މިދިޔަ އަހަރު ޕެރޯލްގެ ދަށުން ދޫކޮށްލުމަށް އެދި 241 ގައިދީން ހުށަހެޅި ނަމަވެސް މިނިވަންވީ 27 މީހުން ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނެފި އެވެ.

ކަރެކްޝަނުން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، 2025 ވަނަ އަހަރު ޕެރޯލަށް އެދި ޖުމްލަ 241 ފޯމު ހުށަހަޅާފައިވެ އެވެ.

އެގޮތުން 189 ފޯމެއް ޝަރުތު ފުރިހަމަވެފައިވާއިރު، 43 ފޯމު ޝަރުތު ފުރިހަމަވެފައިނުވެ އެވެ. 8 ފޯމްގެ މައުލޫމާތު ފުރިހަމަ ނުވާ ކަމަށާއި، އެއް ފޯމް ލީގަލް އެޑްވައިސް ހޯދުމަށް ފޮނުވާފައިވާ ކަމަށް ކަރެކްޝަނުން ބުނެ އެވެ.

ކަރެކްޝަނުން ބުނީ، ޝަރުތު ހަމަވި ހުށަހެޅުމުގެ ތެރެއިން 42 ފޯމެއްގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށާއި،  32 މައްސަލައެއްގެ މަސައްކަތް މުޅިން ނިންމާފައިވާ ކަމަށެވެ. އަދި 86 މައްސަލައެއް ގޮތް ނިންމުމަށް ބޯޑަށް ހުށަހަޅާފައިވާ ކަަމަށެވެ. އަދި ޕެރޯލް ބޯޑުން 42 މީހަކަށް ޕެރޯލް ދިނުމަށް ނިންމާފައިވާއިރު، 44 މީހެއްގެ ހުށަހެޅުން ބާތިލްކޮށްފައިވާ ކަމަށް ކަރެކްޝަނުން ބުނެ އެވެ. 

މީގެ އިތުރުން ކަރެކްޝަނުން ބުނީ، 22 މީހަކު އެއްވެސް އުސޫލަކާ ހިލާފުނުވެ ޕެރޯލްގެ މުއްދަތު ފުރިހަމަ ކޮށްފައިވާ ކަމަށެވެ. އަދި ޕެރޯލްގެ ފުރުސަތު ލިބުނު 25 މީހަކު އެ ފުރުސަތުގެ ބޭނުން ހިފަން އިއުތިރާޒުކޮށްފައިވެ އެވެ. 

މީގެ އިތުރުން ކަރެކްޝަނުން ބުނީ، މިނިވަންވުމަށްފަހު ޒިންމާ ނަގާނެ ފަރާތެއް ނެތުމުގެ ސަބަބުން ދެ މައްސަލައެއް ކުރިއަށް ނުގެންދެވޭ ކަމަށެވެ. އަދި މިދިޔަ އަހަރު ޕެރޯލްގެ އުސޫލުގެ ތެރެއިން 27 މީހަކު އަނބުރާ މުޖުތަމައަށް ނެރެފައިވާ ކަމަށް ވެސް އެސަރވިސްއިން ބުނެ އެވެ. 

ކަރެކްޝަނުން ދަނީ ގައިދީން އަނބުރާ މުޖުތަމައަށް ނެރުމަށް ގިނަ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން އެމީހުންނަށް އެކިއެކި މަސައްކަތްތައް ދަސްކޮށްދިނުމާއި، ކޯސްތައް ކުރިއަށް ގެންދިއުން ހިމެނެ އެވެ. ނަމަވެސް އިޖުތިމާއީ ގޮތުންނާއި އާއިލީ ގޮތުން ދިމާވާ ގޮންޖެހުންތަކާއެކު ބައެއް ދަތިތައް ކުރިމަތިވާ ކަމަށް ކަރެކްޝަނުން ބުނެ އެވެ.