އެމްޑީޕީގެ މޭޔަރުކަމެއްގައި، ވިލިމާލެ އަށް އަޅާލާނެކަން ވިލިމާލެ އިން ގަބޫލުކުރާކަން ދޮރުން ދޮރަށް ހަރަކާތުން އެނގިގެން ދިޔަ ކަމަށް މާލޭގެ މޭޔަރ އަދި އެމްޑީޕީގެ މޭޔަރ ކެނޑިޑޭޓް އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އާޒިމް އެފަދައިން ވިދާޅުވި އެމްޑީޕީ އިން ހޮނިހިރު ދުވަހުގެ ރޭ ވިލިމާލޭގައި ބޭއްވި ދޮރުން ދޮރަށް ހަރަކާތުގައި ވާހަކަދައްކަވަމުންނެވެ.

މޭރޔަރ ކަމާއި ހަވާލުވި އިރު ވިލިމާލެ އިން އެންމެ ބޮޑަށް އައީ ވިލިމާލެ އަށް އަޅާ ނުލާ ވާހަކަ ކަމަށާއި އެކަން ހައްލުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާނެ ކަމަށް އާދަމް އާޒިމް ވިދާޅުވި އެވެ. އެގޮތުން ވިލިމާލެ އަކީ ކުރިން ވަށައިގެން ޓިނު ޖަހާ ބަންދުކޮށްފައި އޮތް ތަނެއް، ވިލިމާލޭ ހުޅުވާދީ ސާފުތަނަކަށް ހެދުނީ އެމަނިކުފާނު މޭޔަރ ކަމަށް ވަޑައިގެން ކުރެއްވި މަސައްކަތުން ކަމަށް އާޒިމް ވިދާޅުވި އެވެ.

"މާލެ ވެސް ވިލިމާލެ ވެސް އެއް ގޮތަކަށް ކަންކަން ކުރުމަށް ތަފާތު ނުކުރުމަށް މަސައްކަތް ކުރިން. ޒުވާނުން ބޭނުންވި ސްކޭޓް ޕާކު މަސައްކަތް ކުރަން. އެކަން އެއޮތީ އެސްޓީއޯ އަށް ހަވާލުކޮށްފައި. " އާޒިމް ވިދާޅުވި އެވެ.

އާޒިމް އިތުރަށް ވިދާޅުވީ ވިލިމާލެ އަށް ބޭނުންވާ ތަރައްޤީގެ ކަންކަން ފުރިހަމަކޮށްދިނުމަށް މިދިޔަ ދެ އަހަރުގެ ތެރޭގައި ކުރި މަސައްކަތް އާއްމުން ވަރަށް ބޮޑަށް ބަލައިގަންނަ ކަމަށެވެ. އަދި އެމްޑީޕީގެ ކައުންސިލެއް އޮވެއްޖެ ނަމަ އިތުރަށް ފުރިހަމަކަމާއި އެކު މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ކަމަށް އާޒިމް ވިދާޅުވި އެވެ. އާޒިމްގެ އިތުރުން އެ ދާއިރާގެ ކައުންސިލް މެމްބަރަކަށް ވާދަކުރާ އަހުމަދު ޝާމިން ރާފިއު އާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާ އައިޝަތު ރީޝާ އަދި ޑަބްލިއުޑީސީގެ މެމްބަރުކަމަށް ވާދަކުރައްވާ ހައްވާ އިބްރާހިމް ވަނީ އެމްޑީޕީ އަށް ވޯޓުދިނުމަށް އެދިވަޑައިގަންނަވާފަ އެވެ.

"ދޮރުން ދޮރަށް" އެ ހަރަކާތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަން އަބްދުލް ޣަފޫރު މޫސާ އާއި އެމްޑީޕީ އަށް ނިސްބަތްވާ މަޖިލީހުގެ ކުރީގެ މެމްބަރުންނާއި އެމްޑީޕީގެ އިސް ބައެއް ފަރާތްތަކުން ވަނީ ބައިވެރިވެވަޑައިގަންނަވާފަ އެވެ.