ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބާއި ރިޔާސީ
އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ނަގާ ރިފަރެންޑަމްގެ މައުލޫމާތު ދިނުމަށް
ދައުލަތުގެ މީޑިއާއިން ހަމަހަމަ ފުރުސަތު ނުލިބޭކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު
އަބްދުﷲ ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ވަހީދު ވިދާޅުވީ، ރެފަރެންޑަމް ވޯޓާ ގުޅޭ
އެކަށީގެންވާ މައުލޫމާތުވެސް ދިވެހި ރައްޔިތުންނަށް ލިބެމުން ނުދާ ކަމަށާއި،
އެމްޑީޕީން އިސްނަގައިގެން ރައްޔިތުން ހޭލުންތެރި ކުރުވުމަށް އެތައް މަސައްކަތްތަކެއް
ކުރަމުންދާކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖޭގެ ރަށްރަށުގައިވެސް އެމްޑީޕީން
އެކިއެކި ޙަރަކާތްތައް ހިންގަމުންދާކަމަށެވެ.

އެމް.ޑީ.ޕީގެ ފަރާތުން މިކަމަށް ތައްޔާރުވުމުގެ ގޮތުން ކޮމިޓީއެއް ނަގައިގެން މިހާރުވެސް މިދަނީ މާލޭގައި ކޮންމެ ދުވަހަކު ޕިކަޕް ޖަލްސާ ބާއްވަމުން. އަދި އެއާއެކު، އަޅުގަނޑުމެން މީޑިއާއާ ގުޅިގެން ހޭލުންތެރިކޮށް ޕްރޮގްރާމުތައް އެބަ ކުރިއަށް ގެންދަން. ރާއްޖޭގެ ރަށްރަށުގައި އަޅުގަނޑުމެންގެ ޕާޓީގެ ލީޑަރޝިޕުން ކުރާ ދަތުރުތަކުގައި މި މަޢުލޫމާތު އެބަދެން.
ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ވަހީދު (ވައްޑެ)

އޭނާ ވިދާޅުވީ ވޯޓު ބާތިލުވާ ގޮތްތަކާ
ގުޅޭގޮތުންވެސް އެމްޑީޕީގެ ބައެއް ކަންބޮޑުވުންތައް އިލެކްޝަންސް ކޮމިޝަނާ
ހިއްސާކޮށްފައިވާ ކަމަށެވެ. އެގޮތުން މޭޔަރު އިންތިޚާބާއި، ކައުންސިލް އަދި
ޑަބްލިއުޑީސީ އިންތިޚާބު ހިމެނޭއިރު، އިލެކްޝަންސްއިން އެ 3 އިންތިޚާބަށްވެސް ދެނީ
އެއް ކަރުދާސްކޮޅު ކަމަށާއި، އެކަމުގެ ސަބަބުން ވޯޓު ބާތިލުވާއިރު ދެން އޮތް ދެ
އިންތިޚާބުގެ ވޯޓުވެސް ބާތިލުވެގެންދާކަމަށެވެ. އަޅުގަނޑުމެން މި ބުނަނީ މި އިންތިޚާބުގައި ތިން ކަރުދާސްކޮޅު ދޭންޖެހޭއިރު އެއް ކަރުދާސްކޮޅު ދީގެންނޭ މި ވޯޓު ކުރިއަށް ގެންދަނީ. އެއީ މިސާލަކަށް މޭޔަރު ހޮވާއިރު ހޮވުމަށާއި، އަންހެނުންނަށް ޚާއްޞަ ގޮނޑިއާއި، ކައުންސިލަށް، އެއް ކަރުދާސް. އެހެންވީމާ، މުޅި ކަރުދާސް ބާޠިލުކުރުމަށްޓަކައި އެ ބޭފުޅުން އެ ގެންގުޅޭ ހަނި ވިސްނުމަކީ، ގާނޫނީގޮތުން އެ ނަންގަވާ ވިސްނުމަކީ ރަނގަޅު ވިސްނުމެއް ނޫން ކަމަށް. ހަމައެކަނި މޭޔަރުގެ ގޮޅީގައި ކުރުހާފައި އޮތް ކަމަށް ވެއްޖެއްޔާ ދެން އަންހެނުންނަށް ޚާއްޞަ ބައާއި އަދި ކައުންސިލަށް ޚާއްޞަ ބައި ބާޠިލުނުކުރާށޭ އަޅުގަނޑުމެން މި އެދެނީ. އެއީ އާއްމު ގާނޫނުގައި މި ބުނަނީ ވަކި ކަރުދާސްކޮޅެއްގައި އެއްޗެއް ކުރުހާފައި އޮތިއްޔާއޭ، އެކަމަކު މި ބޭފުޅުން މި ދެނީ ތިން ކަރުދާސްކޮޅު ދޭންޖެހޭ ތަނަކަށް އެއް ކަރުދާސްކޮޅު. ދެން އެގޮތަށް އެކަން ނުކުރުމަށް އަޅުގަނޑުމެން މި އެދެނީ. — ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ވަހީދު (ވައްޑެ)

ވަހީދު އިތުރަށް ވިދާޅުވީ، މި އިންތިޚާބަށް ހޭލުންތެރި
ކުރުވުމަށްޓަކައި ދައުލަތުގެ މީޑިއާއިން ހަމަހަމަ ފުރުސަތު ނުލިބޭ ކަމަށާއި، މުޅިންވެސް
ފެންނަނީ ސަރުކާރުގެ އެކި ބޭފުޅުންނަށް ފުރުސަތުތައް ދެމުންދާ މަންޒަރު ކަމަށެވެ.

ހަމައެކަނި އަޅުގަނޑުމެންނަށް މި ފެންނަނީ ސަރުކާރުގެ ފަރާތުން ރިފަރެންޑަމްއާ އެއްކޮޅަށް މި ދައްކާ ވާހަކަތައް ޕީ.އެސް.އެމުން ވަރަށް ރަނގަޅަށް އެބަ ގެނެއޭ މި އިންތިޚާބާ އެކުގައި. އެހެންނަމަވެސް، އަޅުގަނޑުމެންނަކަށް މި އިންތިޚާބުގައި ދެން އެއާއެއްކޮށް އިދިކޮޅު ޕާޓީގެ ގޮތުގައި އަޅުގަނޑުމެން ދައްކަންޖެހޭ ވާހަކަތަކަށް ޖަވާބުދާރީވުމުގެ ފުރުޞަތު ނުދީ މިއަދު ޕީ.އެސް .އެމުން އެ މަސައްކަތް ކުރަމުން އެ ގެންދަނީ.
ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ވަހީދު (ވައްޑެ)

ވަހީދު ވިދާޅުވީ، ދައުލަތުގެ މީޑިއާއިން ހަމަހަމަ
ފުރުސަތު ލިބެން ޖެހޭނެ ކަމަށާއި، އެހެންކަމުން އެ ކަންބޮޑުވުންވެސް އެމްޑީޕީން
އީސީއާ ހިއްސާކޮށްފައިވާނެ ކަމަށެވެ.