ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި، ފުލުހުން ހިންގި ތަހުގީގަށްފަހު ބަންގްލަދޭޝްގެ ރައްޔިތަކު އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ފުލުހުންގެ ތަހުގީގަށްފަހު މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން މަސްތުވާތަކެތި އެތެރެކުރި ކަމުގެ ދައުވާ އުފުލާފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމް.ޑީ ސޮހަބް މިއާގެ މައްޗަށެވެ.

އެމްޑީ ސޮހަބް މިއަގެ މައްޗަށް މަސްތުވާތަކެތި އެތެރެ ކުރުމުގެ ދައުވާ އުފުލާފައިވަނީ، 2024 ޖޫން 28 ވަނަ ދުވަހު ޔޫ.އެސް ބަންގްލާ އެއާލައިންސްގެ BS337 ފްލައިޓުން ރާއްޖެ އައިއިރު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން އޭނާ ގެ ފޮށިތަންމަތި އެކްސް-ރޭ ކުރުމުގެ ތެރޭގައި ތުހުމަތު ކުރެވިގެން، އިތުރަށް ބަލައި ފާސްކުރި އިރު އޭނާ ގެންގުޅުނު ލެޕްޓޮޕް ބޭގެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ޕެކެޓެއް ފެނިފައިވާ މައްސަލައިގަ އެވެ.

އޭނާ ގެ އަތުން ފެނުނު އެ ތަކެތި ތަހުލީލު ކުރިއިރު، އެއީ 535.6632 ގްރާމްގެ މެތައެމްފަޓަމިން ކަން ކަށަވަރު ކުރެވިފައިވާ ކަަމަށް ފުލުހުން ބުނެ އެވެ.

މީގެ އިތުރުން މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، ހެކި އެއްކުރުމާއި، ފެނުނު ތަކެތި ތަހުލީލުކުރުމުގެ އިތުރުން މައްސަލައިގައި ބައިވެރިވި ފުލުހުންގެ ބަޔާންތައް ނަގައި، ކޯޓަށް ބޭނުންވާ އެންމެހައި ހެކިތައް ހުށަހަޅާފައިވާ ކަމަށެވެ. ފުލުހުންގެ ތަހުގީގަށް ބިނާކޮށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އޭނާ ގެ މައްޗަށް ދައުވާ އުފުލީ ޖަދުވަލު 1 ގައިވާ މަސްތުވާ އެއްޗެއް ރާއްޖެއަށް އެތެރެކުރުމުގެ ކުށުގަ އެވެ.

މި މައްސަލަ ބެލުމަށްފަހު، ކްރިމިނަލް ކޯޓުން ވަނީ އޭނާ ގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅާފަ އެވެ. އެއާއެކު، މައްސަލައާ ގުޅިގެން ކުރީގެ މަރުހަލާތަކުގައި ބަންދުގައި ހުރި މުއްދަތު ކެނޑުމަށްފަހު، މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން އޭނާ 23 އަހަރާއި 3 މަހާއި 25 ދުވަހަށް ޖަލަށްލުމަށާއި، 100,000 ދިވެހި ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވެސް ހުކުމް ކޮށްފައިވެ އެވެ.

ފުލުހުން ބުނީ، މިއީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށްޓަކައި ދިވެހި ފުލުހުންނާއި ގާނޫނު ތަންފީޒުކުރާ އެހެނިހެން މުއައްސަސާތަކުން ގުޅިގެން ކުރަމުންދާ ހަރުދަނާ މަސައްކަތްތަކުގެ ނަތީޖާ ކަމަށެވެ. މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.