ދެ އިންތިޚާބު އެއްކުރަން ގާނޫނު އަސާސީ އަށް މި ސަރުކާރުން ގެންނަ އިސްލާހާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމުން އަނެއްކާ ވެސް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިސްލާހު ކުރާނެ ވާހަކަ ސަރުކާރުން ފަށައިފި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް މީހުން ހޮވުމަށް ބާއްވަން ޖެހޭ އިންތިޚާބު ބާއްވާނީ ގާނޫނު އަސާސީގެ 110 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަކު ހޮވުމަށް ބާއްވާ އިންތިޚާބާ އެކުގައި ކަަމަށް ކަނޑައަޅާ ގާނޫނު އަސާސީ އިސްލާހު ކުރަން ސަރުކާރު ހިންގާ ޕީއެންސީގެ ފުލް މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ މަހުގެ 10 ވަނަ ދުވަހު އެވެ. 

މި ބިލު ތަސްދީގު ކުރުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމާ ގުޅޭ ގަރާރު ވެސް އާންމު ކުރައްވާފަ އެވެ. މިކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން މި ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ. 

އެއާއެކު އަނެއްކާ ވެސް ޖޭއެސްސީ އިސްލާހު ކުރަން އުޅޭ ވާހަކަ ސަރުކާރުން މިވަނީ ދައްކަން ފަށާފަ އެވެ. 

އާދިއްތަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީ ގައި މައްސަލަތަކެއް އެބަހުރިކަމަށާއި، އެކަންކަން އިސްލާހު ކުރަން ޖެހޭކަން އެއީ އެންމެން ވެސް ގަބޫލުކުރާ ހަގީގަތެއް ކަމަށެވެ. އަދި އެކަންކަން ހައްލުކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ގާނޫނު އަސާސީ އަށް 3 އިސްލާހެއް ގެނައުމަށް މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. 

އެއީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުމަށް ގާނޫނު އަސާސީ އިސްލާހު ކުރުމާއި، ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ގާނޫނު އަސާސީ އިސްލާހު ކުރުމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވަމުންދާ މައްސަލައަށް ހައްލެއް ގެނައުމަށް ގާނޫނު އަސާސީ އިސްލާހު ކުރުން ކަމަށް ބަންޑާރަ ނައިބު ވިދާޅުވި އެވެ.

އުޝާމް ވިދާޅުވީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުމަށްޓަކައި ގާނޫނު އަސާސީ އަށް ގެންނަންޖެހޭ އިސްލާހުގެ މަސައްކަތް މިވަގުތު ކުރިއަށް މިގެންދަނީ ކީއްވެގެންތޯ ކުރެވޭ ސުވާލުގެ ޖަވާބު ވަރަށް ސާފު ކަމަށެވެ. 

އެގޮތުން މި އިސްލާހަކީ އެއަށް އަމަލުކުރަން ފެށުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ސީދާ ގާނޫނު އަސާސީ އިން ލާޒިމްކުރާ އިސްލާހެއް ކަމަށާ ގާނޫނު އަސާސީ އަށް ދެން ގެންނަންޖެހޭ އިސްލާހުތަކަކީ އެއަށް އަމަލު ކުރުމަށްޓަކާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގާނޫނު އަސާސީ ލާޒިމްކުރާ އިސްލާހުތަކެއް ނޫން ކަމަށް އުޝާމް ވިދާޅުވި އެވެ. 

އުޝާމް ވިދާޅުވީ ގާނޫނު އަސާސީ އަށް ދެން ގެންނަން ބޭނުންވާ އިސްލާހުތައް ވެސް މާލަސްތަކެއް ނުވެ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާނެ ކަމަށާއި މިހާރު ހިނގަމުންދަނީ އެކަމުގެ އެންމެ ފަހުގެ މަޝްވަރާތައް ކަމަށެވެ. 

 މީގެ ކުރިން ވެސް މި ސަރުކާރުން ވަނީ އެކި ފަހަރު މަތިން ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށް ގާނޫނު އަސާސީ އިސްލާހު ކުރާނެ ކަމަށް ބުނެފަ އެވެ. އަނެއްކާ ވެސް ޖޭއެސްސީ އިސްލާހު ކުރާ ވާހަކަ ސަރުކާރުން ދައްކަން ފަށާފައި މިވަނީ މި ސަރުކާރުން ކުއްލިކުއްލި އަށް ގާނޫނު އަސާސީ އަށް ބޭނުން އިރަކު އިސްލާހު ގެންނަމުންދާ ކަމަށް ބުނެ އެތައް ބަޔަކު ކަންބޮޑުވުން ފާޅުކޮށް، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.