްވެސް ބެލެހެއްޓުމެއް ނެތި އާންމު ތަންތަނަށް ދޫކޮށްލުމަކީ މަނާކަމެއް ކަމަށް ބުނެފައިވެ އެވެ. އަދި މިއާ ހިލާފުވާ މީހުން އެ ކުރި އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި، 5,000 ރުފިޔާ އާއި 50,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. 

މީގެ އިތުރުން ޖަނަވާރުންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށް އެންމެހާ ރައްޔިތުން ޒިންމާދާރުކަމާއެކު އަމަލު ކުރުމަށާއި، މިފަދަ ކަމެއް ފާހަގަކުރެވިއްޖެނަމަ ލަސްނުކޮށް ކަމާބެހޭ ފަރާތްތަކަށް ރިޕޯޓް ކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ޖަނަވާރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެންގެ ހިއްސާ އޮތް އިޖުތިމާއީ ޒިންމާ އެއް ކަމަށް މިނިސްޓްރީން ބުނެ އެވެ. 

މަގުމަތީގައި އުޅޭ ބުޅާތަކަށް އަނިޔާ ކުރާނަމަ، ބައި ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމުގެ އިންޒާރު މިނިސްޓްރީން ދީފައިވާއިރު، ހއ. ހޯރަފުށީގައި ބުޅަލަކަށް ގަސްތުގައި އަނިޔާކޮށް މަރާލި މައްސަލައެއް ބަލަމުންދާ ކަމަށް އާދިއްތަ ދުވަހު ފުލުހުން ބުނެފައިވެ އެވެ. ދޭތެދޭރެއިން މާލޭގައި ވެސް ބުޅާތަކަށް އަނިޔާ ކުރާ މައްސަލަތައް ބޮޑުވެގެންދެ އެވެ.

ނަމަވެސް ބުޅާތަކަށް ރައްކާތެރިކަން ދިނުމާއި، ބެލެހެއްޓުމުގެ އިތުރުން އަނިޔާ ކުރާ މައްސަލަ ހައްލު ކުރުމަށް ވެސް އެކަށީގެން ފިޔަވަޅެއް އެނިމަލް މިނިސްޓްރީއަށް އެޅިފައިނުވެ އެވެ. އަދި މާލެސިޓީ ކައުންސިލުން އިމާރާތް ކުރި ކެޓް ޝެލްޓަރ މިސަރުކާރުން އަތުލުމަށްފަހު، މިނިސްޓްރީއާ ހަވާލުކުރި ނަމަވެސް މާލެސިޓީގެ މަގުމަތީގައި ދިރިއުޅޭ ބުޅާތައް ކެޓް ޝެލްޓަރއަށް ބަދަލު ނުކުރާ މައްސަލަ ބޮޑެވެ. އެއީ މަގުމަތީގައި އުޅޭ ބުޅާތައް ބެލެހެއްޓުމަށް ހެދި ތަނެއް ނަމަވެސް މިހާތަނަށް ކެޓް ޝެލްޓަރއަށް ގެންގޮސް ބަލަހައްޓަމުން ދަނީ ނިސްބަތުން ވަރަށް މަދު ބުޅަލެއް ކަމަށާއި، ރަނގަޅު ޚިދުމަތް ނުލިބޭ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.