ރައީސް ޑރ.މުހައްމަދު މުއިއްޒު ގާނޫނު އަސާސީއަށް ބަދަލު ގެންނަވާ، ކައުންސިލްތަކުގެ ބާރު ކަނޑުއްވާ ލެއްވުމަށްފަހު، ކައުންސިލްތަކުގެ ބާރު ކަނޑުވާލައި ސަރުކާރުން ކަންކަން ކުރުމަކީ ގަބޫލުކުރާ ހަމައެއް ނޫން ކަަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

ޕީއެންސީން ބޭއްވި ސައިކަލު ބުރަށްފަހު ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ކައުންސިލް ނިޒާމު ގަބޫލުކުރާ ކަމަށާއި، އެ ނިޒާމުގެ ތެރެއިން މަސައްކަތް ކުރަން ބޭނުންވާ ކަމަށެވެ. އަދި ވިދާޅުވީ ކައުންސިލްތައް ބާކީކޮށް، ކައުންސިލްތަކުގެ ބާރު ކަނޑުވާލައި، ސަރުކާރުން ކަންކަން ކުރުމަކީ ގަބޫލުކުރާ ހަމައެއް ނޫން ކަމަށެވެ.

ކައުންސިލް އިންތިޚާބުގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދޭންޖެހޭކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ، ވައުދުތައް ފުއްދުމަށްޓަކައި އެއްބާރުލުން ދޭނެ ކައުންސިލަރުން އިންތިޚާބު ކުރަންޖެހޭ ކަމަށެވެ. 

އެއީ، ރަށްރަށުގައި ކުރަންހުރި ކޮންމެ ކަމަކީ، ސިޓީތަކުގައި ކުރަންހުރި ކޮންމެ ކަމަކީ، ލާމަރުކަޒީ އުސޫލްގެ ތެރެއިން ނިޒާމުގެ ތެރެއިން ކުރިއަށް ގެންދެވިއްޖެ ނަމަ އޭގެ އެންމެ، ހެވާއިލާބަ ރައްޔިތުންނަށް ލިބޭނެ ގޮތް. އެހެންވީމާ، ކައުންސިލުތަކުގައި މިކަންކަމަށް އެއްބާރުލުން ދޭނެ ބޭފުޅުން ތިއްބެވުން މުހިންމު ވަނީ. އެހެންވީމާ، އަޅުގަނޑު މިއީ ރައްޔިތުންގެ ގާތުގައި މި އެދެނީ، ކައުންސިލު އިންތިޚާބުގައި ހުރިހާ ސިޓީތަކަށް، ހުރިހާ ކައުންސިލުތަކުގެ ތެރެއިން އަޅުގަނޑުމެންގެ ކެންޑިނޭޓުން، އަދި ޑަބްލިޔޫ.ޑީ.ސީ.ގެ ހުރިހާ ގޮނޑިތަކަށް އަޅުގަނޑުމެން ކެންޑިޑޭޓުން ހޮއްވަވަައި ދެއްވުމަށް.
ރައީސް ޑރ.މުހައްމަދު މުއިއްޒު

ރައީސް މުއިއްޒުގެ މިމޭރުމުން ވާހަކަ ދެއްކެވި ނަމަވެސް އެމަނިކުފާނު ވަނީ ލާމަރުކަޒީ ގާނޫނަށް ބަދަލު ގެންނަވާ، ކައުންސިލްތަކުގެ ބާރު ހަނިކުރަށްވާ ފައެވެ.

ރާއްޖޭގެ އެކި ކަންކޮޅު ތަކުން 100 ށް ވުރެ ގިނަ ކައުންސިލުން ދެކޮޅު ހަދަމުން ދަނިކޮށް، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް 16 ވަނަ އިސްލާހު ގެނައުމުގެ ބިލު، ރައީސް ޑރ. މުހައްމަދު މުއިއްޒު، 14 އޯގަސްޓް 2025 ގައި ވަނީ ތަސްދީގު ކުރައްވާފަ އެވެ. 

މީގެ އިތުރުން މި އިސްލާހުގައިވާ ގޮތުން، އިދާރީ ދާއިރާތަކުގައި ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކާއި ހަރަކާތްތައް ހިންގުމަށް ކައުންސިލްތަކުން ހޯދަން ޖެހޭ ހުއްދަތައް ހޯދުމަށް ހުށަހަޅައި އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެ ހުއްދައެއް ކައުންސިލުން ދީފައިނުވާނަމަ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ހުއްދައާއެކު، އެ މަޝްރޫއެއް ނުވަތަ ހަރަކާތެއްގެ މަސައްކަތްތައް އިދާރީ ދާއިރާތަކުގައި ކުރިއަށް ގެންދިޔުމުގެ އިހުތިޔާރު ސަރުކާރަށް ލިބިގެންވެ އެވެ.