އައްޑޫ ހިތަދޫގައި ހުކުރު ދުވަހު ހަވީރު މަރުވެފައި އޮއްވާ ފެނުނު ބިދޭސީ ފިރިހެން މީހާއަކީ ވޯކް ވިސާގެ ދަށުން ރާއްޖޭގައި އުޅެމުންދިޔަ އޮސްޓްރޭލިއާގެ ރައްޔިތެއް ކަމަށް ފުލުހުން ހާމަކޮށްފި އެވެ.

ފުލުހުން ބުނީ މަރުވި މީހާއަކީ އުމުރުން 60 އަހަރުގެ އޮސްޓްރޭލިއާގެ ރައްޔިތެއް ކަމަށްވާ ޑެނިއަލް ޑީ ޖިއޮވީން ކަމަށެވެ. އޭނާއަކީ ވޯކް ވިސާގެ ދަށުން ރާއްޖޭގައި އުޅެމުންދިޔަ މީހެއް ކަމަށް ފުލުހުން ވަނީ ހާމަކޮށްފަ އެވެ.

މަރުވެފަ އޮތް މީހާގެ ހަށިގަނޑު ފެނިފައި ވަނީ ހިތަދޫ ފަތާ ޓްރެކް މޫދު ސަރަހައްދުންނެވެ. 

މަރުވެފަ އޮތް މީހާ ހުކުރު ދުވަހު ފުރަތަމަ ފެނުނު އިރު އެއީ ކާކުކަން ދެނެނުގަނެވިގެން ފުލުހުން ވަނީ އާއްމުންގެ އެހީތެރިކަމަށް އެދިފަ އެވެ. އޭރު ފުލުހުން ބުނިގޮތުގައި އޭނާ ގެއްލިގެން އުޅޭކަމުގެ ރިޕޯޓެއް ވެސް ފުލުހުންނަށް ލިބިފައެއް ނެތެވެ.

ނަމަވެސް ފުލުހުންގެ ތަހުގީގުގައި މަރުވި މީހާއަކީ ކާކުކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ. 

ފުލުހުން ބުނިގޮތުގައި މި މަރުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ފުލުހުން އަންނަނީ މައްސަލަ ތަހުގީގުކުރަމުންނެވެ. މި މަރުގެ ހާދިސާއާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައިވާ ކަމެއް ފާހަގަކޮށްފައެއް ނުވެ އެވެ.