ދެ އިންތިޚާބު އެއްކޮށްލުމުން ޚަރަދު ކުޑަވާކަމަށް
ބުނަމުންދަނީ ވެރިން ރައްޔިތުންގެ ގާތަށް ދާ ދިއުން މަދުވާނެތީކަމަށް ނިމިދިޔަ ސަރުކާރުގައި
ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައިވާ މުޙައްމަދު ތާރިޤް
ވިދާޅުވެއްޖެއެވެ.
އޭނާ އެހެން ވިދާޅުވީ ރާއްޖެޓީވީން ގެނެސްދޭ ނޫނެކޭ
ކެމްޕޭން ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެމްބަރުކަންވެސް
ކުރައްވާފައިވާ ތާރިޤް ވިދާޅުވީ، ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން
ޚަރަދު ކުޑަކުރެވޭނެކަމަށް ބުނަމުންދަނީ ރައްޔިތުންގެ ގާތަށް ޤައުމުގެ ވެރިޔާ
ދާންޖެހޭ ދިއުން މަދުވާތީ ކަމަށެވެ. އަދި ވިދާޅުވީ، ރަށްރަށަށް ދާނަމަ
އެރަށްރަށުގެ މަޝްރޫއުތައްވެސް ހިންގަންޖެހޭ ކަމަށާއި، ރައްޔިތުންނަށް ކަންކަންވެސް
ކޮށްދޭން ޖެހޭކަމަށެވެ.
އެހެންކަމުން ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން
އިތުރަށް ކެމްޕޭނަށް ކުރަންޖެހޭ ޚަރަދު ކުޑަވެ، ރައްޔިތުންގެ ގާތަށް ނުގޮސް
ފަރުޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.
ޚަރަދު ކުޑަކުރެވޭނެ ގޮތްތަކެއް އެބަހުރި، އެއީ ރައްޔިތުންގެ ގާތަށް ނުގޮސް ވާނެ އޭރުން، ރައީސްއަށް އިރުއިރުކޮޅާ ރައްޔިތުންގެ ގާތަށް ދިއުމަށް އެ ކުރަންޖެހޭ ޚަރަދު ކުޑަވެގެންދާނެ، އެއީ ދެން ޚަރަދު ކުޑަކުރުމެއްކަމަށް ބަލަންވެއްޖެއްޔާ އެއީ ޚަރަދު ކުޑަކުރުމެއް، ދެން ހަމަ ރަށްރަށަށް ދާނަމަ މަޝްރޫއުތައްވެސް ހިންގަން އެބަޖެހޭ، ވީމާ އެކަންކަން ނުކޮށް ފަރުޖެހޭނެ.މުޙައްމަދު ތާރިޤް
ތޯރިޤް އިތުރަށް ވިދާޅުވީ، ޤާނޫނުއަސާސީ ލިޔެ
ޑްރާފްޓް ކުރި މަރުޙަލާގައިވެސް އަބަދުވެސް ވާހަކަ ދެކެވިފައިވަނީ ބާރުތައް ވަކި
ކުރުމުގެ ވިސްނުމުގައި ކަމަށެވެ. މީގެ ކުރިން ނެގުނު ނިޒާމީ ވޯޓުވެސް ނެގިފައިވަނީ
އެކަށީގެންވާ ގޮތެއްގައި ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދެވިގެންކަން އޭނާ
ފާހަގަ ކުރެއްވިއެވެ.
އެހެންނަމަވެސް މިއަދު ފެންނަމުންދަނީ ހަމައެކަނި
ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ގޮތް ރައްޔިތުންނަށް ބުނެދޭން މަސައްކަތް
ކުރާ މަންޒަރުކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިހާރު މީތި ކޮރަޕްޓްވެފައި އޮތް މިންވަރަކީ، އިލެކްޝަންސް ކޮމިޝަނަކުން ކިޔައެއް ނުދޭނެ މުއިއްޒު ބޭނުންވާ ގޮތް ނޫން އެހެން ގޮތެއް، އެކަމަކު ހަގީގަތުގައި ކޮމިޝަނުގެ ޒިންމާއަކީ ރައްޔިތުންނަށް ދެ ގޮތްވެސް ކިޔާދިނުން.މުޙައްމަދު ތާރިޤް
ތޯރިޤް ވިދާޅުވީ، ރައްޔިތުން ބޭނުންވަނީ ރަށްރަށަށް
ތަރައްޤީ ގެނައުމަށް ކަމަށާއި، އެ އިރެއްގައި އޮންނަ ސަރުކާރުން ރަށްރަށަށްވެސް
ކަންކަން ކޮށްދިނުމަށް ކަމަށެވެ. އަދި ވިދާޅުވީ، ޚަރަދު ކުޑަވާނަމަ ރައްޔިތުންގެ
ދިރިއުޅުމަށްވެސް އެ ފަސޭހަކަން އަންނަންޖެހޭ ކަމަށާއި، ނަމަވެސް ތަކެތީގެ އަގުވެސް
ދުވަހެއް ދުވަހަކަށް ދަނީ ބޮޑުވަމުން ކަމަށެވެ.