ހއ. ހޯރަފުށީގައި ބުޅަލަކަށް ގަސްތުގައި އަނިޔާކޮށް މަރާލާފައިވާ ކަމަށް ބުނާ މައްސަލައެއް ފުލުހުންގެ އިދާރާއިން ބަލަން ފަށައިފިއެވެ.

މިގޮތުން ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، މި މައްސަލަ އެ އިދާރާއަށް ރިޕޯޓުކޮށްފައި ވަނީ 12 މާރިޗު 2026 ގެ ރޭ 19:06 ހާއިރު ކަމަށެވެ. 

މި މައްސަލައިގެ ތަހުގީގާ ގުޅޭގޮތުން ފުލުހުން އިތުރަށް ބުނީ، މިހާތަނަށް ތިން މީހަކާ ސުވާލުކޮށް، ތަހުގީގަށް ބޭނުންވާ ބަޔާންތައް ނަގާފައިވާ ކަމަށެވެ. ބުޅަލަކަށް އަނިޔާކޮށް މަރާލި މި ރަހުމުކުޑަ އަމަލާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކުރިކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިސްލާމީ ރިވެތި އަދަބުތަކާއި އިންސާނިއްޔަތުކަމުގެ ތެރެއިން ޖަނަވާރުންނަށް އޯގާތެރިވުމަކީ ދިވެހި މުޖުތަމައު ބާރުއަޅާ ކަމަކަށްވާއިރު، މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމަކީ މުހިންމު ކަމެކެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 625 ވަނަ މާއްދާގައި ބުނެފައި ވަނީ ޖަނަވާރަކާ މެދު އަނިޔާވެރި އަމަލު ހިންގުމަކީ ކުށެއް ކަމަށެވެ. އަދި އެ ގާނޫނުގެ ދަށުން، އެ ކުށަށް އަސާސީ މިންގަނޑުން އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ކުރެވިދާނެއެވެ. އަދި  އެންމެ ގިނަވެގެން ތިން މަސް ދުވަހުގެ ޖަލު ހުކުމެއްވެސް އިއްވި ދާނެއެވެ.