ތ ގުރައިދޫގައި ބިދޭސީއެއްގެ ގަޔަށް ވަޅި ހަރާ
މަރާލި މައްސަލައިގެ އަޑުއެހުމެއް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް
ގެންގޮސްފިއެވެ.

މި އަޑުއެހުމަކީ މި މައްސަލައިގެ ޙުކުމް
ކުރެއްވުމަށް ބޭއްވި އަޑުއެހުމެކެވެ.

މި މައްސަލައިގައި ދައުވާކޮށްފައިވަނީ ބަބުލް މިއާ
ނަމަކަށް ކިޔާ ބަނގްލަދޭޝް ރައްޔިތެއްގެ މައްޗަށެވެ. އޭނާ ގެ މައްޗަށް ކޮށްފައިވަނީ
ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. އެ
ކުށުގެ އަދަބަކީ މަރުގެ އަދަބެވެ.

އޭނާ ގެ މައްޗަށް ކޮށްފައިވާ ދައުވާގައި ބުނާ ގޮތުގައި
އޭނާ ބަނގްލަދޭޝްގެ ރައްޔިތެއްކަމަށްވާ ޝާހް އަލަމްގެ ކަރާއި، މެޔާއި، މައިބަދައާއި،
ބުރަކައްޓަށް ކަތިވަޅިއަކުން ޙަމަލާދީފައިވެއެވެ. އެގޮތުން އެ ޙާދިސާ ހިނގާފައިވަނީ
21 މެއި 2020 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ.

އޭނާ އަމަލު ހިންގިކަމަށް އެއްބަސްވި ނަމަވެސް، އޭނާ
ބުނާ ގޮތުގައި މި އަމަލު އޭނާ ހިންގީ ނަފްސުގެ ދިފާއުގައެވެ. އަދި އެ ތަފްސީލުތައް
އޭނާ ފުލުހުންގެ ތަހުގީގުގައިވެސް ކިޔާދީފައިވެއެވެ.

އޭނާ ކިޔާދިން މައުލޫމާތާ އެއްގޮތަށް ފުލުހުން ވަނީ
ޙަމަލާ ދިނުމަށް ބޭނުންކުރި ވަޅިވެސް ހޯދާފައެވެ. އެ ވަޅިން ބަބުލް މިއާ އަދި ޝާހް
އާލޮމްގެ ޑީއެންއޭވެސް ފެނިފައިވެއެވެ.

މި މައްސަލައިގައި ދައުލަތާއި ދިފާއުންވެސް ހެކި
ހުށަހަޅާފައިވެއެވެ. އެގޮތުން ބަބުލް މިއާ އޭނާ ގެ ދިފާއުގައި 5 ހެއްކެއް
ހުށަހެޅިއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ
މުޒައްމިލް ނާސިރެވެ. ގާޒީ ވަނީ މި މައްސަލައިގައި ކުށުގެ ރުކުންތައް ފުރިހަމަވާ
ގޮތް ކިޔާދެއްވާފައެވެ. އެގޮތުން ކުށުގެ އަމަލާއި ނިޔަތާ ގުޅޭ ރުކުންތައް
ފުރިހަމަވޭތޯ ނުވަތަ ނޫންތޯ ބަލައި އެކަން ގާޒީ ވަނީ ކިޔާދެއްވާފައެވެ.

ބަބުލް މިއާގެ ފަރާތުން އިންކާރު ކުރަނީ އޭނާ ޝާހް
އާލޮމް މަރާލީ ގަސްތުގައިކަމަށް ބުނާ ބުނުމަށެވެ. ނަމަވެސް އޭނާ ބޭނުންކުރި
ހަތިޔާރަކީ މީހަކު މަރާލުމަށް ބޭނުން ކުރެވިދާނެ ހަތިޔާރެއް ކަމަށާއި، އޭނާ ދިން
ޙަމަލާ އަމާޒުކޮށްފައިވާ ތަނާއި، ޙަމަލާ ދިނުމަށްފަހު ކަންކުރި ގޮތް ފަދަ ވަށައިގެންވާ
ކަންކަމަށް ބަލާއިރު، އޭނާ ގެ ނިޔަތް އޮތްކަން ސާބިތުވާކަމަށް ގާޒީ ނިންމެވިއެވެ.

ގާޒީ ވިދާޅުވީ، ކަތިވަޅިއަކުން އޭނާ ތަކުރާރުކޮށް ޝާހް
އަލޮމްއަށް ޙަމަލާދިންކަން މި މައްސަލައިގެ ހެކިތަކުން ފެންނަން އެބައޮތް ކަމަށެވެ.

ޝާހް އަލޮމް ނިޔާވުމުގެ ކުރިން އެންމެ ފަހުން
ބަހެއް ބުނެފައިވަނީ އެތަނުގައި އުޅޭ އެހެން ބިދޭސީއެއްގެ ގާތުގައެވެ. އެގޮތުން
އޭނާ ބުނެފައިވަނީ، "ތިމަންނާ ކޮޓަރިއަށް އައިސް މީހަކު ތިމަންނާ ބަނޑު
ދަށަށް ވަޅި ޖަހައިފިއޭ" ކަމަށެވެ. އޭނާ ވަނީ އޭނާ ނިދާފައި އޮއްވައި މީހަކު
އައިސް އޭނާ "ކަފާލާފައި ގޮސްފިކަމަށް"ވެސް ބުނެފައެވެ.

މި މައްސަލައިގައި އޭނާ ނިދަން އޮތް އެނދުގައިވެސް
ވަޅިން ކަފައިގެން ގޮސްފައިވާ ނިޝާން ހުރިކަން މައްސަލައިގެ ސީން އޮފް ކްރައިމް އޮފިސަރސް
ރިޕޯޓުން އެނގެއެވެ.

މީގެ އިތުރުން، މިއީ އޭނާ ނަފްސުގެ ދިފާއުގައި ދިން
ޙަމަލާއެއްކަމަށް ބުނެ ހެކި ހުށަހެޅިނަމަވެސް، އޭނާ ހުށަހެޅި އެއްވެސް ދިފާއީ
ހެއްކަކީ އެ ޙާދިސާ ހިނގި ވަގުތު އެތަނުގައި ތިބި ބިދޭސީންނެއް ނޫނެވެ.

ހަމައެއާއެކު، އެވަރުގެ ޙާދިސާއެއް ހިންގުމަށްފަހުވެސް
އޭނާ ފުރަތަމަ މަސައްކަތް ކޮށްފައިވަނީ ދޮގު މައުލޫމާތު ދިނުމަށްކަން އެނގެން އޮތްކަން
ގާޒީ ވިދާޅުވިއެވެ. އެގޮތުން އޭނާ ގެ މައްޗަށް މި މަރާ ގުޅިގެން ފުރަތަމަ ތުހުމަތު
ކުރެވުނީވެސް އޭނާ ދޮގުހެދިކަން ހާމަވަމުން ދިޔަ ހިސާބުންނެވެ.

އެހެންވެ ގާޒީ ވަނީ އޭނާ ގެ މައްޗަށް އެއްވެސް ޝައްކެއް
ނެތް މިންވަރަށް ކުށް ސާބިތުވާކަމަށް ކަނޑައަޅުއްވާފައެވެ. ދެން މި މައްސަލައިގައި
އޮންނާނީ ވާރިސުންގެ ބަސް ހޯދުމާއި އަދަބާ ގުޅޭގޮތުން ވާހަކަ ދައްކައި، އަދަބު
ކަނޑައެޅުމެވެ.