ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ
ސައިޓުތަކަށް 140ށް ވުރެ ގިނަ މުވައްޒަފުން ހޯދުމަށް އިއުލާނު ކޮށްފިއެވެ.
އާރްޑީސީން ކުރި މި އިއުލާނަކީ 6 ރަށެއްގައި ހުރި
އާރްޑީސީގެ ސައިޓުތަކަށް މުވައްޒަފުން ހޯދުމަށް ކުރި އިއުލާނެކެވެ. އެއީ އއ ރަސްދޫ
ސައިޓު، ހއ އުލިގަމު ސައިޓު، ޅ ނައިފަރު ސައިޓު، ކ ކާށިދޫ ސައިޓު، ތ މަޑިފުށީ
ސައިޓު އަދި ޅ ހިންނަވަރު ސައިޓެވެ.
މިއިން ކޮންމެ އިއުލާނެއްގައިވެސް އޮންނަނީ
މަސައްކަތް ކުރަން ޖެހޭ ތަނަކީ އެ ރަށެއްގައި ހުންނަ އާރްޑީސީގެ ސައިޓު ކަމަށާއި، ނަމަވެސް
ވަޒީފާގެ މަސްއޫލިއްޔަތާއި ވާޖިބުގެ ގޮތުން މަސައްކަތް ކުރަންޖެހޭ ތަން ބަދަލުވެދާނެ
ކަމަށެވެ.
އާރްޑީސީން ކޮށްފައިވާ އިއުލާނުތަކަށް ބަލާއިރު،
ރަސްދޫއާއި އުލިގަމަށް ސައިޓު މެނޭޖަރުން ހޯދަން އިއުލާނުކޮށްފައިވެއެވެ. އެއިން
ކޮންމެ މަޤާމެއްގެ މުސާރަ 25،000ށް ވުރެ މައްޗެވެ. މި ދެރަށަށް އެސިސްޓެންޓު
ސައިޓް މެނޭޖަރުން ހޯދުމަށްވެސް އިއުލާނުކޮށްފައިވެއެވެ. އެއިން ކޮންމެ މަޤާމެއްގެ
މުސާރަވެސް 16،000ން މައްޗަށް އަރައެވެ.
މި ރަށްރަށުގައި ސައިޓް މެނޭޖަރުންނާއި
އެސިސްޓެންޓް ސައިޓް މެނޭޖަރުން ހޯދަން އިއުލާނުކޮށްފައިވާއިރު، އެއާ އެކު 4
ސައިޓަކަށް ސުޕަވައިޒަރުންވެސް ހޯދަން ވަނީ އިއުލާނުކޮށްފައެވެ. އަދި އެހެން ބައެއް
ރަށްރަށަށްވެސް ސުޕަވައިޒަރުން ހޯދަން އިއުލާނުކޮށްފައިވެއެވެ.
މީގެ އިތުރުން، ޕްރޮޖެކްޓް
އެސިސްޓެންޓުންނާއި، ލޮރީ ޑްރައިވަރުންނާއި، އެކްސްކެވޭޓަރ އޮޕަރޭޓަރުންނާއި، ހެވީ
ވެހިކަލް އޮޕަރޭޓަރުންނާއި، ސެކިއުރިޓީ ގާޑުންނާއި ސަޕޯޓު ސްޓާފުންގެ އިތުރުންވެސް
އެކިއެކި ނަންނަމުގައި މި ރަށްރަށުން ވަޒީފާތައް އިއުލާނުކޮށްފައިވެއެވެ. އެގޮތުން
ބައެއް ރަށްރަށުގެ ސައިޓުތަކަށް 5 ސެކިއުރިޓީ ގާޑުން އަދި ބައެއް ރަށްރަށުގައި 9
ސެކިއުރިޓީ ގާޑުންވެސް ހޯދުމަށް އިއުލާނުކޮށްފައިވެއެވެ.
ރަށްރަށުގައި ހުރި މަޝްރޫއުތައް
ހުއްޓިފައިވާކަމުގެ ޝަކުވާ ރައްޔިތުން ކުރަމުންދާއިރު އެ ރަށްރަށަށް ބޮޑެތި
އަދަދުތަކުން ވަޒީފާތައް އިއުލާނުކޮށްފައި މިވަނީ މަސައްކަތް ކުރާ ތަން
ބަދަލުވެދާނެކަމަށްވެސް އަންގާފައެވެ.
މީގެ އިތުރުންވެސް ފާއިތުވި ދެ ދުވަހެއްގެ
ތެރޭގައި ސަރުކާރުގެ އެކި ކުންފުނިތަކުން ވަޒީފާތައް ހޯދުމަށް އިއުލާނުކޮށްފައިވެއެވެ.
އޭގެ ތެރޭގައި އެފްއެސްއެމްއާއި އެމްޓީސީސީވެސް ހިމެނެއެވެ.