މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މަތިންދާބޯޓުތަކަށް ވިއްކާ ޖެޓް ފިއުލްގެ އަގު ބޮޑުކޮށްފި އެވެ.

އެ ކުންފުނިން މި ބަދަލު ގެނެސްފައިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެންނެވެ. މިއާއެކު ކުރިޔަށް މި އޮތް އީދު ޗުއްޓީ އާއި ދިމާކޮށް ވައިގެ މަގުން ކުރާ ދަތުރުފަތުރު ތަކުގެ އަގު ވަރަށް ބޮޑުވާނެ ކަމަށް ލަފާކުރެވެ އެވެ. 

އެމްއޭސީއެލް އާއި ހާވާލާދީ އިތުބާރު ހުރި މަސްދަރަކުން މާއުލޫމާތު ދިން ގޮތުގައި، ޖެޓް ފިއުލް ލިޓަރެއްގެ އަގު މިހާރު ވަނީ 1.19 ޑޮލަރުން 1.69 ޑޮލަރަށް އުފުލިފަ އެވެ. މިއީ 50 ސެންޓުގެ އިތުރުވުމެކެވެ. މި ބަދަލާއެކު ތެލުގެ އަގަށް ވަނީ 42 އިންސައްތައިގެ  އިތުރުވުމެއް އައިސްފަ އެވެ. މި އަގަށް ގެނައި ބަދަލާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި އެމްއޭސީއެލް އިން މެނޭޖްކުރާ އެހެނިހެން ވަސީލަތްތަކުން ޚިދުމަތް ހޯދާ އެއާލައިންތަކަށް މި ބަދަލުގެ އަސަރު ވަގުތުން ކުރާނެ އެވެ.

މައުލޫމާތު ލިބިފައި ވާގޮތުން ތެލުގެ އަގަށް މި ބަދަލު ގެންނަން ޖެހުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މަތިވަމުންދާތީ އެކަމުގެ ފިއްތުންތައް ކުރިމަތިވަމުންދާތީ އެވެ. އެމްއޭސީއެލް އަށް ޖެޓް ފިއުލް ފޯރުކޮށްދެނީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިންނެވެ. އެސްޓީއޯ އިން ތެޔޮ އެތެރެކުރަނީ މައިގަނޑު ގޮތެއްގައި އޮމާން ފަދަ ގައުމުތަކުން ކަމަށްވާއިރު، ބައިނަލްއަގުވާމީ ބާޒާރުގައި ސާފުނުކުރާ ތެލާއި ސާފުކޮށްފައިވާ ތެލުގެ އަގު އުފުލުމުން ރާއްޖެ އަށް އޭގެ ސީދާ އަސަރު ދަނީ ކުރަމުންނެވެ.

ފަހަކަށް އައިސް ބައިނަލްއަގުވާމީ ބާޒާރުގައި ޖެޓް ފިއުލްގެ އަގު ވަރަށް ބޮޑަށް އުފުލިފައިވަނީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެންނެވެ. މި ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރަށް ތެޔޮ ސަޕްލައިކުރުމުގައި ދަތިތަކެއް ކުރިމަތިވެ، ތެލުގެ އަގުތައް ވަނީ ކޮވިޑްގެ ބަލިމަޑުކަމަށްފަހު އެންމެ މަތިވި މިންވަރަށް އުފުލިފަ އެވެ. ރާއްޖެ އަކީ ތެލަށް މުޅިން ބަރޯސާވެފައިވާ ގައުމަކަށް ވުމުން، ބައިނަލްއަގުވާމީ ބާޒާރަށް އަންނަ މިފަދަ ލޮޅުންތަކުން ސަލާމަތްވުމަށް ރާއްޖެ އަށް އޮތް ފުރުސަތު ހަނިވެ އެވެ.

އެއާލައިންތަކުގެ ހިންގުމުގެ ޚަރަދުގެ ބޮޑު ބައެއް ތެލަށް ހޭދަކުރަންޖެހޭއިރު، މި ބަދަލާއެކު އެއާލައިންތަކުގެ ހިންގުމުގެ ޚަރަދު ބޮޑުވެގެންދާނެ އެވެ. މީގެ ސަބަބުން ބައެއް ރޫޓުތަކުގެ ޓިކެޓްގެ އަގު ބޮޑުކުރުމަކީ އެކަށީގެންވާ ކަމެކެވެ. މި ބަދަލުގެ އަސަރު އެންމެ ބޮޑަށް ކުރާނީ ކުދި ރީޖަނަލް އެއާލައިންތަކަށެވެ. ނަމަވެސް ތެލުގެ އަގު މިގޮތުގައި ދެމިއޮވެއްޖެނަމަ ބައިނަލްއަގުވާމީ ބޮޑެތި އެއާލައިންތަކުން ވެސް އަގުތަކަށް ބަދަލު ގެނައުމަކީ އެކަށީގެންވާ ކަމެކެވެ.

ޚާއްސަކޮށް ވާދަވެރިކަން ކުޑަ ރޫޓުތަކާއި މަދުން މީހުން އުފުލާ ފްލައިޓްތަކުގެ ޓިކެޓްގެ އަގު އުފުލުމުގެ ފުރުސަތު ބޮޑެވެ. ރާއްޖެއަކީ ތެޔޮ އިމްޕޯޓްކުރާ ގައުމަކަށް ވެފައި، އެސްޓީއޯ އިން އޮމާންގެ ސަޕްލަޔަރުންނަށް ބަރޯސާވާ މިންވަރު ބޮޑުވުމުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާ އެއްގޮތަށް ރާއްޖޭގެ ބާޒާރުގައި ވެސް އަގުތައް ބަދަލުވަމުންދާނެ އެވެ.