2026 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި ބޭނުންކުރާ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުން ސޮއިކުރުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން އަންގާރަ ދުވަހު ހުޅުވާލާނެ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
މި ރަޖިސްޓަރީގައި ސޮއިކުރުމުގެ ފުރުޞަތު ދީފައިވަނީ އިންތިޚާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ މަންދޫބުންނަށެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ސޮއިކުރުން ކުރިއަށްދާނީ 2026 މާރިޗު 17 ވާ އަންގާރަ ދުވަހުން ފެށިގެން އެ މަހުގެ 19 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 03:00 އަށް އަދި ރޭގަނޑު 09:30 އިން 12:00 އަށް ސޮއިކުރުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސާފަ އެވެ. ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދާނީ އިލެކްޝަންސް ކޮމިޝަނުގެ އިންތިޚާބާބެހޭ މަރުކަޒުގަ އެވެ.
ކެންޑިޑޭޓުގެ ބަދަލުގައި އެހެން ފަރާތަކުން ސޮއިކުރަން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ކެންޑިޑޭޓު ސޮއިކޮށްފައިވާ ސިޓީއެއް ހުށަހަޅަންޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ. މި ސިޓީގައި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ހިމަނަންޖެހެ އެވެ. މީގެ އިތުރުން، ކެންޑިޑޭޓުގެ އައިޑީކާޑު ކޮޕީއަކާއި، ސޮއިކުރަން ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑުގެ އަސްލު ގެންނަންވާނެ ކަމަށް ވެސް އެ ކޮމިޝަނުން ބުނެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ހުރިހާ ކެންޑިޑޭޓުންވެސް ރަޖިސްޓަރީގައި ސޮއިކުރުމުގެ ކަންކަން ފުރިހަމަކުރުމަށް އިލްތިމާސްކޮށްފަ އެވެ.