މަޑިހާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އެތެރެކުރި ފިޔާ އަދި ކާށީގެ ޝިޕްމަންޓްތައް ކާމިޔާބުކަމާއެކު ކްލިއަރ ކުރުމާ ގުޅިގެން، އެ ކުންފުނީގެ "އުފަންވެލި" ފިހާރަތަކުން ވިއްކާ ތަކެތީގެ އަގުތައް ހެޔޮކޮށް، ޚާއްޞަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެ ކުންފުނިން މަޢުލޫމާތު ދޭ ގޮތުގައި، ލޮޖިސްޓިކްސްގެ ގިނަ މަސައްކަތްތަކަކަށްފަހު މި ޝިޕްމަންޓްތައް ކްލިއަރ ކުރެވުމާއެކު، މާލެ ސަރަހައްދުގެ ކަސްޓަމަރުންނަށް ޒަރޫރީ ބާވަތްތައް އަގުހެޔޮކޮށް ފޯރުކޮށްދިނުމުގެ ގޮތުން އުފަންވެލި ފިހާރަތަކުގެ އަގުތަކަށް ވަނީ ވަގުތުން ބަދަލު ގެނެސްފަ އެވެ.

އަލަށް ގެނައި މި ސްޓޮކާއެކު، މިހާރު އުފަންވެލި ފިހާރަތަކުން ފިޔާ ކިލޯއެއް 5 ރުފިޔާއަށް ލިބެން ހުރިއިރު، ކާށިވެސް ލިބެން ހުރީ ކާށްޓެއް 5 ރުފިޔާގެ މަގުންނެވެ. މިއީ މިވަގުތު މާލޭގެ ބާޒާރުގައި މި ތަކެތި ލިބެން ހުރި އެންމެ ހެޔޮ އަގުތަކުގެ ތެރޭގައި ހިމެނޭ އަގުތަކެކެވެ.

އާންމު ކަސްޓަމަރުންނާއި ވިޔަފާރިވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، އުފަންވެލި ފިހާރަތަކުން ވަނީ ޚާއްސަ ޕްރޮމޯޝަނެއްވެސް ފަށާފަ އެވެ. މި ޕްރޮމޯޝަނުގެ ދަށުން، ރީޓެއިލްކޮށް ވިޔަފާރިކުރާ ކަސްޓަމަރުންގެ ބިލް 1،500 ރުފިޔާއަށްވުރެ މަތިވާނަމަ، ހަދިޔާއެއްގެ ގޮތުގައި ފިޔާ ބަސްތާއެއް ހިލޭ ލިބޭނެ އެވެ.

ހޯލްސޭލްކޮށް ވިޔަފާރިކުރާ ފަރާތްތަކުގެ ބިލް 5،000 ރުފިޔާއަށްވުރެ މަތިވާނަމަ، އެ ފަރާތްތަކަށްވެސް އިތުރު ފިޔާ ބަސްތާއެއް ހިލޭ ލިބޭނެ އެވެ. މި އޮފަރގެ ޝަރުތު ހަމަވާ ރީޓެއިލް ކަސްޓަމަރުން، ވިޔަފާރިކުރި ރަސީދު އުފަންވެލި ހޯލްސޭލް ފިހާރައަށް ދެއްކުމުން ހިލޭ ލިބޭ ފިޔާ ބަސްތާއާ ހަވާލުކުރެވޭނެ އެވެ.

މަޑިހާ ކޮމްޕެނީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، މިއީ ޒަރޫރީ ކާބޯތަކެތީގެ ބާވަތްތައް އާންމު ރައްޔިތުންނަށް ފަސޭހައިން އަދި އަގުހެޔޮކޮށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.

"ޝިޕްމަންޓްތައް ކްލިއަރ ވުމާއެކު އަޅުގަނޑުމެން ބޭނުންވީ ވަގުތުން އަގުތަށް އަގު ތިރިކޮށް، ކަސްޓަމަރުންނަށް އިތުރު ފައިދާތަކެއް ހޯދައިދޭން. އުފަންވެލި ފިހާރަތައް މެދުވެރިކޮށް އަޅުގަނޑުމެންގެ އަމާޒަކީ އާއިލާތަކަށާއި ވިޔަފާރިތަކަށް ބޭނުންވާ ޒަރޫރީ ތަކެތި ހެޔޮ އަގުގައި ލިބޭނެކަން ކަށަވަރުކޮށްދިނުން،" އޭނާ ވިދާޅުވި އެވެ.

މި ހެޔޮ އަގުތަކާއި ޕްރޮމޯޝަންގެ ފުރުސަތު މިހާރު މާލެ އަދި ހުޅުމާލޭގައި ހުންނަ އުފަންވެލި ފިހާރަތަކުން ރީޓެއިލް އަދި ހޯލްސޭލް ކަސްޓަމަރުންނަށް ލިބޭނެ އެވެ.