ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްކޮލުމަށް ނަގާ ރިފަރެންޑަމްގެ ވޯޓު ގުނަން ރާވާފައި އޮތީ ދަންވަރުގެ ވަގުތު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިޔާޒު ވިދާޅުވީ  ލޯކަލް ކައުންސިލް އިންތިޚާބާއެކު ނަގާ ރިފަރެންޑަމް ވޯޓަކީ ގައުމީ ބޮޑު އިންތިޚާބެއް ކަމަށާއި، ގިނަ ބަޔަކަށް ވޯޓުލުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށެވެ. ނަމަވެސް ރާއްޖޭއިން ބޭރުގެ އެއްވެސް ގައުމެއްގައި ވޯޓު ފޮއްޓެއް ނުބަހައްޓާތީ އެކަމުގެ ކަންބޮޑުވުން އޭނާ ވަނީ ފާޅު ކުރައްވާފަ އެވެ. 

ވޯޓު ގުނުމުގެ ތަރުތީބަށް އިޝާރާތް ކުރައްވައި ނިޔާޒު ވިދާޅުވީ އެންމެ ފުރަތަމަ ކުރިއަށް ގެންދަނީ ކައުންސިލުގެ އިންތިޚާބުގައި ވޯޓު ގުނުން ކަމަށާއި، ދެވަނަ އަށް ޑަބްލިޔު.ޑީ.ސީގެ ވޯޓު ގުނައި ނަތީޖާ އިއުލާން ކުރާނެ ކަމަށެވެ. އަދި އޭގެފަހުން ރިފަރެންޑަމް ވޯޓުގެ ނަތީޖާ އިއުލާންކުރާ ގޮތަށް ރާވާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން މައުލޫމާތު ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން ރިފަރެންޑަމްގެ ވޯޓު ގުނައި ނަތީޖާ އިއުލާން ކުރަން ނިންމާފައިވަނީ ދަންވަރުކަން ހާމަވާ ކަމަށާއި، މިއީ ވެސް ރައްޔިތުން އަނދިރީގައި ބޭއްތިއްބުމަށް ކުރާ ކަމެއް ކަމަށް ނިޔާޒު ވިދާޅުވި އެވެ.

ލޯކަލް ކައުންސިލުގެ އިންތިޚާބަށް އޮބްޒާވްކުރާ މޮނިޓަރުން ލާފައި މި ތިބީ ލޯކަލް ކައުންސިލުގެ އިންތިޚާބުގެ މޮނިޓަރުންނާއި އޮބްޒާވަރުން. އެ މީހުންގެ ޝައުގުވެރިކަން ވެސް އެ މީހުންގެ އޮބްޒަވޭޝަން ވެސް ހުރިހާ އެއްޗެއް ވެސް އޮންނާނީ ލޯކަލް ކައުންސިލުގެ އިންތިޚާބަށް. ލޯކަލް ކައުންސިލުގެ އިންތިޚާބުގެ ނަތީޖާ ނިމުނީމާ ބައެއް މީހުން މޮޅުވެގެން އުފާފާޅުކުރަން ވެސް އަނެއް ބަޔަކު ދެރަވެގެން ގެއަށް ވެސް ވަންނާނެ. ނަތީޖާއަކަށް ވާނީ، ވޯޓު ފޮށި ދަށުގައި މިކަން ބެލުމަށްޓަކައި އެއަށް އެއްވެސް ބަޔަކު ނުތިބުން. އަޅުގަނޑުމެން މިފަހަރު ލޯކަލް ކައުންސިލުގެ އިންތިޚާބަށް ކުރިމަތިލިރުގައި ބައެއް ރަށްތައް އެބަހުރި އަޅުގަނޑުމެންގެ އޮބްޒާވަރުން މޮނީޓަރުން ނެތް، ގާތްގަނޑަކަށް ތިރީހަކަށް ރަށް އެބަ އޮތް. އެތާ ވޯޓު ޕޮށި ދަށުގައި ތިބެ އޮބްޒާވު ކުރާނީ ނޫނީ މޮނިޓަރ ކުރާނެ ކޮންބައެއްތޯ؟ އެ ފުރުސަތު އަޅުގަނޑުމެން ބޭނުންވޭ. އެހެންވީމާ، މިހިރީ ވަރަށް ބޮޑެތި ކަންބޮޑުވުންތައް.
ހުޅުމާލެ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު

މީގެ އިތުރުން ނިޔާޒު ވިދާޅުވީ ރައީސް ޑރ.މުހައްމަދު މުއިއްޒު އާއި، އީސީގެ ރައީސް މުހައްމަދު ޒާހިދު ސިއްރިއްޔާތުގައި ބޭއްވެވި ބައްދަލު ކުރެއްވުމުގައި މަޝްވަރާ ކުރެއްވި ކަންކަމުން ނަތީޖާތައް ނެރެވޭނެ ހުރިހާ ގޮތަކަށް އިންތިޚާބުގެ ހުރިހާ ކަމެއް ކުރިއަށް ގެންދާ ކަމަށެވެ. 

ގިނަ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް ހައްލު ލިބޭނެ ކަމަށް އުންމީދު ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.