ޕީއެންސީން ބޭއްވި ސައިކަލް ބުރުގައި މޫސާ އަލީ ޖަލީލު އަރާ އިންނެވި ސައިކަލުގެ ވެރިފަރާތަކީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްކަން ރާއްޖެއެމްވީ އަށް ކަށަވަރުވެއްޖެ އެވެ.

އިތުބާރުހުރި ފަރާތަކުން ވިދާޅުވީ، ހުކުރު ދުވަހުގެ ހަވީރު ޕީއެންސީން ބޭއްވި ސައިކަލުގައި ބުރުގައި މޫސާ އަލީ ޖަލީލު އަރާ އިންނެވި ސައިކަލުގެ ވެރިފަރާތަކީ ކަސްޓަމްސް ކަމަށާއި، ވެހިކަލް ނަންބަރަކީ A0C6799 ކަމަށެވެ.
ދައުލަތުގެ ސައިކަލެއް ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލަށް ލިބުނު ގޮތާއި މެދު ސުވާލު އުފެދިފައިވާއިރު، މި ސައިކަލުގެ އަހަރީ ފީ މުއްދަތު ވެސް ވަނީ 28 ފެބްރުއަރީ 2026ށް ހަމަވެފަ އެވެ.
މިދިޔަ އަހަރު އެތެރެކޮށްފައިވާ މިސައިކަލުގައި ދުއްވާފައިވަނީ AA0C P6796 ބޯޑުގަ އެވެ. ނަމަވެސް 2014ގެ މޮޑެލްގެ ސައިކަލަކަށް މި ނަންބަރު ވަނީ ރެޖިސްޓްރީ ކޮށްފަ އެވެ.

ޕީއެންސީން ބޭއްވި ސައިކަލް ބުރުގައި މޫސާ އަލީ ޖަލީލު އަރާ އިންނެވި ސައިކަލުގައި ބޯޑު ނަންބަރު ދިމާވާ އަނެއް ސައިކަލު
މި މައްސަލައާ ގުޅިގެން ކަސްޓަމްސްގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފަ އެވެ.
ދެ ސައިކަލުގެ ފޮޓޯއާއެކު ސޯޝަލް މީޑިއާއަށް އާއްމުވެފައިވާއިރު، ގިނަ ބަޔަކު ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. ފާޑު ކިޔާ މީހުން ވަނީ އެއް ނަންބަރެއް ޖަހައިގެން ސައިކަލު ދުއްވުން ހުއްދައީތޯ އާއި، ގާނޫނު ދަމަހައްޓާ ގޮތާއި މެދު ސުވާލު އުފައްދާފަ އެވެ. އަދި މޫސާ އަލީ ޖަލީލު 1300ސީސީ ސައިކަލެއްގައި ފަރިވެފައި އިނުމުން އަދި ނުފުދޭ ކަމަށާއި، މި ކަމަށް ޖަވާބުދާރީވާން ޖެހޭ ކަމަށް ގިނަ ބަޔަކު ގޮވާލާފައިވެ އެވެ.
ވެހިކަލް ރަޖިސްޓްރީ ކުރަމުންދަނީ އެއް މިނިސްޓްރީ އަކުންކަން ފާހަގަކޮށް ބައެއް މީހުން ބުނީ އާއްމު ރައްޔިތުންގެ ކަންކަމުގައި ވަރަށް ބޮޑަށް އަނިޔާވެރިވާ ކަމަށާއި، ރާއްޖެއަށް ރަޖިސްޓްރީ ކޮށްފައި ހުންނަ އުޅަނދުގެ ޒޯނު ގޯސްވެގެން ބަހައްޓާފައި ހުއްޓާ އެތައް ބައެއްގެ އުޅަނދުތަކެއް ފުނޑައިގެން މިސަރުކާރުން ޓޯ ކުރަމުންދާ ކަމަށެވެ.