ރާއްޖޭގައި ރައްކާ ކުރެވެނީ 20 ދުވަހުގެ
ތެލުގެ ސްޓޮކް ކަމަށާއި، ރާއްޖެ ތެލަށް ޖެހުމުގެ ފުރުސަތު ބޮޑުކަމަށް ކުރީގެ
ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި
ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގައި ރައްކާ ކުރެވެނީ 70 މިލިއަން ލީޓަރުގެ ޑީސަލް
ކަމަށާއި، އެއީ އެސްޓީއޯ އަދި ޕްރައިވެޓް ސެކްޓަރ ހިމެނޭހެން ރައްކާކުރެވޭ އަދަދު
ކަމަށެވެ. އަދި ވިދާޅުވީ، ރާއްޖޭގައި ރައްކާ ކުރެވޭ ޕެޓްރޯލްގެ އަދަދަކީ 25 މިލިއަން
ލީޓަރު ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އެއީ 20
ދުވަހުގެ ސްޓޮކެވެ. އެހެންކަމުން ރާއްޖެ ތެލަށް ޖެހުމުގެ ފުރުސަތު ބޮޑުކަމަށް
އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވަނީ މިވަގުތަށް އެޅުން ކޮންމެހެންވެސް
މުހިއްމު ފިޔަވަޅުތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ރާއްޖޭގެ
ޕްރައިވެޓް ސެކްޓަރގެ ފިއުލް ރައްކާ ކުރެވޭ މިންވަރު ދެނެގަތުމާއި، ކަރަންޓު ކަނޑާ
ގަޑިތަކެއް ކަނޑައެޅުމާއި، އެއްގަމު އުޅަނދުފަހަރު ދުއްވުން ކޮންޓްރޯލް ކުރުމާއި،
ސަރުކާރު އޮފީސްތަކާއި ސްކޫލްތައް ހުޅުވާ ވަގުތު މަދުކުރުން ހިމެނެއެވެ.
މީގެ އިތުރުން، އިޖުތިމާއީ ޙަރަކާތްތައް މަދު
ކުރުމާއި، މަސްވެރިކަމާއި ރިސޯޓުތަކަށް ތެޔޮ ކަށަވަރު ކުރުމުގެ އިތުރުން،
އޭވިއޭޝަން ފިއުލް ކަށަވަރު ކުރުމަށްވެސް ރައީސް ނަޝީދު ގޮވާލައްވާފައިވެއެވެ.
އަދި ހުޅަނގު އޭޝިއާ ހުރަސް ކުރަން ނުޖެހޭ މަތިންދާބޯޓު އަދި ކަނޑުބޯޓުފަހަރުގެ ރޫޓުތައް
ހޯދައި، ސަޕްލައި ލައިން ބަދަލު ކުރުންވެސް މުހިއްމުކަން ފާހަގަ ކުރައްވާފައިވެއެވެ.