ހދ. ހަނިމާދޫގައި ދިރިއުޅޭ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުން، އެ އަތޮޅު ހިރިމަރަދޫ ރައްޔިތުންނަށް ގޯތި ދިނުމަށް ސަރުކާރުން ނިންމި ނިންމުމާ ދެކޮޅަށް ހަނިމާދޫ ރައްޔިތުން "ފުރަތަމަ ހަނިމާދޫ" ގެ ނަމުގައި އިއްޔެ ބޮޑު ސައިކަލު ބުރެއް ބާއްވައި އިހުތިޖާޖުކޮށްފިއެވެ.

އިއްޔެ ހަވީރު ހަނިމާދޫގެ ބޮޑެތި މަގުތަކުގައި ކުރިއަށްދިޔަ މި ސައިކަލު ބުރުގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ. މުޒާހަރާގެ ބައިވެރިން ވަނީ އެ މީހުންގެ ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން އަޑުއުފުލާފައެވެ.

މި އިހުތިޖާޖު ކުރިއަށް ގެންދިޔައީ ހަނިމާދޫ ރައްޔިތުން ފާސްކޮށްފައިވާ ލޭންޑް ޔޫސް ޕްލޭންގައި، އެ ރަށު ރައްޔިތުންނަށް ގޯތި ދިނުމަށް ހާއްސަކޮށްފައިވާ ސަރަހައްދުން ހިރިމަރަދޫ މީހުންނަށް ގޯތި ދިނުމަށް ނިންމުމާ ގުޅިގެންނެވެ.

މިގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި، ރަށުގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރަށުގެ އަހުލުވެރިންނަށް ގޯތި ނުދީ، އެހެން ރަށަކުން ބަދަލުކުރާ ބަޔަކަށް އިސްކަން ދިނުމެވެ. އިހުތިޖާޖުގެ ބައިވެރިން ބުނަމުން ދިޔައީ ހިރިމަރަދޫ މީހުންނަށް ގޯތި ދޭންވާނީ ހަނިމާދޫ ރައްޔިތުންނަށް ކަނޑައެޅި ސަރަހައްދުން ގޯތި ދޫކޮށް ނިންމުމަށްފަހު ކަމަށެވެ.

އިއްޔެ ހަނިމަދޫ ރައްޔިތުން ބޭއްވި ސައިކަލު ބުރުގެ ތެރެއިން

އިއްޔެ ހަނިމަދޫ ރައްޔިތުން ބޭއްވި ސައިކަލު ބުރުގެ ތެރެއިން

މިދިޔަ އަހަރުގެ އޮގަސްޓް މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ހިރިމަރަދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަމާއި މުނިސިޕަލް ޚިދުމަތްތައް ދޮޅު އަހަރު ތެރޭގައި ހަނިމާދޫގައި ޤާއިމްކޮށްދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ވަނީ ހަވާލުކުރައްވާފައެވެ.

އެ ދަތުރުފުޅުގައި ރައީސް ވިދާޅުވެފައިވަނީ ހިރިމަރަދޫގައި ހުރި ކޮންމެ ގޯއްޗަކަށް ހަނިމާދޫއިން ގެއެއް ލިބޭނެ ކަމަށާއި، 18 މަސްދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމައި ތަޅުދަނޑި ހަވާލުކުރައްވާނެ ކަމަށެވެ. ނަމަވެސް، އެއްވެސް ރައްޔިތަކަށް ރަށުން ބަދަލުވާން މަޖުބޫރު ނުކުރައްވާނެ ކަމަށްވެސް އެމަނިކުފާނު އޭރު ވިދާޅުވިއެވެ. ހިރިމަރަދޫ މީހުން ހަނިމާދޫއަށް ބަދަލުކުރަން ނިންމާފައި އޮތުމުން، ހިރިމަރަދޫން ގޯތި ދޫކުރުންވެސް ފަހުން އޮތީ މެދުކަނޑާލާފައެވެ.

މި މައްސަލާގައި ހަނިމާދޫ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާއިރު، ރަށުގެ ބިމުގެ މައްސަލާގައި ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް އެ ރަށު ރައްޔިތުން ދަނީ ގޮވާލަމުންނެވެ