މި ސަރުކާރުން ދެ އިންތިޚާބު އެއް ކުރަނީ ޚަރަދު ކުޑަކުރަން ކަމަށް ބުނެ ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ކުރަމުންދާ އިރު އެ ފައިސާ ޚަރަދު ކުރާނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރަސްމާލެ ޕްރޮޖެކްޓަށް ކަމަށާއި ރެފަރެންޑަމް ގައި ނޫނެކޭ ބުނަން ޖެހެނީ އެހެންވެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހުގެރޭ ރާއްޖެޓީވީން ގެނެސްދިން ނޫނެކޭ ކެމްޕޭން ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝަމްހީދު ވިދާޅުވީ މިހާރު ގައުމަށް މި ލިބޭ ފައިސާ، ޚާއްޞަކޮށް ތަރައްގީގެ ބަޖެޓްގެ ތެރެއިން ބަޖެޓުގެ ބޮޑުބައި، އެކި ނަންނަމުގައި މި ސަރުކާރުން ހޭދަ ކުރަމުންދަނީ ރަސްމާލެ ހިއްކުމަށް ކަމަށެވެ.

ޝަމްހީދު ވިދާޅުވީ ރަސްމާލެ ޕްރޮޖެކްޓް ހިންގާހާ ހިނދަކު ރަށްރަށުގެ ތަރައްގީއެއް ނުހިންގޭނެ ކަމަށެވެ. އެހެންކަމުން ރަށްރަށަށް ދިއުން މަދުވެ، އިންތިޚާބުތައް ނޯންނަ ކަމުގައި ވާނަމަ ރައީސް މުއިއްޒުގެ ޕްރޮޖެކްޓް، ރަސްމާލެ ޕްރޮޖެކްޓަށް ހުރިހާ ފައިސާ އެއް ޑައިވާޓް ކުރެވޭނެ ކަމަށާ އިންތިޚާބު އެއްކޮށްލަން އުޅޭ އެންމެ ބޮޑު ސަބަބަކީ ވެސް އެއީ ކަމަށް ޝަމްހީދު ވިދާޅުވި އެވެ. 

އެއްވެސް ރައްޔިތަކު ބޭނުން ވެގެނެއް ނޫން މިލިޓަރީ މިސައިލް އާ އެއާކްރާފްޓާ އަދިވެސް އެހެނިހެން ޑްރޯން އާ މިގެންނަ، އެއްވެސް ދިވެހި ރައްޔިތަކު އެދުނު ކަމެއް ނޫން މިއީ. ރަސްމާލެ ހިއްކުމަކީ ވެސް އެއްވެސް ރައްޔިތަކު އެދުނު ކަމެއް ނޫން. ރައީސް މުއިއްޒުގެ ޕްރޮޖެކްޓުތައް ރައީސް މުއިއްޒު މި ޕްރަޔޯރަޓައިޒް ކުރަނީ. މިހާރު ވެސް ރަށްރަށުގެ ތަރައްގީ އެވަނީ ހުއްޓުވާފަ. އެ ހުއްޓުވާފަ ނުއެއް ބޭއްވޭނެ އިންތިޚާބު ތަކެއް އޮންނަންޏާ. 
ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު

އެހެން ކަމުން ނަގަން އުޅޭ ފެންނަ ނުފެންނަ ވޯޓުގައި ނޫނެކޭ ބުނުން މުހިއްމު ކަމަށް ޝަމްހީދު ވިދާޅުވި އެވެ.

މެންބަރު ވިދާޅުވީ އިންތިޚާބު އެއްކުރަން ސަރުކާރުން މަސައްކަތް ކުރާ ދެވަނަ ސަބަބަކީ ރިޔާސީ ދައުރު ފެންނަ ނުފެންނަ ވޯޓަކުން ދެންމޭނެ މަގެއް ކޮށާލުން ކަމަށެވެ. 

އިންތިޚާބީ މަގާމަކަށް އިއުލާނު ކުރާއިރު ވެސް ނުވަތަ މަގާމަކަށް މީހަކު އިންތިޚާބު ކުރާ އިރުވެސް މިހާރު އެ މަގާމެއްގެ ދައުރު އޮންނަނީ ކަނޑައެޅިފައި ކަމަށާ އެހެން ނަމަވެސް މިހާރު ސަރުކާރުން މަސައްކަތް ކުރަމުންދަނީ ދައުރު ކަނޑައެޅި،  އިންތިޚާބުވެ، ހުވާ ކުރުމަށްފަހު ވެސް، އެ ދައުރަކީ ބަދަލު ކުރެވޭ އެއްޗެއްގެ ގޮތުގަ ގާނޫނު އަސާސީ އިން ކަނޑައެޅުމަށް ކަމަށެވެ. 

ރައްޔިތުން ގާތު ޚަރަދު ކުޑަ ދެ އިންތިޚާބު އެއް ކުރަނީ ކަމަށް ބުނެ އޮޅުވާލަން މަސައްކަތް ކުރިއަސް ހަގީގަތުގައި ސަރުކާރުގެ މަގްސަދަކީ މިއީ ކަމަށާ އެހެން ކަމުން ރައްޔިތުން ރެފަރެންޑަމްގައި ނޫނެކޭ ބުނަން ޖެހޭ ކަމަށް ވެސް ޝަމްހީދު ވިދާޅުވި އެވެ.