ދެ އިންތިޚާބު އެއްކޮށްލައިގެން ބޭނުންވަނީ 20-25 އަހަރަށް ވެރިކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ހުރެވޭނެ ގޮތެއް ހޯދަން ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވެއްޖެ އެވެ.
އޭނާ އެފަދައިން ވިދާޅުވީ އެމްޑީޕީގެ ޕިކަޕް ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
އޭނާ ވިދާޅުވީ އިންތިޚާބުތައް އެއްކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަސައްކަތްކުރައްވަނީ ރައްޔިތުންގެ އަޑު ކަނޑުވާލުމަށް ފަހު ވީހާވެސް ގިނަ ދުވަހު ވެރިކަމުގައި ހުރެވޭނެ ގޮތެއް ހޯދުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވަނީ މިހާރު ވެސް އިންތިޚާބުތައް އެއް ނުކޮށް އޮތްއިރު މައި ސަރުކާރުގެ ބާރު އިންތިހާ އަށް ވަރުގަދަ ކޮށްފައިވާ ކަން ފާހަގަކުރައްވާފަ އެވެ. އެހެންކަމުން ބާރުތައް އެއްކޮށްލުމުން އާއްމުންގެ ހައްގުތައް ނިގުޅައިގަންނަން އަމުދުން ސަރުކާރުން ފަސް ނުޖެހޭނެކަން އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ. މާޒް ސަލީމް ވިދާޅުވީ އިންތިޚާބެއް ނެތިއްޔާ އަދި އަމުދުން ރައްޔިތުން ކައިރިއަށް ސަރުކާރުން ނުދާނެ ކަމަށެވެ. އިންތިޚާބުތައް އޮތީމަ ރައްޔިތުންނަށް ޖަވާބުދާރީވާން މަޖުބޫރުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއީ ހައްތަހާ ވެސް އޮޅުވާލުމުގެ ތެރެއިން ކުރަމުންދާ ކަންކަން މިކަންކަމަށް ފުރުސަތު ދީގެން ނުވާނެ. އަޅުގަނޑުމެން އެބަ ޖެހޭ މި ރެފަރެންޑަމްގައި ބޮޑުތަނުން ނޫނެކޭ ބުނަން" އޭނާ ވިދާޅުވި އެވެ.
މާޒް ސަލީމްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވީ ރައީސް މިހާރުވެސް ވިދާޅުވަމުން ގެންދަވަނީ ރަށްރަށަށް ގޮސް މީހުންނާއި ބައްދަލުކުރަން ބޭނުން ނުވާ ވާހަކަ ކަމަށެވެ. އެހެންވީމާ، އިންތިޚާބެއް ނެތިއްޔާ އަދި އަމުދުން އާއްމުންގެ އަޑު ނާހާނެކަން ހާމަވާ ކަމަށް އޭނާ ވިދާޅުވި އެވެ.