ރައީސް ޑރ މުޙައްމަދު މުއިއްޒުގެ މެނިފެސްޓޯގައި
ހުރި ކަންކަމުގެ ތެރެއިން 5 އިންސައްތަ ވެސް ޙާސިލު ކުރެވިފައިނުވާކަމަށް ޝަމްއޫން
ޖަލީލް (ލޫކަސް) ވިދާޅުވެއްޖެއެވެ.

އޭނާ އެހެން ވިދާޅުވީ ރާއްޖެޓީވީން ގެނެސްދޭ
"ނޫނެކޭ" ކެމްޕެއިން ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

ޝަމްއޫން ވިދާޅުވީ، ރައީސް މުއިއްޒުގެ މެނިފެސްޓޯގެ
ވައުދުފުޅުތައް ހިމަނައި ވަރަށް ބޮޑު ފޮތެއް ނެރެފައިވާ ކަމަށާއި، ނަމަވެސް
ފޮތުގައި ހުރި ވައުދުތަކުގެ 5 އިންސައްތަވެސް މިހާތަނަށް ޙާސިލު ކުރެވިފައިނުވާ
ކަމަށެވެ.

އޭގެ ބަދަލުގައި މަޖިލިސް އިންތިޚާބަށް ރަށްރަށަށް
ވަޑައިގެން އަނެއްކާވެސް އިތުރު ވައުދުފުޅުތައް ވެވަޑައިގެންފައިވާކަން އޭނާ
ފާހަގަ ކުރެއްވިއެވެ.

ވަރަށް ބޮޑު ފޮތެއް އެބޭފުޅާ އެވަނީ ޗާޕުކޮށް ނެރުއްވާފައި، 500 ވަރަކަށް ސޮފްހާ ކަންނޭނގެ، އެއީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ގޮސްފައި ވެފައިވާ ވައުދުތައް، ދެން އޭގެ ތެރެއިން އަޅުގަނޑަކަށް ހިއެއް ނުވޭ 5 ވަރަކަށް ޕަސެންޓުވެސް ޙާސިލުވެފައި އޮތްހެނެއް.
ޝަމްއޫން ޖަލީލް (ލޫކަސް)

ޝަމްއޫން ވިދާޅުވީ، މެނިފެސްޓޯގައި ނުހިމެނޭ
އެއާޕޯޓުތައްވެސް އެޅުމަށް މުޅިން އައު ވައުދުތަކެއް ސަރުކާރުން ވެފައިވާ
ކަމަށެވެ. އަދި މިހާރު ކައުންސިލް އިންތިޚާބާ ދިމާކޮށް ވެސް ފެންނަމުންދަނީ
އަނެއްކާވެސް އެ މަންޒަރުކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، ރައީސް މުއިއްޒު މިފަހުން ކެމްޕޭނަށް
ރަށްރަށަށް ވަޑައިނުގަންނަވަނީ ރަށްރަށުގެ ރައްޔިތުން ސަރުކާރާމެދު ހިތްހަމަނުޖެހިފައި
ތިބުމުން ކަމަށާއި، ރަށްރަށަށް ވެފައިވާ ވައުދުތައް ނުފުދި ހުރުމުންކަމަށް ވެސް
އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ، މިހާރު މުޅިންވެސް ރައީސް އުޅުއްވަނީ މާލޭގެ
ކެމްޕޭން ޙަރަކާތްތަކުގައި ކަމަށެވެ.

ޝަމްއޫން ވަނީ މި ސަރުކާރު ދަނީ ޚުދުމުހުތާރު
ކަމުގެ މަގަށްކަން ފާހަގަ ކުރައްވައި، އޭޕްރީލް 4 ގައި އޮންނަ އިންތިޚާބުގައި
ހުރިހާ ދިވެހި ރައްޔިތުންވެސް ރެފަރެންޑަމްއަށް ނޫނެކޭ ބުނުމަށް އިލްތިމާސް
ކުރައްވާފައެވެ.