ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްދުވަހެއްގައި
ބޭއްވުމަށް ނަގާ ފެންނަ ނުފެންނަ ވޯޓުގައި ނޫނެކޭ ބުނެ ވޯޓު ދިނުމުގެ މާނައަކީ
ރައީސް ޑރ މުޙައްމަދު މުއިއްޒަށް ނޫނެކޭ ބުނުންކަމަށް އިލެކްޝަންސް ކޮމިޝަނުގެ
ކުރީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް އެފަދައިން ވިދާޅުވީ ހޮނިހިރު
ދުވަހުގެރޭ ރާއްޖެޓީވީން ގެނެސްދިން ނޫނެކޭ ކެމްޕޭން ޕްރޮގްރާމްގައި ވާހަކަ
ދައްކަވަމުންނެވެ.
ޝަރީފް ވިދާޅުވީ، މި ހިނގަމުންދާ ސަރުކާރުގައި
ރައްޔިތުންނަށް ކޮށްދީފައިވާ އެއްވެސް ކަމެއް ފެންނަން ނެތް ކަމަށާއި، ރައްޔިތުންގެ
ލާބައާއި މަންފާއަށް ކޮށްދިން ކަމެއްވެސް ފެންނަން ނެތް ކަމަށެވެ. އަދި ވިދާޅުވީ،
ލޯކަލް ކައުންސިލް އިންތިޚާބާއެކު ބާއްވާ ފެންނަ ނުފެންނަ ވޯޓުގައި ހުރިހާ
ރައްޔިތުންވެސް ނޫނެކޭ ބުނުމަށް އެދޭކަމަށެވެ.
ލޯކަލް ކައުންސިލް އިންތިޚާބާ އެކީގައި މި ބޭއްވޭ ފެންނަ ނުފެންނަ ވޯޓު، އެ ވޯޓުގައި ހަގީގަތުގައި އަޅުގަނޑުމެންގެ ތެރެއިން ހުރިހާ ރައްޔިތުންވެސް ނޫނެކޭ އެބަ ބުނަންޖެހޭ، ސަބަބަކީ އަޅުގަނޑުމެން މިވީހާތަނަށް ތަޖުރިބާ ކުރީ، ރައީސް މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ކޮށްދީފައި ހުރި އެއްވެސް ކަމެއް ނެތް، ރައްޔިތުންނަށް ކޮށްދީފައި ހުރި ލާބައެއް މަންފާއެއް އެއްވެސް ކަމެއް ނެތްއިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް އަހުމަދު ޝަރީފް
ޝަރީފް އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒުގެ
ވެރިކަން އިތުރަށް ދެމިގެން ނުދާނެ ގޮތަކަށް ވޯޓު ދޭން ޖެހޭކަމަށެވެ. އަދި
ވިދާޅުވީ، އެ ވޯޓަށް ނޫނެކޭ ބުނުމުގެ މާނައަކީ ރައީސް މުއިއްޒުގެ ވެރިކަމަށް
ނޫނެކޭ ބުނުން ކަމަށެވެ.
ޝަރީފް އިތުރަށް ވިދާޅުވީ، މި ވޯޓުގެ ސަބަބުން
ހިނގަހިނގާ އޮތް ދައުރަކާ ކުޅުމުގެ ފުރުސަތު ލިބިގެންދާ ކަމަށާއި، ވޯޓު ނަގަން
އުޅެނީވެސް ރައްޔިތުންނަށް އޮޅުންއަރާނެ ގޮތަށް ކަމަށެވެ. އަދި އެކަންކަމަށް
ރައްޔިތުން ހޭލުންތެރި ކުރުވުމަކީވެސް އިލެކްޝަންސް ކޮމިޝަނުގެ ޒިންމާއެއްކަން
އޭނާ ފާހަގަ ކުރެއްވިއެވެ.