ރާއްޖޭގެ މަސައްކަތުގެ އިންޑަސްޓްރީއަށް މި
ސަރުކާރުން ބޮޑު ގެއްލުމެއް ދީފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް
އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް އެހެން ވިދާޅުވީ ރާއްޖެޓީވީގެ ނޫނެކޭ ކެމްޕޭން
ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

ޝަރީފް ވިދާޅުވީ، މި ހިނގަމުންދާ ސަރުކާރުން
ރާއްޖޭގެ މަސައްކަތުގެ އިންޑަސްޓްރީއަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާކަމަށެވެ. އެގޮތުން
ޒުވާނުން ވަޒީފާއާ މެދު ގެންގުޅޭ ވިސްނުމަށް މި ސަރުކާރުގެ ސަބަބުން ނޭދެވޭ އަސަރުކޮށްފައިވާކަން
ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، ވަޒީފާއެއްގައި ހުންނައިރު މަސްއޫލިއްޔަތުތަކެއް
އަދާކުރަންޖެހޭނެކަމަށް އޮންނަ އޮތުން މިހާރު ގެއްލެމުންދާކަމަށެވެ.

ޝަރީފް އިތުރަށް ވިދާޅުވީ، ސިޔާސީ އެކި
މަޤާމުތަކާއި އެކި ވަޒީފާތަކުގައި ގިނަ އަދަދެއްގެ މުވައްޒަފުން މިއަދު އެބަތިބި
ކަމަށާއި، ނަމަވެސް އެމީހުން ކުރާނެ މަސައްކަތެއް ނެތް ކަމަށެވެ.

  ރާއްޖޭގެ ޒުވާނުންގެ މަސައްކަތާބެހޭ އެޓިޓިއުޑް މި އޮތީ މި ސަރުކާރުން އައިސް ވަރަށް ބޮޑަށް ގެއްލުވާލާފައި، ވާހަކައަކީ ވަޒީފާއެއްގައި ހުރެފައި މަސައްކަތެއް ކުރަންޖެހޭނެކަމަށް އޮންނަ އޮތުން މިހާރު ނެތް، ސަބަބަކީ ދައުލަތުގެ ވަޒީފާގައި ސިޔާސީ މަސައްކަތްތަކުގައި އެތައް ހާސް ބަޔަކު އެބަތިބި މިހާރު، ތިބިއިރު އެމީހުން އަދާކުރާނެ ވަޒީފާއެއް ނުވަތަ ކުރާނެ މަސައްކަތެއް ނޯވޭ.
އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް އަހުމަދު ޝަރީފް

ޝަރީފް ވިދާޅުވީ، އެކަންކަން އާންމުވަމުން ދިއުމުގެ
ސަބަބުން މަސައްކަތް ކުރުމަކީ ލާޒިމު ކަމެއްކަންވެސް މިއަދު ބައެއް މުވައްޒަފުން
ޤަބޫލު ނުކުރާ ކަމަށެވެ. އަދި ވިދާޅުވީ، މިއީ ކުރިއަށް އޮތް ޖީލުތަކަށްވެސް ބޮޑެތި
ގެއްލުންތަކެއް ކުރިމަތި ކުރުވާނެ ކަމެއް ކަމަށާއި، އެކަމުގެ ގެއްލުމުން
އަރައިގަންނަންވެސް އުނދަގޫވާނެ ކަމަށެވެ.

ޝަރީފް އެހެން ވިދާޅުވެފައިވާއިރު، ކުރިއަށް އޮތް
ކައުންސިލް އިންތިޚާބާ ދިމާކޮށް ސަރުކާރުގެ އެތައް ކުންފުންޏަކާއި އިދާރާތަކުން
ގެންދަނީ ވަޒީފާތައް އިއުލާނު ކުރަމުންނެވެ. އެގޮތުން މަސައްކަތްތައް ހުއްޓިފައިވާ ރަށްރަށުގައިވެސް އެކި ނަންނަމުގައި ވަޒީފާތައް އިއުލާނުކޮށްފައިވެއެވެ.