ހދ. ނޮޅިވަރަމުގެ ބޮޑު ސަރަހައްދަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިއްޖެ އެވެ. 

ރާއްޖެއެމްވީއަށް އެރަށުން މައުލޫމާތު ދިން މީހުން ބުނީ، ހުކުރު ދުވަހުގެ މެންދުރުފަހު 3:00 ހާއިރު ކަރަންޓުގެ ޚިދުމަތް ކެނޑުނު ގޮތަށް އަދިވެސް ނުލިބޭ ކަމަށާއި، ހުކުރު ދުވަހުގެ ރޭ އެއްކޮށް ހޭދަ ކުރީ ކަރަންޓާ ނުލައި އަނދިރީގައި ކަމަށެވެ. އަދި ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތުގައި ބައެއް ސަރަހައްދުތަކަށް އިރުކޮޅަކަށް ކަރަންޓު ލިބުނު ނަމަވެސް މިހާރު ކަރަންޓު ނުލިބޭ ކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން އޭނާ ބުނީ، ރަމަޟާން މަހު ކަރަންޓު ދިއުމުން ވަރަށް ދަތިވާ ކަމަށެވެ. އަދި ކުއްލިކުއްލި ކަރަންޓު ކެނޑުމަކީ ވެސް އިލެކްޓްރޯނިކް ސާމާނު ހަލާކުވާ ސަބަބެއް ކަމަށާއި، ހުރިހާ ގެއްލުމެއް ލިބެމުންދަނީ ރައްޔިތުންނަށް ކަމަށެވެ.

ގާތްގަނޑަކަށް 1900 އާބާދީއެއް އޮންނަ ނޮޅިވަރަމްއަށް ކަރަންޓު ލިބޭނެ އިރެއް ނޭނގޭއިރު، މިމައްސަލައާ ގުޅިގެން އެރަށުގެ ކައުންސިލްގެ ރައީސް ޔޫސުފް މޫސާ ވިދާޅުވީ ކޭބަލް އަކަށް މައްސަލަ ދިމާވެ ރަށުގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ. ކޭބަލް ރަނގަޅު ކުރުމުގެ މަސައްކަތް ފެނަކައިން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ކޭބަލްއަށް ދިމާވީ ސީދާ ކޮން މައްސަލައެއްކަން ނޭނގޭ ކަމަށެވެ. 

މި މައްސަލައާ ގުޅޭގޮތުން ފެނަކައިގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.