މި ސަރުކާރުން ވޭތުވެދިޔަ ދެ އަހަރު ކުޅުދުއްފުށި ސިޓީގެ ތަރައްޤީއަށް އެއްވެސް މަޝްރޫޢުއެއް ނުހިންގާތީ އެ ސިޓީގެ ރައްޔިތުން ތިބީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައިކަމަށް މޭޔަރ މުޙައްމަދު ޢާޠިފް ވިދާޅުވެއްޖެއެވެ.

މޭޔަރ ޢާޠިފް މިފަދައިން ވިދާޅުވީ, ކުޅުދުއްފުށި ސިޓީގެ ރައްޔިތުންގެ އަޑު އެއްސެވުމަށްފަހު, އެ ސިޓީގެ މެދު އުތުރު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތް ނިންމާލުމަށްފަހު މީސްމީޑިއާގައި އާންމުކުރި ވީޑިއޯ މެސެޖެއްގައެވެ. އެ މެސެޖުގައި މޭޔަރ ޢާޠިފް ވަނީ ސަރުކާރުން ވޭތުވެދިޔަ ދެ އަހަރު އެ ސިޓީގެ ތަރައްޤީއަށް އެއްވެސް މަޝްރޫޢުއެއް ކުރިއަށް ނުގެންދާތީ ރައްޔިތުން ތިބީ ހިތްހަމަނުޖެހިފައިކަމަށް ފާހަގަކުރައްވާފައެވެ.

މިގޮތުން, ތަކެތީގެ އަގު އިންތިހާއަށް ބޮޑުވަމުންދާކަމަށާއި, ބޭސް ލިބުމުގައި ދަތިތައް ދިމާވާކަމަށާއި, ރައްޔިތުން އެންމެ ބޮޑު ޝަކުވާއެއްކޮށްފައިވަނީ އެ ސިޓީގައި ހައުސިންގ މަޝްރޫޢު ހުއްޓާލާފައި އޮންނަތާ ދެ އަހަރު ވެ, ސިއްޙީ ނިޒާމު ދަށަށް ދާތީ ކަމަށް މޭޔަރ ޢާޠިފް ވިދާޅުވެފައިވެއެވެ.

އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މަސައްކަތް ކުރާނަން ސަރުކާރަށް ބާރުއަޅައިގެން ވިޔަސް މިކަންކަމުން އަޅުގަނޑުމެން އަރައިގަތުމަށް
މޭޔަރ މުޙައްމަދު ޢާޠިފް

މީގެ އިތުރުން މޭޔަރ ޢާޠިފް ވަނީ, ކުޅުދުއްފުށީ ރައްޔިތުންގެ ހައްޤުގައި އަބަދުވެސް މަސައްކަތްކުރާނެ ޓީމެއް މޭޔަރ އެކު ނުކުންނަވާނެކަމަށް, އެ ވީޑިއޯ މެސެޖުގައި ވިދާޅުވެފައެވެ.